އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފިއެވެ.

ރައީސް ވޯޓު ލެއްވީ، ޖަމާލުއްދީން ސްކޫލުގައި ހުންނަ ހިންނަވަރު ރައްޔިތުން ވޯޓުލާ ޅ. އަތޮޅުގެ އެއް ނަންބަރު ވޯޓު ފޮއްޓަށެވެ. ރައީސް ވޯޓު ލައްވާފައިވަނީ މިއަދު ހެނދުނު 10:47 ގައެވެ.

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ، މި އިންތިހާބުގައި 80 ޕަސަންޓާއި 90 ޕަސަންޓާ ދޭތެރޭގެ އަދަދަކަށް ވޯޓުލާނެ ކަމަށް ބެލެވޭ ކަމަށާއި ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ ރަނގަޅަށް ކަމަށެވެ.

ރައީސް ސޯލިހު ވޯޓު ލައްވާފައިވާ އިރު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި އަމިއްލަގޮތުން ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން މިހާތަނަށް ވަނީ މިހާތަނަށް ވޯޓު ލައްވައިފައެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

މި އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރާ އިރު، އެ އިންތިހާބުގައި 282،395 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިިބިފައިވެއެވެ. އަދި ޖުމުލަ 574 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ.