ރިޔާސީ އިންތިހާބުގެ ވޯޓު ލުން، އަންނަ ހޮނިހިރު ދުވަހު ކުރިއަށްދާއިރު، އެ ދުވަހު ހެނދުނު 9:00 އިން ފެށިގެން އިންތިހާބީ ޝަކުވާގެ މައްސަލަތައް ކޮންމެ ދުވަހެއްގެ ކޮންމެ ގަޑިއަކުވެސް ހައިކޯޓަށް ބަލައި ގަންނަމުން ގެންދާނެ ކަމަށް އެ ކޯޓުން ބުނެފިއެވެ.

ހައިކޯޓުން މިއަދު ބުނީ، އިންތިހާބު ތަކާބެހޭ އާންމު ގާނޫނުގެ ދަށުން އިންތިހާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ލިބިގެންވަނީ އެ ކޯޓަށް ކަމަށްވާތީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ އިންތިހާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ހައިކޯޓުުން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

އެގޮތުން އިންތިހާބީ މައްސަލަތައް ބަލައިގަތުމަށްޓަކައި، އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު، އެއިން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ހައިކޯޓުގެ ކައުންޓަރު ހުންނާނީ ހުޅުވައިފައެވެ. އަދި އަންނަ ހޯމަ ދުވަހުން ފެށިގެން އިންތިހާބީ ޝަކުވާގެ މައްސަލަ ހުށަހެޅުމަށް އޮތް މުއްދަތު ހަމަވާންދެން، ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 3:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ބަހައްޓާނެ ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން އިންތިހާބީ ޝަކުވާގެ މައްސަލަތައް އޮންލައިންކޮށް ހުށަހެޅުން ފަހިކުރުމަށްޓަކައި [email protected] އަށް އީމެއިލް ކުރެވޭ ގޮތަށްވެސް އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

ހައިކޯޓުން ބުނީ، އިންތިހާބުގެ މައްސަލަތައް ހުށަހެޅުމަށްޓަކައި ހައިކޯޓުގެ ކައުންޓަރު ހުޅުވާފައިހުން ވަގުތު ނޫން އެހެން ވަގުތުތަކުގައިވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އެހެންކަމުން އެ ގަޑިތައް ފިޔަވައި އެހެން ގަޑިއެއްގައި، ހައިކޯޓަށް މައްސަލައެއް ހުށަހެޅުމަށް ނުވަތަ މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާ ނަމަ 7902206 ނަންބަރު ފޯނުން، ހައިކޯޓާ ގުޅައިގެން އެކަންތައް ކުރިއަށް ގެންދޭނެ ކަމަށެވެ.

ހައިކޯޓުން ވަނީ އިންތިހާބީ މައްސަލަތައް ހުށަހެޅުމުގައި ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް، މައްސަލައިގެ ލިޔުންތަކާއެކު މައްސަލަ ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ. އެގޮތުން މައްސަލަ ހުށަހަަޅާ ސަބަބާއި އެކަމުގެ ތަފުސީލު އަދި މައްސަލައާ ގުޅޭ ހެކިތައް ހުށަހެޅުމަށް ސަމާލުކަން ދިނުމަށް ކޯޓުން އެދިފައިވެއެވެ.

އިންތިހާބީ މައްސަލަތައް ހައިކޯޓަށް ހުށަހެޅުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 14 ދުވަހެވެ. މި މުއްދަތު ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.