ހުރިހާ ކަމެއްގެ މައްޗަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިސްކުރައްވަނީ ކެތްތެރިކަން ކަމަށް އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުގެ މިޒާޖުފުޅުތަކުގެ ތެރެއިން ކޯފާ އިސްކުރެއްވުމާ ބެހޭގޮތުން، ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ފަޒްނާ މިއަދު ވިދާޅުވީ، "އިބޫއަކީ ވެސް ހަމަ އިންސާނެއް، އެހެންވީމަ ހަމަ ހުރިހާ އިހުސާސެއްވެސް ހުންނާނެ، ކޯފާވެސް ވާނެ، ދެރަވެސް ވާނެ، ހިނިވެސް އަންނާނެ،" ކަމަށެވެ.
އެހެން ނަމަވެސް އަންނަ ހުރިހާ ރުޅިއަކާއި ދިމާވާ ހުރިހާ ކަމެއްގައި އިބޫ އިސް ކުރައްވަނީ ކެތްތެރިކަން ކަމަށް ފަޒްނާ ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ހުރިހާ ރުޅިއެއްވެސް، އިބޫއާ އެ ދިމާވާ އިމްތިހާންތަކުގައި އިބޫ އިސްކުރައްވަނީ ކެތްތެރިކަން، އެހެންވީމާ މީހުންނަށް އެ ސިފަތައް އެ ނުފެންނަނީ،"
ސިޔާސީ ހިޔާޅުތަފާތުވުންތަކުގެ ތެރެއިން ފަޒްނާގެ އާއިލާ ދެބައިވެ، އެއް ބަޔަކު ރައީސް ސޯލިހާ ދެކޮޅަށް ނުކުމެ، އެމަނިކުފާނަށް ކިޔަމުންދިޔަ ފާޑުވިދާޅުވުންތަކާ ގުޅިގެން ފަޒްނާ ވިދާޅުވީ، "އެއީ ދިމާވި އުނދަގޫކަމެއް، ދެން އަޅުގަނޑު ހަދަން ފެށި ގޮތަކީ އެއްވެސް އެއްޗެއް އަޑުނާހަން ފެށީ، އަޅުގަނޑު ރައްޓެއްސަކު އޭގެ އެއްޗެއް ފޮނުވިޔަސް އަޅުގަނޑު ދަންނަވަން އަޅުގަނޑަށް ތި އެއްޗެހި ނުފޮނުވާށޭ، ބަލާކަށް ބޭނުމެއް ނޫން" ކަމަށެވެ.
ފަޒްނާ ވިދާޅުވީ، އެއިން އެއްވެސް އެއްޗަކަށް އެ ދެމަފިރިކަނބަލުންވެސް ރައްދު ނުދެއްވާ ކަމަށާއި، އެކަން ކުރި މީހުންނަށް އެއްޗެއް ކިޔަން ބޭނުންވެސް ނުވި ކަމަށެވެ. އަދި މީހުންނަށް އެއްޗެހި ގޮވުމަކީ، ރައީސް ސޯލިހުގެ ހުންނަ ސިފައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ދެން އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑެއްވެސް، ރައީސެއްވެސް، އަދި އަޅުގަނޑުގެ ދެ ދަރިންނެއްވެސް އެބޭފުޅުންނާ ދިމާލަށް އެއްވެސް، އެއާ ވިއްދައިގެން އެއްޗެއް ކިޔާކަށެއް، އެހެންވީމަ އަޅުގަނޑުމެން ހެދީ އެހެން، ތެދު ތެދަށް ދަންނަވަނީނަމަ އެ ވާހަކަތަކެއް ގޭތެރެއަކު އަޅުގަނޑުމެން ނުދަންނަވަން،"
ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި ރައީސް އެންމެ ކަންބޮޑުވެ ވަޑައިގެން އުޅުއްވީ ކޮން ކަމަކާ ގުޅިގެންތޯ ކުރެއްވި ސުވާލާ ގުޅިގެން މެޑަމް ފަޒްނާ ވިދާޅުވީ، އެފަދަ ދެ ކަމެއް ކުރިމަތިވެ ވަޑައިގެންނެވި ކަމަށާއި، އެއްކަމަކީ މޯލްޑިވިއަންގެ ފުލައިޓެއް ނުޖެއްސިގެން އުޅުނު މައްސަލައެއް ކަމަށާއި، ދެން ދިމާވީ ކޮވިޑުގެ ދެވަނަ ވޭރިއަންޓެއް ތައާރަފުވުމާ ގުޅިގެން ވެވަޑައިގެން ކަންބޮޑުވުން ކަމަށެވެ.
"ވެރިކަމުގެ ވަރަށް ކުރީކޮޅު، ދިމާވި ކަމެއް ގެއަށް ވަޑައިގެން އިންނަވަނިކޮށް ކަންނޭނގެ ދިމާވީ މޯލްޑިވިއަން ފްލައިޓެއް ނުޖެއްސިގެން ނަމަވެސް، ހަނދާނެއް ނެތް ލާމަށް ކަމެއް އައްޑޫއަށް ކަމެއް، ވިދާޅުވީ މޯލްޑިވިއަން ފްލައިޓެއް ފުރޮޅު ފަޅައިގެން ގޮސް، ނުޖެއްސިގެން އެބައުޅެއޭ، އޭގަ ކުޑަކުދިން ތިބީމައޭ، އެހެންނޫނީ އެގޮތަށް ހާސްވެގެން އުޅުއްވާ ބޭފުޅެއް ނޫން، އަދި ކޮވިޑުގެ ކަންތަކުއި ދެވަނަ ރާޅެއްގެ ވާހަކަ އިއުލާން ކުރުމުން، ދެވަނަ ރާޅެއް އައިސިއްޔާ ހަދާނެގޮތެއް ނޭނގޭކަމަށް ވިދާޅުވި، ނަމަވެސް އެކަންވެސް ހަމަޖެހުނުތާ،" މެޑަމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު