ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްގަނީ ކުރައްވާފައިވާ ތުހުމަތުތައް ތަހުގީގުކޮށް ބަލައިދިނުމަށް މިނިސްޓަރު އައިޝަތު ނަހުލާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެދިވަޑައިގެންފި އެވެ.
މިނިސްޓަރު ނަހުލާގެ އަރިސް ބޭފުޅެއްކަމުގައިވާ ހަމަދު މިފަހުން ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ހަމަދު ވަނީ މިނިސްޓަރު ނަހުލާއަށް އޭނާ އިއްޔެ ފޮނުއްވި ސިޓީއެއް ޓުވީޓާގައި ހިއްސާކުރައްވައިފައެވެ. އެ ސިޓީގައި ހަމަދު ވަނީ ޓްރާސްޕޯޓް މިނިސްޓްރީގެ ތެރޭގައި ކޮރަޕްޝަން ވަރަށް ބޮޑަށް އެބަ އޮތް ކަމަށް ތުހުމަތު ކުރައްވައިފައެވެ. އިތުރު ގިނަ ތުހުމަތުތަކެއް ވެސް ހަމަދު ވަނީ ކުރައްވައިފައެވެ.
ހަމަދު ވިދާޅުވީ، އޭނާގެ މަގާމުގެ މަސްއޫލިއްޔަތު ބަދަލުކުރުމުގެ އަސްލަކީ މިނިސްޓްރީގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން ވިސްލްބްރޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ތަރަހައިގެ ތެރޭގައި އޭނާ ފޮނުއްވި މެއިލްތައް ކަމަށެވެ. އެ މެއިލްތަކުގައި މިނިސްޓްރީގައި ހިންގާ ކޮރަޕްޝަންގެ ވާހަކަތައް ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ޑޮމެއިން ވިއްކުމުގައި ކަނޑައެޅިފައިވާ ގަވައިދުގެ ބޭރުން ޑޮމެއިން ވިއްކައި ގާނޫނާއި ގަވައިދާ ހިލާފުވެފައިވާ ކަމަށްވެސް ހަމަދު ތުހުމަތުކުރައްވައިފައިވެއެވެ.
ހަމަދުގެ މި ތުހުމަތުތަކާ ގުޅިގެން މިނިސްޓަރު ނަހުލާއާ "ވަން" އިން ސުވާލު ދެންނެވުމުން އޭނާ މިއަދު ވިދާޅުވީ، ހަމަދު އެ ފާހަގަކުރައްވައިފައިވާ ފަދަ އެއްވެސް ކަމެއް މިނިސްޓްރީ ތެރޭގައި ހިނގުމަށް ފުރުސަތު ނުދެއްވާ ކަމަށާއި އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އެކަމެއް ބަލައި އަބަދުވެސް ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތަކާއި ގާނޫނާއި ގަވައިދާ ހިލާފަށް ކަންކަން ހިނގިޔަ ނުދިނުމަށް ޓަކައި މިނިސްޓްރީ ތެރެއިން ގެންނާން ޖެހޭ އިސްލާހީ ބަދަލުތައް އަބަދުވެސް ގެންނަވާ ކަމަށާއި އެގޮތުން މިހާ ތަނަށް އައި އިރު މުހިންމު ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު