ކުޑަކުއްޖަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދައުވާކޮށް، ޝަރީއަތް ހިނގަމުންދާ މީހަކު އެމްޑީޕީގެ ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯތައް ދައުވާން ފެށުމުން އޭނާ ކެމްޕެއިނުން ދުރުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނު ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި، ދައުވާ އުފުލާފައިވާ އިބްރާހިމް ޝާހީން ނަމަކަށް ކިޔާ މީހަކު، އެމްޑީޕީގެ ހުޅުމާލެ ހަރުގޭގައި ލަވަ ކިޔާ ވީޑީއޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ސޯލްޓް ކެފޭ ހިންގާ އިމާރާތުގައި ގާއިމްކޮށްފައިވާ އެމްޑީޕީގެ ކެމްޕެއިން އޮފީހުގައި މާރިޔާ ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުވާ މީހެއް ނަމަ އެ މީހަކާ އެމްޑީޕީން ދުރުވާނެ ކަމަށެވެ. އަދި ޝާހީން ކެމްޕެއިނުން ދުރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"ސޯޝަލް މީޑިއާ އިން ވިޔަސް، ކުޑަކުއްޖަކާ ބެހިފައި ހުރި މީހެއް ހުރި ކަމަށް ވަންޏާމުން އަޅުގަނޑުމެން އެ މީހާއާ ދުރުވެގަންނަން މަސައްކަތް ކުރާނަން،" މާރިޔާ ވިދާޅުވިއެވެ.
ޝާހީންގެ މައްޗަށް އުފުލާފައިވަނީ އިތުބާރު ކުރެވެންޖެހޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ އެކީ ޖިންސީ އަމަލު ހިންގި ކަމުގެ ދައުވާއެވެ. 2017 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން ކުޑަކުއްޖަކާ އެކީ ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެ މައްސަލައިގައި އޭނާ މިހާތަނަށް ވެސް ހައްޔަރުކޮށްފައިނުވާ އިރު، ހުޅުމާލޭ ކޯޓުގައި އެ މައްސަލަ މިހާރު އޮތީ ހެކިބަސް ނެގުމުގެ މަރުހަލާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު