Close Election
Close
ދުނިޔެ

ގެބޮންގެ ސިފައިން ނުކުމެ ވައްޓައިލީ ދިގުދެމިގެންއައި އާއިލީ ވެރިކަމެކެވެ.

އިމާދު ލަތީފު

ޑިމޮކްރަސީގެ ނަމުގައި ބައެއް ތަންތާގައި އާއިލީ ވެރިކަމެއްވެސް ކުރެއެވެ. ނަމުން ޑިމޮކްރަޓިކް ޖުމްހޫރީ ވެރިކަމެކެވެ. ކަމުން ޚުދުމުޚުތާރު އާއިލީ ރަސްކަމެކެވެ. މިޒާތުގެ އެންމެ ސާފު އެއް މިސާލަކީ އެފްރިކާގެ ހުޅަނގުބިތުގައި އޮންނަ ގައުމެއް ކަމަށްވާ ގެބޮންއެވެ. ފަރަންސޭސި އިސްތިއުމާރުގެ ދަށުން ގެބޮންއަށް މިނިވަންކަން ލިބުނީ 1961 ވަނަ އަހަރުއެވެ. މިނިވަންކަން ލިބުމާއެކު ފުރަތަމަ ރައީސަކީ ގަބްރިއެލް ލިއޯން އެމްބާއެވެ. މަގާމުގައި ހަ އަހަރުވީތަނާ 1967 ގައި އޭނާ އަވަހާރަވީއެވެ. ދެން ރައީސްކަމަށް ވަޑައިގެންނެވީ ކުރީގެ ނާއިބުރައީސް އުމަރު ބޮންގޯއެވެ. އުމަރު ބޮންގޯގެ ވެރިކަން 42 އަހަރަށް ދެމިގެން ދިޔައެވެ. އޭނާ 2009 ވަނަ އަހަރު އަވަހާރަވުމާ ހަމައަށެވެ. ދެން ރައީސްކަމަށް ވަޑައިގެންނެވީ ދަރިކަލުން އަލީ ބޮންގޯއެވެ.

އަލީ ބޮންގޯގެ ވެރިކަން ސާދަ އަހަރަށް ދެމިގެންދިޔަތަނާ މި ހަފުތާ ތެރޭގައި ސިފައިން ނުކުމެ މި ވެރިކަން ވަނީ ވައްޓާލައިފައެވެ. އިންގިލާބުގެ ވެރިޔަކީ އަލީ ބޮންގޯގެ މަންމަފަރާތުން ދެބެއިންގެދަރި ބޭފުޅެކެވެ. ޖެނެރަލް އޮލިގުއި އެންގުއޭމާއެވެ. އޭނާއަކީ ވެރިކަން ހިމާޔަތްކުރުމުގެ އެންމެ މަތީ ޒިންމާޔާ ހަވާލުވެފައިވާ ރިޔާސީ ގާޑުންގެ ވެރިޔާއެވެ. ކޮމާންޑަރެވެ. ކޮންމެއަކަސް އަލީ ބޮންގޯގެ ވެރިކަމުގެ ސާދަ އަހަރާއި އޭނާގެ ބައްޕަގެ ވެރިކަމުގެ ސާޅީސްދެއަހަރު ހިމަނައިގެން ބޮންގޯގެ އާއިލާއިން ވަނީ ޖުމްލަ 56 އަހަރު ވެރިކަން ކޮށްފައެވެ. ގެބޮންގެ މިނިވަންކަމަށް 62 އަހަރުވީއިރު އެންމެ ފުރަތަމަ ޅަފަތުގެ ހަ އަހަރު ފިޔަވައި ދެން މުޅިންވެސް ބޮންގޯ އާއިލާގެ ވެރިކަމެވެ. ބޮންގޯގެ ދެބަފައިން ނޫން ވެރިޔަކު މެދުއުމުރުން ފެށިގެން ތިރީގެ އެއްވެސް މީހަކު ނުދެކެއެވެ.

ރައީސް އަލީ ބޮންގޯގެ ވެރިކަން ނިމުމަކަށް މިގެނައީ އޮގަސްޓް ސައްބީސްވަނަ ދުވަހު ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބާއްވައި 65 އިންސައްތައިގެ އަޣުލަބިއްޔަތަކުން އަލީ ބޮންގޯ ރިޔާސަތުގެ އައު ދައުރަކަށް ހޮވިފައިވާކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައި ވަނިކޮށެވެ. މި އިންތިޚާބަކީ މަކަރާއި އޮޅުވާލުމާއި ހީލަތުން ފުރިގެންވާ އިންތިޚާބެއްކަމަށް ގިނަބަޔަކު ބުނެއެވެ. ސިފައިން ވަނީ އިންތިޚާބުގެ ނަތީޖާ ބާތިލްކޮށް ގާނޫނުހަދާ މަޖިލީހާއި ދައުލަތުގެ އެންމެހައި މުއައްސަސާތައް ސަސްޕެންޑްކޮށްފައެވެ. ފަނޑިޔާރުގެވެސް ހިމެނޭގޮތުންނެވެ. މީގެ އަހަރުތަކެއް ކުރިން ސްޓްރޯކެއްގެ ސަބަބުން ވަރަށްބޮޑަށް ހާލަތު ގޯސްވެފައިވާ އަލީ ބޮންގޯ މިހާރު ހުންނެވީ ރިޔާސީ ގަނޑުވަރުގައި ބަންދު ކުރެވިފައެވެ. ރައްޔިތުންނަށް އޭނާ ކުރެއްވި އިލްތިމާސަކީ މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރުމަށެވެ.

ގެބޮންގައި މިހާތަނަށް ހިނގަމުންއައީ އާއިލީ ކޮރަޕްޓް ވެރިކަމެއް ކަމުގައިވިޔަސް މިނިވަންކަމުގެ ބައިގަރުނަށްވުރެ ދިގު ތާރީޚުގައި މިފަހަރު ނޫނީ އަސްކަރީ އިންގިލާބެއް ނުގެނެއެވެ. ސިފައިންގެ ވެރިންނަށް ތިއްބަވަނީ ބޮންގޯ އާއިލާއާ ގުޅިފައިވާ އޮފިސަރުންނެވެ. ހުސްވަގުތުގައިވެސް ޖެނެރަލުން ކުރައްވާ ކަމަކީ ސަރުކާރަށް ސަނާވިދާޅުވުމާއި ސަރުކާރުގެ ހިމާޔަތުގައި ފުރާނަ ގުރުބާންކުރަންވެސް ތައްޔާރުކަމަށް ވިދާޅުވެ ޅެން ހެއްދެވުމެވެ. އެގޮތަށް ހުންނެވި ޖެނެރަލަކު ކުއްލިއަކަށް މިވަރުގެ ކަމެއް ކުރެއްވުން ވެގެންދިޔައީ ވަރަށްވެސް ހައިރާންކުރުވަނިވި ކަމަކަށެވެ. މި ހައިރާންކަމަކީ ގެބޮންގެ ގިނަބަޔަކަށް އުފާވެރިކަންވެސް ގެނެސްދިން ހައިރާންކަމެކެވެ. ވަރަށް ގިނަބަޔަކު ވެރިރަށާއި އަދި އެނޫންވެސް ސަހަރުތަކުގެ މަގުމައްޗަށް ނުކުމެ އުފާފާޅުކުރާ މަންޒަރު އެބަފެނެއެވެ.

ބޮންގޯ ނޫން ވެރިޔަކު ފެނިފެން ރައްޔިތުން އުފާފާޅުކުރަނީ ސަބަބުތަކެއް ހުރެގެންނެވެ. އެފްރިކާ ބައްރަށް ނިސްބަތްކުރާއިރު ގެބޮންއަކީ ފަގީރު ގައުމެއް ނޫނެވެ. ތެޔޮ އެކްސްޕޯޓްކުރާ ގައުމެކެވެ. އޯޕެކްގެ މެންބަރެކެވެ. ގުދުރަތީ މުއްސަނދިކަން އެބަހުއްޓެވެ. އެކަމަކު ރައްޔިތުންގެ ގިނަބަޔަކު ތިބީ ފަގީރުކަމުގައެވެ. ޒުވާނުންގެ ވަރަށް ގިނަބަޔަކު ތިބީ ވަޒީފާ ނެތިފައެވެ. ގައުމުގެ މުއްސަނދިކަމުގެ މަންފާއޮތީ ބޮންގޯ އާއިލާއަށެވެ. އެމީހުންގެ ޖީބުތައްފުރި ބަންޑުންވަނީއެވެ. ހަގީގަތަކީ މިއީ ކަމަށްވިޔަސް ހަތިޔާރު ބޭނުންކޮށްގެން ގަދަކަމުން ވެރިކަން ފުރޮޅައިލުމަކީ ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރާ ކަމެއް ނޫނެވެ. އެގޮތުން ގެބޮންގެ އިންގިލާބު ދުނިޔެއިން ވަނީ ކުށްވެރިކޮށްފައެވެ. ބޮންގޯގެ ވެރިކަން އަލުން ރުޖޫއަކުރުމަށް ވަނީ ގޮވާލައިފައެވެ.

ގެބޮންގެ ސިފައިން ވެރިކަން ބަދަލުކޮށްފައިމިވަނީ އެސަރަހައްދުގެ އެހެން ގައުމެއް ކަމަށްވާ ނީޖަރަށް އަސްކަރީ އިންގިލާބެއް ގެނައިތާ އެއްމަސް ފަހުންނެވެ. ނީޖަރުގެ މައްސަލަ ކޮޅެއްގައި ޖެއްސުމަށް ސަރަހައްދީ ގައުމުތަކުން ފޫގަޅައިގެން އުޅެނިކޮށެވެ. ގެބޮންގެ މި އިންގިލާބަކީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެފްރިކާގެ މި ސަރަހައްދަށް ގެނައި 8 ވަނަ އިންގިލާބެވެ. ހުސްވި ޖުލައި މަހު ނީޖަރަށް ގެނައި އިންގިލާބުގެ ކުރިން މާލީ، ގިނީ، ބުރުކީނަފާސޯ، އަދި ޗާޑަށްވެސް ވަނީ އިންގިލާބު ގެނެސްފައެވެ. އެހެންވީމާ މުޅި ސަރަހައްދުހެން އެއޮތީ އިންގިލާބީ ހުމެއްގެ ތެރޭގައެވެ. މިހުން ފެތުރޭނީ ދެން ކޮން ގައުމަކަށްކަން ނޭނގުނަސް މިއޮތީ އިންގިލާބު ގެނައުމުގެ އޮއިވަރެއް ފެށިފައިކަން ޔަގީންވެއެވެ. މި އޮއިވަރަށް ހުއްޓުމެއް ނެތްކަންވެސް ޔަގީންވެއެވެ.