މިއީ ލޯބިކަމެއް ނުވަތަ ނަފުސުގެ އެދުމެއް ކަމެއް ނޭނގެއެވެ. ޔަގީންވާ ކަމަކީ ކައިވެނީގެ ބޭރުން އެއްވެސް ގުޅުމަކަށް ކާޝިފަށް ފަރުހީން ފުރުސަތު ނުދޭކަމެވެ. އޭނާގެ އިއްފަތާއި އަބުރާއި އިއްޒަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި މިރޭ ކާޝިފަށް އެދިނީ ހިބައިންނެވެ. މިހާރުދެން އެއްވެސް ބިރެއް ނެތެވެ. ފަރުދާކުރުމެއް ނެތެވެ.
ކާޝިފުގެ އުމުރުގެ ހަގުކަމެއްގެ އެއްވެސް ނޭދެވޭ އަސަރެއް ފަރުހީނަކަށް އިހުސާސްނުކުރެވެއެވެ. ތެދަށް ބުނަންޏާ ކާޝިފަކީ ތަޖުރިބާ ހުރި ގަދަފަދަ ޒުވާނެކެވެ.
މިއީ ކާޝިފުގެ އަލަތު ކައިވެންޏޭ ބުނުމުން ގަބޫލު ކުރަން ފަރުހީނަށް އުނދަގޫވި ކިތަންމެ ހިނދުކޮޅެއްދިޔައެވެ. ކާޝިފު ކުޅަދާނައެވެ. އެކުޅަދާނަކަމަކީ ތަޖުރިބާއިން އައި ކަމެއް ތޯ ނޫނީ އެއީ ހަމަ ފަރުހީނުގެ ލޯބި ހާސިލު ކުރުމަށް ފަރުހީނަށް ބުނެވިފައި އޮތް ދެރަ ބަހެއް ދޮގުކޮށްލަން ކާޝިފު ވެފައިވާ ތައްޔާރެއް ކަމެއް ބުނާކަށް ނޭނގެއެވެ. އެނގޭ ހާވެސް ކަމަކީ ކާޝިފަށްޓަކައި ހިތާއި ނަފުސުން ފިދާވެވި ފަނާވެދާވަރަށް ކާޝިފު އޭނާ ދީވާނާކޮށްލައިފިކަމެވެ. އެލޯބީގާ މޮޔަކޮށްލައިފިކަމެވެ.
*****
"މަންމާ، ކާޝީ އަހަރެން މޮޔަކޮށްލީ، އަހަންނަށް އޮޅުނީ، ހެވާއިނުބައި ވިސްނައިނުގަނެވުނީ،"
އަދިވެސް ޝިއްޔަތު އެއިނީ ގަބު އަރާފައެވެ. އޭނާގެ ކަންފަތުގައި މެދުނުކެނޑި އިވެމުންދިޔައީ އުލާގެ ގިސްލުމުގެ އަޑާއެކު ބުނި ބަސްތަކެވެ. ކިތަންމެ ގަބޫލު ކުރަން ދަތިވިޔަސް މުޅި އާއިލާގެ އެންމެންގެ ކުރިމަތީގައި ޝިއްޔަތު މިއަދު އެއިނީ ގޮތްހުސްވެ އިސްޖަހަން ޖެހޭ ހާލުގައެވެ.
އެކަމަކު އެއީ އޭނާ ކުރި ކޮން ކުށެއްގެ ސަޒާ ކަމެއް ނޭނގެއެވެ. މިއާއިލާއަށްޓަކައި، މިއާއިލާގެ ދަރިންނަށްޓަކައި އަމިއްލަ އުފާތަކާއި ހަމަޖެހުމާއި އަމިއްލަ އެހެނިހެން އިހުސާސްތަކާއި އެދުންތައް ޝިއްޔަތު ހަނދާން ނައްތާލާފައި ގުރުބާން ވަމުން އައީ މިފަދަ ދުވަހެއް ފެނިދާނެކަމުގެ ކުޑަވެސް ހިލަމެއް ނެތިއެވެ.
މިގޭގައި ކުދިކުދި ކުށްތައްވެސް ބަލައިނުގަނެއެވެ. ވީއިރު ބޮޑު ފާފައެއް ގަބޫލު ކުރާނެ ހެއްޔެވެ. އެކަމުގައި ބެދިފައި އޮތް އޭނާގެ އިން ހަމައެންމެ އަންހެން ދަރިފުޅު އެއޮތީ އެތެރޭގެ ކޮޓަރިއެއްގައި އައިވީ ގުޅާފައެވެ.
އެހާލުގައި ދަރިފުޅު ބާއްވާފައި ޝިއްޔަތު އެއިނީ ކުށްވެރިޔާގެ ކޮށިގަނޑުގައި ހުއްޓިގެންނެވެ. ދިމާ ކުރިމަތީގައި މަސަންދުގައި އިން ޒަހުރަބާންގެ އަލިފާން ކަނި ބުރަމުންދާ ދެލޮލާ ހަތަރުކަޅި ހަމަކޮށްލާނެ ހިތްވަރެއް ނެތިފައެވެ. އިއްޔެއާ ޖެހެންދެން ޒަހުރަބާންގެ އެންމެ ގާތުގައި އިން މީހަކީ ޝިއްޔަތެވެ. އެކަމަކު މިއަދު އޭނާ އެއިނީ ކުށްވެރިއެއް ފަދައިން އެންމެން ކުރިމަތީގައި އިސްޖެހިފައެވެ.
"ކޮބާހޭ ކާޝިފް...؟"
ފާރުތައްވެސް ގުޑައިގެން ދިޔަކަހަލައެވެ. ޒަހުރަބާންގެ އަޑަކީ އަބަދުވެސް ވަރުގަދަ ބަރުއަޑެކެވެ. އަމުދުން މިކަހަލަ ދަނޑިވަޅެއްގައި ޒަހުރަބާންގެ އަޑު މާބޮޑަށްވެސް ބަރު ވާނެއެވެ.
"......" ބޮޑުކޮޓަރިތެރެއަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. އެހަމަހިމޭންކަމުގެ ތެރެއިން އެކަކު އަނެކަކަށް އެމީހުންގެ ނޭވާގެ އަޑުވެސް އިވޭފަދައެވެ. އެހާވެސް ހިމޭނެވެ.
"ކީއްވެ އެކަކުވެސް އަނގައިން ނުބުނެ ތިތިބީ، މަންމަނު ވީތަ؟" އަނެއްކާވެސް އިވުނީ ޒަހުރަބާންގެ އަޑެވެ.
"ބަލަ މިއަހަނީ މިގޭގެ ފިރިހެންދަރިއަކު ކޮބާހޭ؟ ބީރައްޓެއްސެއްގެ ވާހަކަތަ މިއެހެނީ؟"
ޝިއްޔަތުގެ ދެތުންފަތް ތެޅިލިއެވެ. އެހެންނަމަވެސް ޖަވާބުދޭހާ ހިތްވަރެއް އޭނާގެ ދުލަކު ނެތެވެ.
"ވަކީލާ. ކިހިނެއްވެފައި ތިއިންނަނީ؟ އަހަންނަށް މިއެހެނީ ޖެހިގެން ހުރި ގޭގެ ކުއްޖެއްގެ ވާހަކަތަ؟ ގައިމު ކާޝިފް ލޮލަށް ނުފެންނަތާ ވެސް މިއަދަށް މީ ތިންވަނަ ދުވަސް، ހެނދުނުގެ ނާސްތާ ގަޑިއެކޭ ހަވީރުގެ ސައިގަޑިއެކޭ، ރޭގަނޑުގެ ކެއުމެކޭ އެއްތާކުންވެސް އޭނަ ނުފެނޭ، ވެގެން މިއުޅޭ ގޮތް ބުނެދޭނެމީހަކު ނެތީތަ؟"
ވަކީލާއަށް ހިންދިރުވާލެވުނެވެ. ލޮލުގެ ކުޑަކޮޅުން ބަލާލެވުނީ އިސްޖަހާލައިގެން ހުރި ޝިއްޔަތަށެވެ.
"އޭތް، ކީއްވެހޭ ޖަވާބެއް ނުދީ ތިތިބީ؟ މިގޭ ތެރޭގައި ވެގެން މިއުޅެނީ ކުޑަކަމެއްތަ؟ ގޭގެ އަންހެންދަރިއަކަށް އެވަރުގެ ހާލެއް ޖެހުނުއިރު އެންމެން ތިބީ ނިދާފައިތަ؟ އެވަރު ކޮށްފައި ކާޝިފު ދިޔަތަނެއް ނުވަތަ ވީތަނެއް އެނގޭ މީހަކު ނެތީތަ؟ އޭނ........."
ޒަހުރަބާންގެ ވާހަކަ އިވުމުން ޝިއްޔަތުގެ ހިތްފަޅަފަޅައިގެން ދިޔަކަހަލައެވެ. އިހުތިޔާރަކާ ނުލައި ކުރިއަށް ނެގި ފިޔަވަޅާއެކު ދުވެފައި ގޮސް ޒަހުރަބާންގެ ފައިގައި އޮޅުލައިގަނެވިއްޖެއެވެ. ޒަހުރަބާންގެ އުނގުގައި މޫނުޖައްސައިގެން އިނދެ ޝިއްޔަތު ބާރަށް ރޮއިގަތެވެ.
"މަންމާ.....އަހަރެންގެ ދަރިފުޅު މަރުވެދާނެ. ބަދުނާމާއި ހިތާމައިން އެފަކީރު މޮޔަވަނީ، އަނެއްކޮޅުން އެންމެ ޅަ ދުވަހުން ފެށިގެން އޭނާގެ ފިރިއެއްކަމުގައި އެންމެން ދެއްކި މީހާ އޭނައަށް އެހެން ހަދާފައި ދިޔައީ، ލޯބިވާ ކަމަށް ހަދާފައި ލަނޑުދިނީ،"
"މަންމާ ، ހެޔޮނުވާނެ، އަހަރެންގެ އުލާއަށް މާފުކޮށްދީ، އެދަރިފުޅަކަށް އެކައްޗެއްވެސް ނޭނގޭ ނުވިސްނޭ، އެއުމުރުގައި ހެދޭނެ ގޯސް، އެކަމަކު މިވަރުމިވީ އަހަރެންގެ ކުށުން، ދިން ކޮންމެ އަދަބަކާ ރުހޭނަން، އެކަމަކު މަގޭ އުލާއަށް އެހީވެދީ، އޭނާގެ މުޅި ދުނިޔެ އަނދިރިވެ، މުޅިން ބަރުބާދުވެދާނެ، އޭނަ މަރުވެދާނެ މަންމާ،"
ޝިއްޔަތުގެ އަޑު ބެދިއްޖެއެވެ. ގިސްލަމުން ގޮސް ހިނދޭވަރުވީއެވެ.
"އޭތް. ބަލަ މޮޔަ އަންހެންދަރިފުޅާ، މަންމަ ކޮންއިރަކު ބުނީ އުލާއަށް އަދަބެއް ދޭނަމޭ، އުލާ ކުށްކުރިޔަސް ކުރީ އެކަންޏެއް ނޫނެއްނު، އެކަން ކުރި މީހާ އެޒިންމާ އުފުލަން ޖެހޭނެ، އަހަރެން ކިތަންމެ ލޯބިވިޔަސް ދެލޮލާއި ހިތް އަނދިރިއެއްނޫނޭ، އެހެންވެނޫންހޭ މި އަހަނީ، ކާޝިފް ކޮބާހޭ؟"
ދެން ހަދާނެ އެއްގޮތްވެސް ނެތިގެން ދޫތަކުގައި ލާފައިވާ ތަޅު ހުޅުވަން ޖެހުނީއެވެ.
ކާޝިފުގެ އެވާހަކަ ކިޔައިދޭން ފެށުމުން ޒަހުރަބާންގެ މޫނަށް އަރާ ފައިބަން ފެށި ކުލައާއި ނިއްކުރިއަށް އިތުރުވަމުންދިޔަ ކުދި ރޫތަކުން ވާން އުޅޭގޮތް އެންމެނަށްވެސް ފަހުމުވިއެވެ.
"މާތްކަލާކޯ........."
ޒަހުރަބާންގެ ހަށިގަނޑުން ވަރުދޫވެ މަސަންދުގެ މަތީގައި އޮތް ބޮޑު ބާލީހުގައި ލައްވެގަނެވުނެވެ.
"ޔާރައްބި ކަލާކޯ......."
"މާތްރަސްކަލާކޯ، އަސްތަޣްފިރުﷲ، ހެޔޮވާނީ ކިހިނެއް؟"
ޒަހުރަބާންގެ އަޑުވެސް ތުރުތުރުއަޅަމުން ދިޔައެވެ. ރުޅިއާއި ހިތާމައިން ކަޅިވަމުންދިޔަ އޭނާގެ ހިތާއި ސިކުނޑިއާ ދެމެދު ވަރުގަދަ ހަނގުރާމައެއް ފެށިކަހަލައެވެ.
"މިވަރު ވީއިރު އަހަންނަށް ރޭކާވެސް ނުލާ،"
ޒަހުރަބާ އިނގިލިތަކުގެ ތެރެއަށް އަނެއް އަތުގެ އިނގިލިތައް މަހަމުން ބެދިފައިވާ އަޑަކުން އަހާލިއެވެ.
ކާކަށް ބުނަން ކެރޭނީ ކީކޭހެއްޔެވެ. ގޭތެރޭގައި ހައިޖާނު ހެދޭވަރުގެ ކަމެއް ކޮށްގެން އެއުޅެނީ ކާޝިފު ނޫން އެހެން ދަރިއެއްނަމަ ބުނެވުނީހެވެ. އެކަމަކު މާމަގެ ލޮލުގެ ކޮޔާ ބެހޭ ގޮތުން ބުނަން ކެރޭނީ ކާކަށް ހެއްޔެވެ.
"ރަފީގު،" ޒަހުރަބާންގެ ގަދައަޑުން އެގޮވާލީ ގޭގެ ކާރުދުއްވާ ޑްރައިވަރަށެވެ.
ބޭރުގައި ކޮންމެވެސް މަސައްކަތެއްގައި ހުރި ރަފީގު ދުވަމުން އައިސް ބޮޑުކޮޓަރީ ދޮރުމައްޗަށް ހުއްޓެމުން "ލައްބަ، ލައްބަ"
"ކާރު ނެރޭ، ހަމަމިހާރު އަހަރެން ތަނަކަށް ގެންގޮސްދޭންވެއްޖެ، ދޭ ތައްޔާރުވެގެން އަވަސްކުރޭ،"
ރަފީގު އަވަސްއަވަހަށް ބޯ ހަލުވައިލަމުން އެތަނުން ހިނގައްޖެއެވެ.
"މަ..މަންމާ..." މަސަންދުގެ އެއްފަރާތުގައި ނުގޮތަކަށް އިން ޝިއްޔަތު ދެލޯ ބޮޑުކޮށްފައި ޒަހުރަބާނަށް ބަލާލިއެވެ.
"ހިނގާ ދާން، ކާޝިފު ބަލާ، ގޭގެ އިއްޒަތެ ގެއިން ބޭރުގައި އެހެން އުޅެން ފުރުސަތެއް ނުދެވޭނެ. އެހެންނޫނަސް މިވަގުތު އުލާއަށް ކާޝިފެ ގެ އެހީއާއި އަޅާލުން ބޭނުންވާނެ. ކާޝިފު ބޭނުންހާ ގޮތަކަށް މިގޭގެ ގަދަރާއި އިއްޒަތް ވެއްޔާ މޮޑެން ފުރުސަތެއް ނުދެވޭނެ،"
ޒަހުރަބާން ކުރީ އަމުރެވެ. އެއަމުރަށް ބޯލެބުމުގެ ގޮތުން ޝިއްޔަތާއި ވަކީލާ، ޒަހުރަބާނުއާއެކުގައި ދާން ތައްޔާރުވެލިއެވެ.
*****
އަލަތުކައިވެނީގެ ފޮނިމީރުކަމުގައި ރޭ ހަތަރުދަމު އުފަލުން ފުރިފައި ތިބި ދެމަފިރިން އަދިވެސް ތިބީ ގަދަ ނިދީގައެވެ. ކޮޓަރީގެ ވަށައިގެން ހުރިހާ ދިމާއަކަށްވެސް ފެތުރިފައި އޮތީ ނިދާބޮކީގެ ފަޑުއަލިކަމެވެ. ބޮޑު ވަށް އެނދުގައި އެއް ހަށިގަނޑެއްހެން ކުއިލްޓް ދަށުގައި ބެދިގެން ނިދާފައި ތިބި ފަރުހީނާއި ކާޝިފް ހުވަފެނުގެ ދުނިޔޭގައި އުދުހެނީއެވެ.
އުޑުމަތިން ނެގި ބޯކަޅު ވިލާގަނޑު އައިސް އެމީހުންގެ ބޯމައްޗަށް މަޑުޖެހުނުކަމާއި ވައިބާރުވެ، ތޫފާން ކޮންމެފަދަ ވަގުތަކުވެސް އެމީހުންގެ ހުވަފެންތައް އަރަގުކޮށްލާނެކަމުގެ ކުޑަވެސް ހިލަމެއް ނެތިއެވެ.
ބޭރު ގޭތެރޭގައި ހުރި ފަހާފޮށި ދޮށުގައި އިން ނަރުގިސްގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަޖެހުމެވެ. މިއަދު މިގޭ ތެރެއަށް ވެރިވެފައިވާ ހިމޭންކަން އެހެން ފަހަރުތަކުގައި މިގެއަށް ވެރިވެފައި އޮންނަ ހިމޭންކަމާ ހާސްބައި ތަފާތެވެ. މިއަދު މިގޭތެރެއިން އުފާވެރިކަން އިހުސާސްކުރެވެއެވެ.
ފަރުހީންގެ ދެކުދިން ހެނދުނުގެ ނާސްތާ ދީގެން ގެންގޮސް ކޮޓަރީގައި ކުޅެން ބައިތިއްބާފައި އައިސް ހިތްހަމަޖައްސާލުމަށް ހެދުމެއްގެ ފަސްބައިގައި ޖަރީގެ މާގަނޑެއްގެ މަސައްކަތްކޮށްލަން އިށީނދެ އިން ނަރުގިސް ހިނިތުންވެފައި ފަރުހީންގެ ކޮޓަރީގެ ލެއްޕިފައިވާ ދޮރަށް ބަލާލައެވެ.
އަހަރުތަކަކަށްފަހު މިއަދު ފަރުހީން އެއޮތީ ހިތްހަމަޖެހިގެން ލޯބިވާ އިންސާނަކާއެކު އެމީހާ ގާތުގައި ނިދާފައެވެ. ނަރުގިސް ފަރުހީންމެންގެ ދެމަފިރިންނަށް އެއްވެސް އުނދަގުލެއް ކުރާހިތެއް ނުވެއެވެ. ދެކުދިން އަމިއްލައަށް ހޭލަންދެން އޭނާ އެއިނީ ނުގޮވަން ނިންމައިގެންނެވެ.
ކުއްލިއަކަށް ގޭގެ ދޮރުމައްޗަށް ކާރެއް މަޑުކޮށްލިއަޑު އިވިއްޖެއެވެ. ހެނދުނު ނުވައެއް ޖަހަނީއެވެ. މަގުތައް އެހާ ހަލަބޮލި ނޫނެވެ. ސަބަބަކީ މިއީ ހުކުރުދުވަސްކަމަށްވާތީކަންނޭނގެއެވެ. އެހެންކަމުން އެގޮތަށް ހިމޭންކޮށް އޮތްވައި ކާރެއް މަޑުކޮށްލައި އޭގެ ދޮރުފަތް ބާރަށް ލެއްޕުނު އަޑު ވަރަށް ސާފުކޮށް އިވުނެވެ.
ދެވަނަ ހިނދުކޮޅުގައި ގޭގެ ރަނގަބީލު ޖަހައިފިއެވެ. ނަރުގިސް ހައިރާންވެފައި ހުރެގެން ދޮރާ ދިމާއަށް ދާން ހިނގައިގަތެވެ.
ކާކުބާ..؟ ކާކު... ކުއްލިއަކަށް ނަރުގިސް ސިހިއްޖެއެވެ. އާޝިޔާނާމަހަލް، ޒަހުރަބާންއާއި އެއާއިލާގެ އެހެން މީހުންގެ ނަން ހިތަށް އަރާފައި ނަރުގިސްގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ.
"އައްސަލާމްއަލައިކުމް...."
ދެފަހަރަކަށް ސަލާމް ގޮވެން ވާއިރަށް ނަރުގިސް ދޮރުހުޅުވައިފިއެވެ.
ދިމާކުރިމަތީގައި ތިބިމީހުން ފެނުމުން ނަރުގިސްގެ ދެފައިން ވަރުދޫވެގެން ދިޔަކަހަލައެވެ. މިއީ ވެދާނެ ކަމަށް ބިރުން އުޅުނު ކަންތަކެވެ.
"ކޮބާ ކާޝިފް...؟"
ބަރުއަޑެކެވެ. ނަފުރަތާއި ހަސަދައިން އަނދަމުންދާ އަޑެކެވެ. ނަރުގިސްގެ މެއަށް ހީވީ ފެން އެއްޗެއް އޮއްސާލީހެނެވެ.
(ނުނިމޭ)