"ކާޝީ... ޖާން.... އޭތް.... މިހާރު ދެން ހޭލަން ވެއްޖެ އިނގޭ..."
ނިދިބަރުވެފައިވާ އެސްފިޔަތައް އުފުލާލަމުން ކާޝިފް ބަލާލީ ދާދި ގާތުގައި ހުރި އޭނާގެ އަނބިމީހާއަށެވެ.
ފަތިހު ފޮޅުނު ތާޒާ ފިނިފެންމަލެއްހެން އެއްވެސް މޭކަޕެއް ނެތި ސާފު މޫނުމަތިން ހިނިތުންވުމެއް ދައްކައިގެން ހުރި ފަރްހީންގެ އަތުގައި ހިފާ ގާތަށް ދަމައިގަންނަމުން ކާޝިފް އަނެއްކާވެސް ލޯމަރާލިއެވެ.
"މިހާރު ދަމަކަށް އިރުއަރައިފި، ވަރަށް ބަނޑުހައިވެސް ވެއްޖެ، ތެދުވޭދެން...."
ފަރުހީން ހިނިތުންވަމުން ކާޝިފްގެ ކޯތާފަތުގައި މޫނުޖައްސާލިއެވެ.
"އޭހ،، އަނބިމީހާ، މިއަދަކީ ބޭރަށް ނުކުންނަ ދުވަހެއް ނޫނޭ، ސައިބޮވިދާނެއެއްނު، ކޮންމެވެސް އެއްޗެއް ގެންނަމާ،"
ކާޝިފު އެނދުން ތެދުވާ ފިކުރެއް ނުކުރިއެވެ. އެވަގުތު ކުއްލިއަކަށް ބޭރުން އެއިވުނީ ހިތުދަސް އަޑެކެވެ.
އެކަމަކު... މިގަޑީގައި މިގެއިން އެއަޑު އިވެންވީ ސަބަބެއް، އޯހް މާތްކަލާކޯއެވެ. އެއީ މާމަގެ އަޑެވެ. މާމަ އެހެރީ މިގެއަށް އައިހެވެ.
"ކޮބާހޭ ކާޝިފް، އޭހ މިހިރަ އަންހެންމީހާ، މިކިޔާއެއްޗެއް އަޑުނީވޭތަ؟ އަހަރެންގެ ދަރިފުޅު ކޮބާހޭ؟ އޭނައަށް ބިރުދައްކައިގެން ރަހީނުކުރި އަންހެންމީހާ ހުރި ތަނަކުން ނެރޭށޭ މިބުނަނީ..."
ކާޝިފު ތެދުވީ ފުންމައިގެނެވެ. ގައިގައި ރަޖާ އޮޅާލައިގެން އެނދުން ފުންމާލުމަށްފަހު އަލަމާރި ދޮރުފަތުގައި އަޅުވާފައި އޮތް ކުރުތާ ނަގައި ބޮލުން ވައްޓާލީ ސިކުންތެއްގެ ތެރޭގައެވެ.
"ކާޝީ، އެ، ކިހިނެއް ހަދާނީ..."
ދިރިއުޅުމުގެ އެތައް ބޮޑެތި ކަންކަމުގައި އެކަނިމާއެކަނި ކުރިމަތިލަމުން އައި ފަރުހީންގެ މުޅި ހަށިގަނޑު ރޫރޫއަޅަން ފަށައިފިއެވެ. ހަދާނެ އެއްގޮތްވެސް ނެތިގެން އެނދުން ފޭބި ގޮތަށް ގަބު އަރާފައި ހުރެވުނީއެވެ.
"ދޫންޏާ، ކަމްއޯން، ހިތްވަރު ކުރަން ވާނެ، މަމިހިރީނު...!"
ނިދާ ހެދުން ބަދަލު ކުރުމަށް ފަރުހީނަށް ހިތްވަރު ދެމުން ކާޝިފު ބުނެލިއެވެ. "ހިނގާ އަވަސްކޮށްގެން، އެނޫނީ ވަރަށް ގޯސްވެދާނެހެން ހީވަނީ..."
"ކާޝިފް މިގޭގައި އުޅޭތޯ ބަލަން އަޅުގަނޑުމެން މުޅި ގެ ޗެކްކުރަން ނުޖައްސަވާ، ހުރި ތަނަކުން ނުކުންނާށޭ ބުނޭ،"
ނަރުގިސް ހުރީ ގޮތްހުސްވެފައެވެ. ދިމާކުރިމަތީގައި މަތިހަށި ނަގައިގެން އެހެރީ ޒަހުރަބާންއާލަމެވެ. އޭނާއާއެކުގައި އައިސް އެތިބި ދެއަންހެނުންގެ ތެރެއިން އެކަކީ ކާޝިފް ގެ މަންމަކަން ނަރުގިސްއަށް އެނގެއެވެ. އެހެންނަމަވެސް ދެންތިބީ ކޮންބައެއްކަމެއް ނަރުގިސްއަކަށް ނޭނގެއެވެ. އެހެންނަމަވެސް މިހާރު ވާހަކަ އެ ދެއްކީ ފުލުހުންގެ މީހެއްކަން އޭނާއަށް އެނގެއެވެ.
"ކޮންމެހެން މުޅި ގެ ޗެކްކުރުމުގެ ތަކުލީފު އުފުލާނެ ކަމެއްނެތް!"
ކާޝިފްގެ އަޑު އެންމެންގެ ސަމާލުކަން ދަމައިގަތެވެ. ޒަހުރަބާންއާލަމްގެ ލޮލުން ހީވީ އަލިފާންކަނި ބުރައިގެން ދިޔަކަހަލައެވެ. ދިމާކުރިމަތިން ފެނުނު ކާޝިފު އެއްވެސް ހާސްކަމެއް ނެތް ގޮތެއްގައި ހުރުން ވީ އިތުރަށް ޒަހުރަބާންގެ ރުޅިގަނޑު ކެކި އަރައިގެން ދިޔަކަހަލައެވެ.
"އާލަމް އާއިލާގެ އަބުރާއި އިއްޒަތަކީ މިކަހަލަ ބާޒާރުމަތީގެ ގެތަކުގެ ޒީނަތަށް ވެގެނެއް ނުވާނެ، ކުޑައިރުކޮޅަކަށް އުކުޅުތަކަކާއި ސިހުރުވެރިކަމުގައި ޖެހުނީކަމަށް ގަބޫލު ކުރެވިދާނެ، އެއީ މޮޔަކަމުން ޅަކަމުން ވީކަމަކަށް ހަދައި ދޫކޮށްލެވިދާނެ، އެކަމަކު ދެވަނަ ފަހަރަކު މިފަދަ ކަމެއްވާކަށް ފުރުސަތެއް ނުދެވޭނެ، ކާޝިފް، ގެއަށް ދާން ހިނގާ،"
ޒަހުރަބާންގެ އަޑު ބާރެވެ.
"ގާނޫނާއި ގަވާއިދުގެ ތެރެއިން ގެންދަން ޖެހިއްޖެނަމަ މަންޒަރު ރީއްޗެއް ނުވާނެ،" ކާޝިފު އޭނާގެ ގާތުގައި ހުރި ފަރުހީން އަތުގައި ބާރަށް ހިފަހައްޓާލިއެވެ.
"މާމާ، މަންމާ، މިއީ މިހާރު އަހަރެންގެ ގެއަކީ، މިއީ އަހަރެންގެ އަނބިމީހާ،"
ކާޝިފު ހިތްވަރުކޮށްލާފައި ބުނެލިއެވެ.
"ކާކު ދެނެހުރި ކަމެއް؟ ހިތުހުރި ގޮތަކަށް އަނބިން ހޯދޭތަ؟ ބޭނުންއިރަކު ބޭނުންގޮތަކަށް ކަންކުރާހާ ކާޝިފް ބޮޑުވިކަމެއް އަހަރެމެން ނުދެނެހުރިން، ތިމާއަށްވުރެ ފަނަރަސޯޅައަހަރު ދޮށީ އަންހެނަކާއެކު ކައިވެނި ކުރެވޭތަ؟ ތިހެން ތިކަން ވެދާނެތީ ކަމާބެހޭ ފަރާތުން މީހުން ގޮވައިގެން އައީވެސް، އަހަރެމެންގެ ކުޑަކުޑަ ކުއްޖަކަށް ކުލަވަރު ދައްކައިގެން ކަސިޔާރުކޮށްގެން ގެއަށް ވައްދައިގެން އުޅޭކަން އެނގޭތީ...."
ނަރުގިސްއަށް ހިންދިރުވާލެވުނެވެ. ހަދާނެ ގޮތް ހުސްވެފައި ފާރު ކައިރިއަށް ޖެހިލީ ދާދި ގާތުގައި ހުރި ކޮޓަރިތެރޭގައި ތިބި ދެކުދިން ބޭރަށް ނުކުމެދާނެތީ އެކަން މަނާކުރާނެ ގޮތަކާމެދު ވިސްނަމުންނެވެ. އެކުދިންނަށް މިމަންޒަރު ފެންނާކަށް އަދި އަޑުއިވޭކަށް އޭނާ ބޭނުމެއް ނޫނެވެ. ދެން ހުރީ ފަރުހީނެވެ. ދެކުދިންނަށް އެއްވެސް ނޭދެވޭ އަސަރެއް ފޯރަން އޭނާ ފަހަރެއްގައިވެސް ފުރުސަތު ނުދޭނެކަން ނަރުގިސްއަށް ވަރަށް ރަނގަޅަށް އެނގެއެވެ.
"ކާޝިފް....އިހަށް ގެއަށް ދޭ، ކަންކަން ހަމައަކަށް އެޅެން ވަގުތު ނަގާނެ، އަހަރެން މަޑުކުރާނަން، މައްސަލަ ގޯހުން ގޯހަށް ދާކަށް އަހަރެން ނޭދެން...."
ފަރުހީނަށް ނަރުގިސްގެ ހާލަތު ތަސައްވުރު ކުރެވުނީކަމަށްވެސް ވެދާނެއެވެ. ހެނދުނު ހެނދުނާ ގޭތެރޭގައި މިފަދަ ހައިޖާނެއް ހިނގައިގެން އުޅޭކަން އެއްވެސް އެހެން މީހަކަށް އެނގޭކަށްވެސް އޭނާ ނޭދެއެވެ.
ހަގީގަތަކީ އެވަގުތު ފަރުހީންގެ ހިތް ގެބެމުންދާކަމެވެ. އެހިތުގައި ޒަމާންތަކެއް ކުރިން ކުރަލާފައިވާ ޒަހަމްތައްވެސް އަލުން ތާޒާވެގެންދިޔަކަހަލައެވެ. ކައިވެނީގެ ފޮނިމީރު، އަލަތުލޯބީގެ ހިތްހަމަޖެހުމާއި އުފާ، ލައްޒަތާއި އަރާމު ހަމައެންމެ ހިނދުކޮޅެއްގެ ތެރޭގައި ވަޔަށް ބުރައިގެން ގޮސް ގެއްލި ނިމިދިޔަފަދައެވެ.
"ކީކޭ....ހީނާ މޮޔަވީތަ؟ ތި ކިޔޭ އެއްޗެއް އެނގޭތަ؟ ބަލަ އަހަރެން މިހިރީ ބޮޑު ކުށެއް ކޮށްގެނެއް ނޫނޭ، ނުވަތަ މަށަކީ އަށާރަ އަހަރު ނުފުރޭ ކުޑަކުއްޖެއްވެސް ނޫނޭ، ތަސައްރަފު ފުދިފައި ހުރި ބޮޑުމީހަކަށްވާތީތާ ޝަރުއީ ކޯޓަކުން ކައިވެނިކޮށްދޭނީ، ވައްކަމެއް ކޮށްގެން އުޅޭމީހެއްހެން އަހަރެން ފިލަންވީސަބަބެއް ނެތޭ،"
ކާޝިފަކީ ގޮތްދޫނުކުރާ މިޒާޖެއްގެ ބޯހަރު ޒުވާނެއްކަން އެންމެނަށްވެސް އެނގެއެވެ. ގަބޫލުކުރިއަސް ނުކުރިއަސް އެސިފަތައް އޭނާއަށް ވާރުތަ ވެފައިވަނީ ޒަހުރަބާންގެ ފަރާތުންކަން އެންމެނަށްވެސް އެނގެއެވެ. ޒަހުރަބާންގެ ހުންނަ ހަރުކަށިކަމާއި ބަސްމަގު ކާޝިފަށް ލިބިފައިވަނީ ހަމައެންމެ ފުރިހަމައަށެވެ.
"އުނހު.....އިހަށް ދޭ، ކަންތައްތައް ހަމައަކަށް އެޅެން ވަގުތު ނަގާނެ، އެހެންނޫނަސް އައިސް އެތިބީ ބީރައްޓެހި ދުރުބައެއްނޫނޭ، ކާޝިފްގެ މައިންބަފައިން، އާއިލާ، އަހަންނަށްވުރެ އެމީހުނަށް އިސްކަންދޭން ޖެހޭނެ، ބޮޑު ކަންތައްގަނޑަކަށް ވުމުގެ ކުރިން ގެއަށް ދިއުން ރަނގަޅުވާނީ...."
ފަރުހީން ހަމަޖެހިލެވޭތޯ ބަލަމުން ވާހަކަދެއްކިއެވެ.
ހަމަހިމޭނުން ހުރި ނަރުގިސްއަށް ކުރިމަތިން ފެނުނީ އަހަރުތަކެއް ކުރީގެ ހަރުކަށި ފަރުހީނެވެ. ރޭގައި ކޮޓަރިއަށް ދިޔުމާ ހަމައަށް ހުރި ފުރާވަރުގެ އަންހެންކުއްޖެއްގެ ސިފަ މިހާރު އެހެރީ ބަދަލުވެފައެވެ. ވޭތުވެދިޔަ މަދު ދުވަސްކޮޅު ތެރޭގައި އުފަލުން ރަކިވެފައި ހުރެ އޮޅެމުން ދުވެ އުޅުނު ފަރުހީންގެ މިޒާޖާއި ބަސް އެހެރީ އަނެއްކާވެސް އޭގެ އަސްލަށް ރުޖޫއަވެފައެވެ. ނުވަތަ އެއީ ފަރުހީންގެ އަސްލުކަމަށް ބަލައިގެން އޭނާ އަމިއްލައަށް ގަބޫލުކޮށްގެން ހުންނަ ސިފަތަކެވެ.
އެއްވެސް ކަމެއްގައި އޭނާއާއި އޭނާގެ އާއިލާއަށް އެއްވެސް ދިމާއަކުން އިނގިލި ދިއްކުރާކަށް ފަރުހީން ފުރުސަތެއް ނުދޭނެއެވެ. މައިންބަފައިން ވަކިވެ، ޅައުމުރުގައި މަޔަކަށްވެ އެތައް ބޮޑެތި ޒިންމާތަކެއް އުފުލަން ތެދުވި ފަރުހީންގެ ކިބައިގައި އެހުންނަނީ ޔަގީނުން ވެސް ދުރުން އަންނަ މީހުންނަށް ހަނގުރާމަ ކުރެވޭވަރަށްވުރެ ގަދަފަދަ ސިފަތަކެކެވެ.
"ނުދާނަން، މިއީ އަހަރެންގެ އަމިއްލަ ދިރިއުޅުން، މިދިރިއުޅުން ހިޔާރު ކުރީ އަހަރެން އަމިއްލައަށް، މަގޭ ހިތްހަމަޖެހުމާއި މަގޭ އަމިއްލަ އުފާތަކަށް އަމުރު ހިންގަން އެހެން ބަޔަކަށް އަހަރެން ހުއްދައެއް ނުދެން،"
ކާޝިފު ގޮތްދޫކުރާކަށް ގަސްދެއް ނުކުރިއެވެ.
"ކާޝިފުގެ މަންމާ، ކާޝިފު އެހެން ދައްކާ ވާހަކައަކަށް ސަމާލުކަން ދޭނެކަމެއްނެތް، ގޮވައިގެން ދޭ، މިއީ ޒުވާބުކޮށް އަޑުގަދަކޮށް ފުލުހުން މެދަށް ލައިގެން ހަމަޖައްސަން ޖެހޭވަރުގެ ކަމެއްނޫނެ، ވާހަކަދައްކައިގެން ހައްލުނުކުރެވޭނެކަމެއް ނޯންނާނެ،"
ކާޝިފުގެ ފަރާތުން ތަފާތެއް ނުފެންނާނެކަން އެނގުމުން ފަރުހީން ކާޝިފުގެ މަންމަ ވަކީލާއަށް ބަލާލަމުން ވާހަކަދެއްކިއެވެ.
"މިހިނގާ ދިޔަ ކަންތަކުގެ ބަދަލުގައި ބޭނުން އަގެއް ކިޔާ، އަހަރެމެން މިތިބީ އަހަރެމެންގެ ދަރިފުޅު ބަލާ އައިސް، އަހަރުމެންނަށް އެނގޭ މިއީ ހައްތާވެސް ފައިސާއާއި މުދަލުގެ ދަހިވެތިކަމުގައި ކޮށްފަ ހުރި ކަންތައްތަކެއްކަން، ޒިންމާތަކެއް ބޮލުގައި އޮތީމަ މޮޅު އެއްޗެއް ކުޅެލީތާ، ދަރިންނަށް މުއްސަނދި...."
ޒަހުރަބާންގެ އަޑުގައި ހުރީ މަލާމާތާއި ފުރައްސާރައެވެ. އެކަމަކު އެހިސާބަށް ބުނެވުނުތަނާހެން ފަރުހީންގެ އަޑު އެންމެން ސިއްސާލިއެވެ. ޒަހުރަބާންގެ ވާހަކަ މެދުކަނޑާލީ ފަރުހީންގެ ރުޅިވެރި ހަރުކަށި އަޑެވެ. މިއީ ވެދާނެކަމަށް ހިތަށް އަރާފައި، ނަރުގިސް ބިރުން އުޅުނު ކަންތަކެވެ. ކުދިންނަށް އެއްވެސް ކަހަލަ ބަދު ބަހެއް ބުނާ އަޑު އަހާކަށް ފަރުހީން ކެތެއް ނުކުރާނެއެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީވެސް އޭނާއަށް ނޫންހެއްޔެވެ.
"އޭތް...ޒަހުރަބާންއާލަމް...."
ގޭގެ ހަތަރުފާރުވެސް ގުޑައިގެން ދިޔަކަހަލައެވެ. އެންމެންގެ ދެލޯ ހައިރާންކަމާއެކު ފަރުހީނަށް ސީދާ ކުރެވުނެވެ. ދެފިޔަވަޅެއް ވަރު ކުރިއަށް އަޅާލި ގޮތަށް ފަރުހީންގެ އަނދައަނދާ ހުރި ލޮލުން ޒަހުރަބާންއާލަމާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"ބުނަން، އަހަރެންގެ ދެކުދިން މިދެމެދަށް ނުވައްދާ. އަހަރެންގެ ދެކުދިންނަކީ އެއްވެސް މީހަކަށް ތުރާލެއް ޖައްސައިގެން ގެންގުޅޭ ދެކުދިން ނޫން، އާނ، އެހެންމީހުން ދަރިން ގެންގުޅޭހެނެއް ނޫން އަހަރެން ދަރިން ގެންގުޅެނީ، އަހަރެންގެ ދަރިންނާ ދިމާއަށް އިނގިލި ދިއްކުރެވޭނެ އެއްވެސް ހައިސިއްޔަތެއް އޮތިއްޔާ އޮންނާނީ އަހަރެންގެ މިހިރަ ދައްތައަށް، އެނޫނީ އެކުދިންނާ ދިމާއަށް ބަހެއް ބުނުމުގެ ހައްގެއް އެއްވެސް މީހަކަށް އަހަރެން ނުދެން، އަދި ނުވެސް ދޭނަން..."
ފަރުހީންގެ އެބަސްތަކުން ނަރުގިސްގެ ހިތް ވިރިގެން ދިޔަކަހަލައެވެ. ލޯބިވާ ކޮއްކޮއަކީ ކޮންފަދަ ހިތްވަރެއް ހުންނަ އަންހެނެއްކަން އޭނާއަށްވުރެ ވަކިން ރަނގަޅަށް އެނގޭނެ އެހެން މީހަކު މިދުނިޔެއަކު ނުހުންނާނެއެވެ.
"އަދި ބުނަން، ދެންމެ ތިދެއްކި ވާހަކަ......ތީ ވަރަށް ބޮޑު ކުށްހީއެއް، އަހަރެން މިއީ ފައިސާއާއި މުދާ ނެތިގެން އުޅޭމީހެއްނޫން، މިއަދު އެއްވެސް މަސައްކަތެއް ނުކޮށް ހުއްޓާލިއަސް އަހަންނާއި އަހަރެންގެ އާއިލާއަށް ހަމަޖެހިގެން ކުރިއަށް އޮތް ވިއްސަކަށް އަހަރުވެސް އުޅެވިދާނެ، އަހަރެން ކާޝިފަށް ވިސްނައިދިނިން، ކިތަންމެ ފަހަރަކު ބުނެދިނިން، އަހަންނެއް ނުދަން ކާޝިފު ފަހަތަކުންނެއް، މިހާރުވެސް ކާޝިފުވެސް އަދި ކާޝިފުގެ އާއިލާވެސް ތިތިބީ އަހަރެންގެ އަމިއްލަ ގޭގައި، އަހަރެން އެއްވެސް މީހެއްގެ ގެދޮރަށް ވަދެ އެއްވެސް މީހަކަށް މަކަރާއި ހީލަތުން ދަޅަ ދައްކައިގެން ނުގެންނަން...."
ފަރުހީން އެނބުރިލީ ކާޝިފާ ދިމާއަށެވެ.
"ކާޝިފު، ތީ އަހަރެންގެ ފިރިމީހާކަން ގަބޫލުކުރަން، އަދި ދީނާއި ގާނޫނުގެ ހަމަތަކުގެ މަތިން އުމުރުން އަހަންނަށްވުރެ ކިތަންމެ ހަގަސް އަހަރެންގެ މައްޗަށް އަމުރު ހިންގޭނެކަންވެސް ގަބޫލުކުރަން، އެހެންވިޔަސް މިވަގުތަށް އެންމެ ރަގަޅު ވާނީ ކާޝިފު ދިޔައިއްޔާ، އަހަރެން މަޑުކުރާނަން. ކޮންމެ އިރަކުން އެނބުރިއަޔަސް އަންނަންދެން ހުންނާނަން، އެކަމަކު ކަލާނގެ ރަސްކަންފުޅަށްޓަކައި އިހަށް މިވަގުތުދޭ...."
އޭރު ވަރަށް ހިތްވަރު ކުރުމާއެކު ވެސް ފަރުހީންގެ އަޑު ބެދިއްޖެއެވެ. އޭނާގެ ލޮލުގެ ލޭނާރުތައް ރަތްވެ ދެލޯ ދުޅަވަނީއެވެ. ކަރުނަ ހިފަހައްޓައިގެން ހުރެހުރެ ލޮލުގެ ބޮނޑި ދުޅަވެއަރަނީއެވެ. އެސްފިޔަތައް ވަރުބަލިވެ އެހަނިދާއިރާ ފަހަނައަޅައި ކަރުނަތައް މިނިވަންކޮށްދޭން އެދި އާދޭސް ކުރަނީއެވެ.
އެކަމަކު.... ފަރުހީނަކީ އެހާ ފަސޭހައިން ރޯނޭ އަންހެނެއް ނޫނެވެ. އޭނާގެ ކަރުނައަކީވެސް އޭނާގެ އަމިއްލަ ބާރު ހިންގާ އެއްޗެކެވެ. އޭނާގެ ހުއްދައާ ނުލައި އެކަރުނައަކަށް އޭގެ ޖާގަ ދޫކޮށްލާކަށް ނުކެރޭނެއެވެ.
"އަޑު އިވިއްޖެއެއްނު....ދޭ...."
ފަރުހީން ދުރުދުރުގައި ފިޔަވަޅުއަޅަމުން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ވަދެ ދޮރުލައްޕާލި ވަރަށްވުރެ އަވަހަށް އަނެއްކާވެސް ނުކުމެގެން އައިސްފިއެވެ. އޭނާއައީ ކާޝިފުގެ ފޯނާއި ވޮލެޓް އަދި ޖެކެޓް ހިފައިގެންނެވެ.
"އިހަށްދޭ، އަހަރެން އިންތިޒާރުކުރާނަން، މިވަގުތު އެންމެ ރަނގަޅު ގޮތަކީ ދިއުން، އެހެންނޫނަސް މައިންބަފައިން މޫނުގައި ކޮޅުފައިން ޖެހުމަކީ އެމީހުން ބަދުނާމުކޮށް ހުތުރުކުރުމަކީ އަހަރެންގެ ކާޝިފުގެ ސިފައެއް ނޫން...."
ކުޑަކުއްޖަކަށް ނަސޭހަތްދޭ ފަދައިން ފަރުހީން ކާޝިފަށް ވިސްނައިދިނެވެ. އަދި އެއީ އެންމެ ރަނގަޅުގޮތްކަމަށް ކާޝިފަށްވެސް އިހުސާސްކުރެވުނީ ކަހަލައެވެ.
"ވަރަށް އަވަހަށް އަންނާނަން، ޕްލީޒް. އަހަރެން އަންނަންދެން މަޑުކުރާތި، އެއްވެސް ތާކަށް ނުދާތި..."
ކާޝިފު ފަރުހީންގެ އަތުގައި ހިފާ ބާރުކޮށްލަމުން ބުންޏެވެ، އަދިދެން ފުންނޭވާއެއް ލަމުން އޭނާގެ އާއިލާ މީހުންނާ ދިމާއަށް ހިނގައިގަތެވެ.
ޒަހުރަބާންއާލަމާއި އޭނާއާއެކުގައި އައި މީހުންނާއެކު ކާޝިފު ހިނގައްޖެއެވެ. އަދި މުޅި ގޭތެރެއަށް މަރުގެ ހިމޭންކަމެއް ވެރިވެގެން ދިޔަކަހަލައެވެ. އެހިމޭންކަމުގެ ތެރެއިން މަޑުގިސްލުމެއްގެ އަޑު އިވެން ފެށީ އިރުކޮޅެއް ފަހުން ފަރުހީން ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލި އަޑާއެކުގައެވެ. ބޭރު ބޮޑުކޮޓަރީ ސޯފާއެއްގެ ކަނުގައި އިން ނަރުގިސްއަށް އެއަޑު އިވެމުންދިޔައީ ވޭނާއި ރިހުމުން ފުރިގެންވާ އަސަރުތަކެއް އެކުލެވިފައިވާ ރާގެއްގައެވެ. ކޮއްކޮގެ އެހާލަށްޓަކައި ކުރެވޭނެ އެއްކަމެއް މިފަހަރުވެސް ނަރުގިސްއަކަށް ނެތެވެ.
(ނުނިމޭ)