ބޭންކު އޮފް މޯލްޑިވްސްއަށް އެއް މިލިޔަންރުފިޔާ ދައްކަން މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ)ގެ މައްޗަށް ކުރި އަމުރު ތަންފީޒު ކުރުމާ ގުޅޭގޮތުން މިވަގުތަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ބޭންކާއި، ކަމާގުޅޭ އެންމެހާ ފަރާތްތަކަށް ސިވިލްކޯޓުން އަންގައި އަމުރު ކޮށްފިއެވެ.

މިއީ ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ މައްޗަށް ބޭންކު އޮފް މޯލްޑިވްސްއިން ކޮށްފައިވާ ދައުވާއަކާ ގުޅިގެން ކޯޓުން ކުރި އަމުރެކެވެ.

އެ ޖަމިއްޔާގެ ފަރާތުން އެއް މިލިޔަން ރުފިޔާ ހޯދުމަށް ބޭންކުން ކުރި ދައުވާއާ ގުޅިގެން، އެ ޖަމިއްޔާއިން ރައްދު ދީފައި ނުވާތީ، ހުސްވި ޖުލައި މަހުގެ 25 އިން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި އެއް މިލިޔަން ރުފިޔާ ބޭންކަށް ދެއްކުމަށް ޖަމިއްޔާގެ ގައިރު ހާޒިރުގައި ކޯޓުން ހުކުމް ކުރިއެވެ.

ނަމަވެސް އެ ހުކުމާމެދު ހިތްހަމަނުޖެހިގެން، އެ ހުކުމް ބާތިލު ކޮށްދީ އެ މައުލޫއީ މައްސަލަ ކުރިއަށް ގެންގޮސްދިނުމަށާއި، ގައިރު ހާޒިރުގައި ކުރި ހުކުމް ބާތިލު ކުރުމަށް ނުވަތަ ބަދަލު ކުރުމަށް އެދި ޖަމިއްޔާގެ ފަރާތުން، އެ ހުކުމް މުރާޖައާ ކޮށްދިނުމަށް ސިވިލް ކޯޓަށް ހުށަހެޅިއެވެ. ހަމަ އެއާއެކު އެ މައްސަލަ ކޯޓުން ނިމެންދެން އެ ހުކުމް ތަންފީޒު ނުކުރުމުގެ އަމުރަކަށްވެސް އެދުނެވެ.

އަމުރަކަށް އެދުނު މައްސަލައިގައި ކޯޓުން ބުނެފައިވަނީ، ގާނޫނުގައި ބަޔާންވެގެންނުވި ނަމަވެސް އަދި އެއްވެސް ފަރާތަކުން ކޯޓުގައި އެދިފައި ނުވި ނަމަވެސް ހުކުމެއްގެ މުރާޖައާގައި ވަކި ގޮތެއް ނިމެންދެން ކޯޓުން ކުރާ ގައިރު ހާޒިރުގެ ހުކުމަށް އަމަލު ކުރުން އެހިނދަށް އޮންނަން ވާނީ މަޑުޖެހިފައި ކަމަށެވެ. އެގޮތުން ގައިރު ހާޒިރުގައި ކުރި ހުކުމްގެ މުރާޖައާ ކުރިއަށްދާ ނަމަ ހުކުމަށް އަމަލު ކުރަން ޖެހޭ ފަރާތްތަކަށާއި، އެހެން ފަރާތްތަކުގެ ސަމާލުކަމަށް ޓަކައި، އެ ހުކުމަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރެއް ދަށު ކޯޓުން ނެރެވިދާނެކަމަށެވެ.

އެހެންކަމުން އެ ހުކުމް ބާތިލުކޮށްދީ، އެ މައުލޫއީ މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް އެދި ޖަމިއްޔާއިން ހުށަހެޅި މައްސަލާގައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ގައިރު ހާޒިރުގެ ހުކުމަށް އަމަލު ކުރުން މަޑުޖެހިފައިވާކަމަށް ކަނޑައަޅައި، އެ ގަޒިއްޔާގެ ހުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ބޭންކު އޮފް މޯލްޑިވްސް އާއި ކަމާގުޅޭ އެންމެހާ ފަރާތްތަކަށް އަންގައި ސިވިލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.