ރާއްޖޭގައި ސްޓާލިންކު ބޭނުންކުރުމަށް ހުއްދަދީފިއެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމުގެ ގޮތުން މިއަދު ލައިސަންސް ދޫކުރީ ސްޓާލިންކް ސާވިސަސް މޯލްޑިވްސް އަށެވެ.

ޓެކްނޮލޮޖީ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އިންޓަނެޓް ފޯރުކޮށްދިނުމުގެ ލައިސަންސްގެ ލިޔުން ސްޓާލިންކްއާ ހަވާލުކޮށްދެއްވީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. ސްޓާލިންކްގެ ފަރާތުން ލައިސަންސްއާ ހަވާލުވެވަޑައިގެންނެވީ ސްޕޭސްއެކްސްގެ ސީނިއާ ޑިރެކްޓާ ގްލޯބަލް ލައިސަންސިން އެންޑް އެކްޓިވޭޝަން، ރަޔަން ގުޑްނައިޓް އެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނީ ސްޓާލިންކް ސާވިސަސް މޯލްޑިވްސް އަކީ ފުޅާދާއިރާއެއްގައި ދުނިޔޭގެ އެކި ގައުމުތަކުގައި ސެޓެލައިޓް އިންޓަނެޓް ހިދުމަތް ދޭ އެމެރިކާގެ ސްޕޭސް އެކްސް ކުންފުނީގެ ސްޓާލިންކް ހިދުމަތް ރާއްޖެއަށް ދިނުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ.

އިލޮން މަސްކުގެ ސްޓާލިންކަކީ ސެޓްލައިޓު މެދުވެރިކޮށް އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ. ސްޓާލިންކް ސާވިސަސް މޯލްޑިވްސްއަށް އިންޓަނެޓް ހިދުމަތް ދިނުމުގެ ލައިސަންސް ދިނުމާއެކު ރާއްޖޭގައި ހަތަރު ފަރާތަކުން އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭނެއެވެ. އެއީ ދިރާގު، އުރީދޫ، ފޯކަސް އިންފޯކަން އަދި ސްޓާލިންކް މޯލްޑިވްސްއެވެ. އިންޓަނެޓް ހިދުމަތްދޭ އެ އައިއެސްޕީތަކުގެ އިތުރުން، އިންޓަނެޓް ރީޓެއިލް ސާވިސް ޕްރޮވައިޑާ ލައިސަންސުގެ ދަށުން އިންޓަނެޓް ހިދުމަތް ދިނުމަކީ އާއްމުކޮށް ހުޅުވާލަފައިވާ ކަމެއް ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ބުންޏެވެ.