ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ފަރާތުން ލިބެންޖެހޭ 1.3 މިލިއަން ޑޮލަރު ނުލިބި އޮތް ކަމަށް ބުނެ، ޖާބިރަށް ދޫކޮށްފައިވާ ފަޅެއް ވިއްކުން ހުއްޓުވުމަށް ކޯޓު އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ކޯޓު އަމުރެއް ނުދިނެވެ.
ޖާބިރު ދޭންޖެހޭ 1.3 މިލިއަން ޑޮލަރު ދެއްކުމަށް، އޭނާ ހިއްސާވާ އިންޓަނޭޝަނަލް ޓްރެވަލް ކޮންސަލްޓަންޓްސް (އައިޓީސީ) އިން ޖާމިނުވެ، އެ ފައިސާ ދެއްކުމަކާ ނުލައި، އެ ފަޅު ވިއްކުން ހުއްޓުވުމަށް ކޯޓު އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ، މއ. ގޮމަށިގެ/ އާދަމް މަނިކު (ސަރަނގު އާދަމްމަނިކު) އެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވާ ގޮތުގައި އައިޓީސީން މަސައްކަތް ކުރަނީ ކާށިދޫ ކަރިން ދޫކޮށްފައިވާ އެ ފަޅު ޑާރްގްލޯބަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކުމަށެވެ. މި މައްސަލައިގައި އާދަމް މަނިކު އެދިފައި ވަނީ، އެ ފަޅު ހިއްކުން ހުއްޓުވަން ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ހައްގުތައް އެހެން ފަރާތްތަކަށް ބަދަލުކުރާ އިރު، ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބަލަންޖެހެއެވެ. ނަމަވެސް މި މައްސަލަ އާދަމް މަނިކުގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ވަނީ، މައުލޫއީ ގޮތުން ޖާބިރުގެ މައްޗަށް އެ ދަރަނި އޮތްކަން ސާބިތުކުރުމަށް ކޯޓަށް ހުށަހެޅުމަކާ ނުލައެވެ.
މި މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ، އެ މިނިސްޓްރީގެ ޒިންމާއަކީ ވިއްކާލާ ފަޅު ނުވަތަ ބިމާ ގުޅޭ ސީދާ ދަރަންޏެއް ވޭތޯ ބެލުން ކަމަށެވެ. އދި އެ ރަށް ނުވަތަ ބިމާ ސީދާ ގުޅުމެއް ނެތް ކަމެއްގައި މިނިސްޓްރީން ބަލަންޖެހޭ ކަމެއް ނޯންނާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި މި މައްސަލައިގައި ހިމެނޭ، ފަޅު ވިއްކާލުމުގެ ހުއްދަ ދިނީ ރަނގަޅަށް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މި މައްސަލައިގެ އެއްވެސް ހިސާބެއްގައި އައިސީޓީގެ ނަން އޮތް ކަމަށް ފެންނަން ނެތުމުން މިއީ އައިސީޓީން ޒިންމާވާން ޖެހޭނެ ދަރަންޏެއް ކަމަށް ނުބެލޭނެ ކަމަށް ނިންމައި މި އަމުރު ނެރެދެވެން ނެތް ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު