ރަށްރަށަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ރެކޯޑް އޮންނަ މީހަކު ކ. ގުޅިއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. ގުޅި، ނީލޯފަރުގޭ އާދަމް އަމްޖަދު، 29އ އެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތިން ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް ދިހަ ދުވަސް ޖަހައިފައެވެ.

މި މައްސަލައާ ގުޅިގެން ކ. ގުޅި، އާބާދުވާދީ، އަދުނާން މުހައްމަދު، 33އ ވެސް ހައްޔަރުކުރިއެވެ. އޭނާގެ މައްޗަށްވެސް ފުލުހުން ކޮށްފައިވަނީ އަމްޖަދުގެ މައްޗަށްވެސް ކުރާ ތުހުމަތުތަކެވެ. އޭނާގެ ބަންދަށްވެސް ވަނީ ދިހަ ދުވަސް ޖަހައިފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން އަމްޖަދު ހައްޔަރުކޮށްފައިވަނީ އަދުނާނާ ގުޅިގެން މާފުށި ޓުއާސް ކިޔާ ލޯންޗަކުން ގުޅިއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެ މީހުން ބޮޑުތަކުރުފާނު މަގުން ކާރެއްގައި ދަނިކޮށް ހުއްޓުވައި ބަލައި ފާސްކުރުމުން އަދުނާންގެ ޖީބުން 20 ގްރާމްގެ މަސްތުވާތަކެތި ފެނުމުންނެވެ. އަދުނާން ބުނެފައިވާ ގޮތުގައި އޭނާގެ ޖީބުން ފެނުނީ އޭނާ ބޯން ގެންގުޅޭ މަސްތުވާތަކެއްޗެވެ.

މި މައްސަލައިގެ ހެކީގެ ގޮތުގައި ފުލުހުން ވަނީ އެ ދެ މީހުން އެކުގައި މާލޭގެ މަގުމަތީގައި އުޅޭ މަންޒަރު ފެންނަ ސްނެޕްޝޮޓް ހުށަހަޅައިފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަމްޖަދަކީ ރަށްރަށަށް މަސްތުވާތަކެތި އެތެރެކުރުމާއި މަސްތުވާތަކެތީގެ ކުޑުގެ ރެކޯޑާއި ބަންދު ރެކޯޑްވެސް އޮންނަ މީހެކެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި އަދުނާނާ އޮންނަ ގުޅުމާ ބެހޭ ގޮތުން އޭނާ ދޮގު މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.