ފ. މަގޫދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ އޭބީސީ، ތާރު އަދި ރޫފިން ސްޓްރަކްޗާ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
މި މަޝްރޫއުގެ ދަށުން 1,800 އަކަ މީޓަރުގެ ރަންވޭއެއް ހެދުމާއި 81,443 އަކަ މީޓަރުގެ އޭޕްރަންއެއް ހެދުމާއި 2,919 އަކަ މީޓަރުގެ ޓެކްސީވޭ ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 895 އަކަ މީޓަރުގެ ފަޔާ ޕެޑްއެއް ހެދުމާއި 3,059 އަކަ މީޓަރުގެ އެއަޕޯޓް ރޯޑް ހެދުމާއި 1,185 އަކަ މީޓަރުގެ ސާވިސް ރޯޑް ހެދުމާއި ޓާމިނަލް ބިލްޑިންއެއް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މަގޫދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ފަޔާ ބިލްޑިން، ފަޔާ ޕޮންޑް އަދި އަލިފާން ނިއްވާ ވަސީލަތްތައް ގާއިމުކުރުމާއި ސެކިއުރިޓީ ޕޯސްޓަކާއި ސެކިއުރިޓީ ވަސީލަތް ގާއިމުކުރުމާއި ފެންސިންގް ޖެހުމާއި ޕެރިމީޓާ ލައިޓިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން އެއާފީލްޑް ލައިޓިން ސިސްޓަމެއް ގާއިމުކުރުމާއި ނެރު ބައްތި ހަރުކުރުމާއި މެޓް ވަސީލަތްތައް ގާއިމުކުރުމާއި ގްރައުންޑް ހޭންޑްލިން ވަސީލަތްތައް ގާއިމުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެެއެވެ.
މި މަޝްރޫއު ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 19 އޮކްޓޯބަރު 2022ގައެވެ. 264.9 މިލިއަން ރުފިޔާއަށް މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އެއް އަހަރާއި ބައިގެ ތެރޭ މަގޫދޫ އެއާޕޯޓް ހަދައި ނިންމުމަށެވެ.
މިދިޔަ މާޗު މަހު ގދ. ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމައި ހިދުމަތް ދޭން ފަށާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު