ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ކޯރަމް ހަމަނުވެގެން މިދިޔަ ހަފުތާގެ ޖަލްސާތައް ނުބޭއްވި ދިއުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އެންމެ މައްސަލައެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުނ،ް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދާނެ ގޮތަކާމެދު ގޮތެއް ނިންމުމުގެ މައްސަލައެވެ.

މަޖިލިހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީގެ 54 މެމްބަރުން ސޮޔާ އެކު މިދިޔަ ޖޫން މަހުއެވެ.

މަޖިލިސް ގަވާއިދުގައިވާގޮތުގެ މަތިން އެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ވެސް މީގެކުރިން ފޮނުވިއެވެ. ނަމަވެސް މިދިޔަ ޖުލައި މަސް ނިމުމުން، މަޖިލިސް ޗުއްޓީ އަށް ދިޔައީ އެ މައްސަލަ އެޖެންޑާ ނުކޮށެވެ. އޭރު ވެސް އޮތީ މަޖިލިސް ކޮމިޓީގެ މަސައްކަތްތައް ހުއްޓުވައި، މަޖިލީހުގައި މަރުތަޅު އަޅުވައިފައެވެ.

އެއީ މަޖިލީހުގެ ރައީސްގެ އިތުރުން ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲގެ އިތުބާރު ނެތް ކަމަށްވެސް ހުށަހެޅުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މިހާތަނަށް މަޖިލިސް ރައީސް ވިދާޅުވަމުން ގެއްދެވީ އެ ދެބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެ މައްސަލަތައް މަޖިލީހުގެ އެޖެންޑާއަށްވެސް ނުގެންނެވީ އެ މައްސަލައިގައި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެއާއެކު އެ މައްސަލަތައް އެޖެންޑާއަށް ނުގެންނަވަނީ، މަޖިލީހުގެ ދާއިމީ ކޮމިޓިތައް ނުހިނގާތީ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހުއްޓުވައި ލެއްވީ، އެމްޑީޕީގެ ތެރޭގައި އުފެދުނު ދެބަސް ވުމާއެކު އެ ޕާޓިގެ މަޖިލިސް 13 މެންބަރުން ޕާޓީން ވަކިވުމާ ގުޅިގެން ދައިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން މެންބަރުން ހިމެނޭ ނިސްބަތަށް އައި ބަދަލު މަޖިލީހުން ފާސްކުރުމަށްޓަކައެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލް ކުރަނީ، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުން ތިބޭ ނިސްބަތުންނެވެ.

އެ މައްސަލައިގައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ ދާއިމީ ކޮމިޓީ ނުހިނގުމަކީވެސް އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް އެޖެންޑާ ނުކުރާ ސަބަބެއް ކަމަށް މަޖިލިސް ރައީސް ގެންދެވީ ވިދާޅުވަމުންނެވެ. އެއީ މަޖިލީހަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަަލަ ތަކާމެދު މަޖިލީހުގައި ބަހުސް ކުރާނެ ވަގުތާއި އެ މައްސަލައިގައި މެންބަރުން ވާހަކަ ދައްކަވާނެ ވަގުތު ކަނޑައަޅުމުގެ ބާރު މަޖިލިސް ގަވާއިދުގެ ދަށުން އެ ކޮމިޓީއަށް މަތިކޮށްފައިވާތީއެވެ.

ނަމަވެސް މަޖިލީހުގެ ދާއިމީ ކޮމިޓީތައް ތަމްސީލުވާ ނިސްބަތަށް ބަދަލު ގެނައުމުގެ މަސައްކަތް، ޕާޓީތަކަށް އެއްބަސްވުމަކަށް ނާދެވެމުން އެ މައްސަލައަށް އަދި ވަނީ ގޮތެއް ނުނިމިއެވެ. އެންމެފަހުން މަޖިލީހުގައި ބަހުސް ކުރީ އެމައްސަލައިގައެވެ. ނަމވެސް މިހާތަަނަަށް އެ މައްސަލައަށް މަޖިލީހުން ގޮތެއް ފާސްކޮށްފައެއް ނުވެއެވެ.