ބ. ތުޅާދޫ އެއާޕޯޓް ހަދައި ނިންމަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބ. ތުޅާދޫގައި މި ސަރުކާރުން ވަނީ އެއާޕޯޓެއް ހަދަން ނިންމައިފައެވެ. އަދި ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަނީ މި ހަފުތާގައި ފަށައިފައެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތުޅާދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ތުޅާދޫގެ އެއާޕޯޓް މަޝްރޫއު އޭނާގެ ސަރުކާރެއްގައި ފުރިހަމަކަމާއެކު ނިންމާނެ ކަމަށެވެ.
"ތިބޭފުޅުންގެ އެއާޕޯޓު، ކުރަން ނުކުރަން އުޅޭ އެއާޕޯޓު އިރާދަކުރެއްވިއްޔާ ނިންމާފައި ތިބޭފުޅުންނަށް ދައްކައިދޭނަން،" މާލޭގެ މޭޔަރުކަންވެސް ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އެއާޕޯޓާއެކު އިގުތިސޯދީ ތަރައްގީއަށްވެސް ގިނަ ކަންކަން ކުރަން ހުންނާނެ ކަމަށެވެ. އަދި އޭނާގެ ސަރުކާރެއްގައި މަސައްކަތް ކުރާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ތުޅާދޫގައި 900 އެއްހާ މީހުންނަށް ބޯހިޔާވަހިކަން ބޭނުންވާ ކަމަށާއި އެ މީހުންގެ ކަންބޮޑުވުންތަކަށް ހައްލެއްް ގެނެސްދިނުމަށް އެ ރަށުގެ ފަޅު ހިއްކައި ބޮޑު ހައުސިން މަޝްރޫއެއް ހިންގާނެ ކަމަށެވެ. އަދި އެ ރަށުގައި ހޮސްޕިޓަލެއް އިމާރާތްކޮށް މަގުތަކުގައި ތާރު އަޅައިގެން ހަދައިދޭނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ތުޅާދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ލިޔެލާޖެހުމަށް ހާއްސަ ތަމްރީނު މަރުކަޒެއް ހަދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު