މާލެ ސަރަހައްދުން ގޯތި ދޭން މި ސަރުކާރުން ހިންގާ "ގެދޮރުވެރިން" ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުން މީހުންނަށް އެތަނުން އިން ވަކިކޮށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ފަށައިފިއެވެ.

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ގޯތީގެ އިންވަކިކޮށް ރަޖިސްޓްރީ ހަވާލުކުރެއްވީ، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއެވެ. އެގޮތުން އެގޮތުން އެ ސަރަހައްދުން މިއަދު ފުރަތަ ދޫކޮށްފައިވަނީ 2450 އަކަފޫޓުގ26 ގޯއްޗެކެވެ.

ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު އަދި "ގެދޮރުވެރިންގެ ކޮމިޓީ"ގެ މެމްބަރު މުހައްމަދު އާރިފު މިއަދު ވިދާޅުވި ގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ނުވަތަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހަށް ނިޔަލަށް ގުޅިފަޅުން ގޯތި ލިބުން މީހުންނަށް ގޯތީގެ އިން ވަކިކޮށް ރަޖިސްޓް ހަވާލު ކުރާނެ ކަމަށެވެ.

އަކްރަމް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ގުޅިފަޅުގައި ފެނާއި ނަރުދަމާ މަސައްކަތް ފެށި، އެއް އަހަރު ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ވެސް ގުޅިފަޅުގައި ގާއިމުކުރުމަށް އެޗްޑީސީ މަޝްވަރާކުރެވެމުންދާ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ތެރޭގައި ގިރާވަރު އަދި ގުޅިފަޅުގެ ބްރިޖްގެ އަމަލީ މަސައްކަތް ފަށާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ގުޅީފަޅަކީ އެޗްޑީސީގެ ބެލުމުގެ ދަށުގަ އޮންނަ ރަށެއް. އެހެންވީމަ މިތަނުގެ ކަންކަން ރޭވިފަ އޮތް ގޮތަށް ކަންތައް ހަމަޖެހިގެންދާނެ. ގުޅީފަޅުގަ މީހުން އާބާދުވާން ވާއިރަށް ސްކޫލު މަދަރުސާއާއި، މިސްކިތްތަކާއި، ކުޅިވަރުކުޅޭނެ ބިންތަކާއި އަދި އެހެނިހެން ވަސީލަތްތައް ގާއިމް ކުރުމަށް އެކި މިނިސްޓްރީތަކާއި ގުޅިގެން މަސައްކަތް ކުރަމުން މިދަނީ " އާރިފު ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ގޯތި ދޭން މި ސަރުކާރުން ހިންގާ "ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނެގީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ގަލޮޅު ބޯޅަ ދަނޑުގައެވެ.

ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ. އެ ލިސްޓުގައިވާ ގޮތުން 18،955 މީހަކަށް ގޯތި ލިބެއެވެ. އެއީ 9،001 ގޯއްޗެވެ.

މި ސްކީމުގެ ދަށުން ހުޅުމާލޭން ދޫކުރާނީ 1351 ގޯއްޗެވެ. އަދި ގުޅީފަޅުން 2219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ދައުރު ނިމުމުގެ ކުރިން އެ އެންމެންނަށްވެސް ގޯތި ދީ ރަޖިސްޓަރީ ހަވާލުކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.