ލ. ގަމުގެ އެންމެ ދުވަސްވީ މީހާ، އެ ރަށު މަތިމަރަދޫ، ހުޅަނގުގެ/ އިބްރާހިމް މުހައްމަދު 106 އަހަރުގައި މިއަދު މަރުވެއްޖެއެވެ.
ގަމު ކައުންސިލުގެ ރައީސް އަހުމަދު ޒަކީ "ވަން" އަށް މިއަދު ވިިދާޅުވީ، އިބްރާހިމް މުހައްމަދު މަރުވީ މުސްކުޅި ބަލީގައި ކަމަށެވެ. އޭނާއަކީ ގަމުގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާކަން ޒަކީ ކަށަވަރުކޮށްދެއެވެ.
އައިޑީކާޑުގައި ލިޔެފައިވާ ގޮތުން އިބްރާހިމް މުހައްމަދު އުފަންވީ 1 ޖެނުއަރީ 1917ގަ އެވެ.
އިބްރާހިމް މުހައްމަދަށް ކާފަ ކިޔާ މީހަކު "ވަން" އަށް މިއަދު ބުނި ގޮތުގައި، އިބްރާހިމް މުހައްމަދަކީ ތ. ގުރައިދޫއަށް އުފަން މީހެކެވެ. ނަމަވެސް އުމުރުން 11 އަހަރުގައި ލ. ގަމަށް ބަދަލުވެ، އުޅެމުން އައީ އެ ރަށުގައެވެ. އެހެންވެ ރަށު މީހުން އޭނާއަށް ކިޔަނީވެސް ގުރައިދޫބެ ކަމަށް އޭނާ ބުންޏެވެ.
އިބްރާހިމް މުހައްމަދު ހަތަރު ކައިވެންޏެއް ކުރި ނަމަވެސް ދަރިން ލިބުނީ އެންމެ ފަހު ކައިވެންޏަށެވެ. އޭނާގެ އަންހެނުން ވަނީ މީގެ 14 އަހަރު ކުރިން މަރުވެފައެވެ.
މަސްވެރިކަމާއި ދަނޑުވެރިކަން ކޮށް އުޅުނު އިބްރާހިމް މުހައްމަދަށް 8 ކުދިން ލިބުނެވެ. މިހާރު ދުނިޔޭގައި ތިބީ ހަތް ކުދިންނެވެ. އޭނާއަށް ކާފަ ކިޔާ 40 ކުދިންނާއި މުނި ކާފަ ކިޔާ 51 ކުދިން އަދި ހޫރުކާފަ ކިޔާ ދެ ކުދިން އެބަ ތިބި ކަމަށް އާއިލާއިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު