ރިޔާސީ އިންތިހާބުން ބަލިވި ނަމަވެސް އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ފާރިސްއަށް ލިބިވަޑައިގެންނެވީ 3،000 އެއްހާ ވޯޓެވެ.

ރިޔާސީ އިންތިހާބުގައި އޭނާއަށް ވޯޓު ދެއްވި މީހުންނަށް ޝުކުރު އަދާކޮށް ފާރިސް މިރޭ ކުރެއްވި ޓުވީޓެއްގައި ވޯޓުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ކުރިއަށް އޮތްތަނުގައިވެސް އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވި އިރު، އެ އިންތިހާބުގެ ފުރަތަމަ ބުރުން ކުރި ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ދެވަނަ ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގައެވެ.