ހުކުރު ދުވަހު ކުރެވޭ އެންމެ މާތް މަތިވެރި އަޅުކަމަކީ ހުކުރު ނަމާދު ކަމަށާއި ދުންޔަވީ މަސައްކަތުން ދުރުވެ ހުކުރު ނަމާދަށް އަވަސްވެގަންނަ މީހަކީ ބޮޑުވެގެންވާ ނަސީބުވެރިއެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ހުކުރުގެ ދަރުމައާއި ސަވާބު ހެޔޮގޮތުގައި ލިބިގަންނާށެވެ!" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ހުކުރު ދުވަހަކީ އެ ދުވަހެއްގައި އިންސާނީ ނަސްލު ފެށުންކަމުގައިވާ މުޅި އިންސާނިއްޔަތުގެ ބައްޕަ އާދަމްގެފާނު ހަލްގު ކުރެއްވި ތާރީހީ ދުވަސް ކަމަށެވެ.
އަދި އެކަލޭގެފާނު ސުވަރުގެ ވެއްދެވުނީވެސް އަދި ސުވަރުގެއިން ނެރެވުނީވެސް ހުކުރު ދުވަހު ކަމަށާއި ހުކުރު ދުވަހެއްގައި ނޫނީ ގިޔާމަތް ގާއިމު ނުވާނެ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ، ހުކުރު ދުވަހަކީ އެ ދުވަހެއްގައި ދުއާ އިޖާބަ ކުރައްވާ ހާއްސަ ވަގުތެއްވާ ދުވަހެއް ކަމަށާއި އެ ވަގުތަކީ ހުކުރު ދުވަހުގެ އަސްރު ނަމާދަށްފަހު އިރު އޮއްސުމާ ދެމެދުގެ ވަގުތުގެ ތެރޭގައި ހިމެނޭ ވަގުތު ކޮޅެއްކަމުގައި އައިސްފައިވާ ކަމަށެވެ. ނުވަތަ އެއީ އިމާމު މީހާ މިންބަރަށް އެރީއްސުރެ ހުކުރު ނަމާދުކޮށް އަވަދިވެއްޖެއުމާ ދެމެދުގައި އެވާ ވަގުތުގެ ތެރޭގައި ހިމެނޭ ހިނދު ކޮޅެއްކަމުގައިވެސް ރިވާވެގެންވާ ކަމަށެވެ.
ހުކުރު ދުވަހަކީ ހަފުތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، މާތް ﷲ އެފަދަ މަތިވެރިވެގެންވާ ހެޔޮކަމުގެ މޫސުންތައް ކެނޑި ނޭޅި ތަކުރާރުކޮށް އިންސާނުންނަށް ދެއްވަނީ ހެޔޮ ގޮތުގައި އެ ފުރުސަތުތަކުގެ ބޭނުން ހިފައި، އެކަމުގެ ސަބަބުން ފާފަތައް ފުހެވި، ތިމާގެ ހެޔޮ އަމަލުތަކުގެ ފަތް ބަރުވެ، ދެ ދުނިޔޭގެ ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމަށްޓަކާ ކަމަށެވެ.
އެހެނީ އިންސާނާއަކީ އަބަދާއި އަބަދު ފާފައަށް ހުށަހެޅިފައިވާ ނިކަމެތި މީހަކަށް ވީހިނދު، އެބައިމީހުންގެ ވެރިރަސްކަލާނގެ ހަޟްރަތުން އެފަދަ ދީލަތި ފުރުސަތުތަކެއް ނުލިބޭ ނަމަ، އިންސާނާ ވާނީ ބޮޑުވެގެންވާ ހަލާކެއްގެ ތެރޭގައި ކަމަށް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ، ހުކުރު ދުވަހުގެ ހުތުބާ ފެށުމަށްފަހު ހުކުރަށް އަންނަ މީހުންނަކީ ހުކުރަށް ހާޟިރުވި މީހުން ލިޔުއްވުމަށް މާތް ﷲ ހާއްސަ ކުރައްވާފައިވާ މަލާއިކަތުންގެ ފަތްފުށްތަކުގައި ލިޔެވޭނެ ބައެއް ނޫން ކަމަށާއި ހުކުރު ނަމާދަށް މާތް ﷲ ހާއްސަ ކުރައްވާފައިވާ ދަރުމައާއި ސަވާބުގެ ވަރަށް ބޮޑުބައެއް އެފަދަ މީހުންނަށް އުނިވާނެ ކަމަށެވެ.
ނަމަވެސް މެންދުރު ނަމާދުގެ ބަދަލުގައި އެ މީހުންގެ އެ ނަމާދު ގަބޫލުކުރައްވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، މަގުބޫލު އުޒުރަކާ ނުލައި ހުކުރު ނަމާދަށް ނައިސް ތިބުމީ އެބައިމީހުންގެ ހިތުގައި ސިއްކަޖެހި ބަންދުވާނެ ކަމެއް ކަމަށާއި ތިމާގެ ފުރާނައަށް ނުވަތަ މުދަލަށް އަމާންކަން ނެތުން ފަދަ ޝަރުއީ އުޒުރަކާ ލައިގެން މެނުވީ ހުކުރު ނަމާދު ދޫކުރުމަކީ ބޮޑު ފާފައެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު