އިނގިރޭސިވިލާތުގެ ހޮޓަލަކުން ޗެކައުޓްވި ބަޔަކު ކޮޓަރީގައި ހުރި ހުރިހާއެއްޗެއް ވަގަށް ގެންގޮސްފި އެވެ.

އިނގިރޭސިވިލާތުގެ ވޭލްސްގައި ހުންނަ ޑޯލްފިން ހޮޓަލުގައި ދެމަފިރިޔަކު ތިބި ކޮޓަރިން ބޮޑު ވައްކަމެއް ކުރި ކަމުގެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ފަށާފައެވެ.

ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި އެމީހުން ޗެކިން ވީއިރު އެއްވެސް ލަގެޖެއް ނެތް ކަމަށް ހޮޓަލުގެ ވެރިޔާއާ ހަވާލާދީ ބީބީސީން ބުނެއެވެ.

ހޮޓަލުގެ ވެރިފަރާތުން ވަނީ އެދެމީހުން ވަނީ ހޮޓަލުގައި އެމީހުން ތިބި ކޮޓަރީގައި ހުރި ހުރިހާ ތަކެތި ވަގަށް ގެންދިޔަކަމަށް ބުނެފައެވެ. އޭގެތެރޭގައި ފެންކައްކާ ޖަގާއި ފަންކާގެ އިތުރުން ބޮކިތައް ވެސް ހިމެނެއެވެ. މީގެ އިތުރުން ތުވާލިތަކާއި ފާހަނާގައި ހުރި އުފުލޭ ހުރިހާ ސާމާނެއް ވަގަށް ނަގާފައިވެއެވެ.

ފުލުހުން ތަހުގީގު ފަށާފައިވާއިރު ހޮޓަލުގެ ވެރިފަރާތުން ވަނީ ގެއްލުނު ސާމާނު ގަންނަ ނަމަ 200 ޕައުންޑަށް ވުރެން ގިނައިން ހަރަދުވާނެ ކަމަށް ބުނެފައެވެ.

ހޮޓަލުގެ ވެރިފަރާތުން ވަނީ އެދެމީހުންގެ ފޯނަށްވެސް ނުގުޅޭކަމަށް ބުނެފައެވެ. ނަމަވެސް ހޮޓަލުގެ ސީސީޓީވީ ފޫޓޭޖް ބޭނުންކޮށްގެން ފުލުހުން އެމީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ވަނީ ބުނެފައެވެ.