ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖލީހުގެ މިއަދުގެ ޖަލްސާވެސް ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ، ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުއެވެ.

އަފީފު ޖަލްސާއަށް ވަޑައިގެންނެވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބުދުﷲ، ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގެންފައިވާކަން، މަޖިލީހުގެ އަމީން އާއްމު ފާތުމަތު ލިއުޝާ އިއުލާން ކުރެއްވިއެވެ.

އޭގެ އިރުކޮޅެއް ފަހުން އަފީފު ރިޔާސަތަށް ވަޑައިގެންނެވުމަށްފަހު ވިދާޅުވީ، މިއަދުގެ ޖަލްސާއަށް ވަޑައިގެން ތިއްބެވީ އެންމެ 10 މެންބަރުން ކަމަށެވެ. އެހެންކަމުން ޖަލްސާ ބާއްވަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"ނަމަވެސް 9:30 ގައި ކޯރަމް ހަމަވޭތޯ ބަލައިފަ އެހެން ގޮތެއް، ނޯންނާނެ ޖަލްސާ ނިންމައިލާނަން، އެހެން ކަމުން 9:30 ގައި ހުރިހާ މެންބަރު މަޖލިސް ޖަލްސާ ކުރާ މާލަމަށް ވަޑައިގެންނެވުމަށް އެދެން،" ކަމަށް ވިދާޅުވެ އެ ގަޑީގައި އަލުން ޖަލްސާ ފެށުމަށް ނިންމައި 9:08 ގައި ޖަލްސާ މެދުކަނޑުއްވައިލެއްވިއެވެ.

ޖަލްސާ ބާއްވަން ބޭނުންވާ ކޯރަމް ކަމަވޭތޯބެލުމަށް، 9:30 ގައި ޖަލްސާ ފަށަން މަސައްކަތް ކުރި ނަމަވެސް އެ އަދަދަށް މެންބަރުން ހާޒިރެއް ނުވިއެވެ. ތިއްބެވީ ހަމަ 10 މެންބަރުންނެވެ. ކޯރަމް ހަމަނުވެގެން އިއްޔެގެ ޖަލްސާވެސް ނުބޭއްވުނެވެ.

އެހެންކަމުން އަފީފު ވިދާޅުވީ މަޖިލިސް ޖަލްސާ ކުރިއަށް ގެންދަން ބޭނުންވާ "ކޯރަމް އަކީ 22 މެންބަރުން، އެއަދަދަށް މެންބަރުން ވަޑައިގެން ޖަލްސާ ފެއްޓޭނީ، ކޮންމެ ދުވަހަކު މިހެންވަންޏާ މީ ވަރަށްދެރަ ކަމެއް، މަޖިލީހުގެ މަސައްކަތައިގެން ކުރިއަށް ދިއުމަށް އަޅުގަނޑުމެން ޖެހޭނެ އިސްކަންދޭން، ނަމަވެސް ކޯރަމް ހަމަނުގެން ޖަލްސާ ކުރިއަށް ގެންދެވެން ނެތީ،" ކަމަށެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނަ ދުވަސް މަޖިލިސް އިދާރާއިން މެންބަރުންނަށް އަންގާނެ ކަމަށްވެސް އަފީފު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެންޑާ ކޮށްފައި އޮތީވެސް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައެވެ.