މިދިޔަ އަންގާރަ ދުވަހުން ފެށިފެން ގެއްލިގެން ހޯދަމުން އަންނަ މުހަންމަދު ތައުފީގު އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ހއ. ބާރަށް، ސައިނިންސްޓާ، މުހައްމަދު ތައުފީ (35އ) އެވެ. އޭނާ ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ މެންދުރުފަހު 01:35 ހާއިރެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި އޭނާ ދިރިއުޅެމުން އަންނަ އެޕާޓްމަންޓުން، މިދިޔަ އަންގާރަ ދުވަހުގެ 11:00 ހާއިރުއެވެ. އޭރު ތައުފީގު ލައިގެން ހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖިންސެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ބުނެފައިވެއެވެ.

ފުލުހުން މިއަދު ބުނީ، ތައުފީގު އަދިވެސް ފެނިފައިނުވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ތައުފީގު މަސައްކަތްކުރަނީ މާލެއާއި ވިލިމާލެއާ ދެމެދު ދަތުރުކުރާ އެމްޓީސީސީގެ ފެރީގައެވެ. އޭނާއަކީ ކުށުގެ ރެކޯޑް ގިނަ ފަރާތެއްކަން އެނގިފައިވެއެވެ.

ފުލުހުން ވަނީ މުހައްމަދު ތައުފީގުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.