މީގެ އަހަރުތަކެއް ކުރިން ޝިއްޔަތުގެ އަތުގައި ހިފާފައި ޒަހުރަބާން އޭނާގެ މިދަރިފުޅަކީ ކާޝިފްގެ އަލަތު އަނބިމީހާއަށް ވާން ރުހޭނަންހޭ އެހިދުވަސް އަދިވެސް ޝިއްޔަތުގެ ހަނދާނުގައި ތާޒާކަމާއެކު ހަރުލާފައި އެބަހުއްޓެވެ. އާއިލާގެ ކޮންމެ އަންހެންކުއްޖަކުގެ މަންމަވެސް ތިބީ އެނަސީބު ލިބުމަށް އެދިއެދިއެވެ. ޒަހުރަބާނަށް ބޮޑުދައިތަ ކިޔާ ހިސާބުންވެސް ކާޝިފުގެ ކައިވެންޏަށް އެދިގެން ތިބިމީހުން މަދެއް ނޫނެވެ. އެކަމަކު ޒަހުރަބާންގެ ރުހުން އޮތީ އުލާއަށެވެ.
ޝިއްޔަތު ރުހުނަސް ނުރުހުނަސް ޒަހުރަބާން ކަމެއް ނިންމުމަށްފަހު އެއީ ސިއްކަ ޖެހުމެކެވެ. އެކަމެއް ބަދަލުކޮށްލެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. އެދުވަހުގެ އެވަގުތުން ފެށިގެން އުލާއަކީ ކާޝިފުގެ އަނބިމީހާއަށް ނުވިޔަސް އަނބިމީހާއަށް ވީފަދައެވެ. އުމުރުން އަށާރަ ވަންދެން އެންމެންވެސް ތިބީ ކެތްމަދުވެފައެވެ. ޅަފުރާގެ ދުވަސްތައް ނިމި ފުރާވަރަށް އެރިފަހުން އެދެކުދިން އެކީގައި ގިނަ ވަގުތު ވާހަކަދައްކަން ތިބޭ މަންޒަރާއި ސަމާސާކޮށްލާ މަންޒަރު ދޮށީ މީހުންގެ ލޯތަކަށް ފެނުމުން އެވާހަކަ އެކަކު އަނެކަކާ ހިއްސާ ކުރަމުން އައިއިރު މިފަދަ ދުވަހެއް އަތުވެދާނެއޭ ހީކުރާނީވެސް ވަކި ކާކުހެއްޔެވެ.
ކާޝިފު ފުރައިގެން ދިއުމުގެ ކުރިން މިއަމާނާތް ރަސްމީކޮށް ކާޝިފާ ހަވާލު ކުރުމަށް އާއިލާގެ ބޮޑުންގެ ތެރޭގައި އަންނަނީ މަޝްވަރާ ކުރެވެމުންނެވެ. މިކަން އުލާ އަށް އެނގިފައި އޮތްއިރު ކާޝިފަށް ނޭނގި އޮންނާނީ ކިހިނަކުން ހެއްޔެވެ. ހުރިހާ ކަމެއް އެނގިހުރެ، މިގޭގެ ހުރިހާ ގަވާއިދަކާއި ގޮތެއް އެނގިހުރެ ކާޝިފު އެކޮށްގެން އުޅޭ ކަމަކީ ހައިރާންވެ އަންތަރީސްވާ ވަރުގެ ކަމެކެވެ.
ކުއްލިއަކަށް ޝިއްޔަތަށް ސިހުމެއް ލިބުނީ އޭނާގެ މޭގައި ލައްގަނެގެން އިން އުލާގެ ހަށިގަނޑުގެ ބާރު ދޫވެގެން ދިޔަކަހަލަ ގޮތެއް ވުމުންނެވެ. ތެޅިގެންފައި ދަރިފުޅު ގަޔާ ދުރުކޮށްލަން އޭނާ އުލާގެ ދެކޮނޑުގައި ހިފާލިއެވެ. އެވަގުތު އުލާގެ ކަރު އެލުނު ތަން ފެނިފައި އޭނާގެ ހޭވެރިކަން ފިލާދިޔަކަހަލައެވެ. އުލާގެ ކަޅި ހުއްޓިފައި ހުރީ އޭނާގެ މޫނަށެވެ. އަދި ދެވަނަ ސިކުންތުގައި އެދެލޯމެރެމުންގޮސް މުޅިން މެރިއްޖެއެވެ.
"އޭހ...ދަރިފުޅާ.....މަންމަގެ ފުރާނަޔާ، އޭތް، ތިހެން ނުހަދާ، މިމަންމަ މަރުވެދާނެ، ދަރިފުޅާ، އޭތް މަންމަގެ އުލާ،" ޝިއްޔަތުގެ އަޑު ބާރުވަމުންގޮސް އެންމެ ފަހުން ބާރަށް ހަޅޭއްވަލައިގަނެވިއްޖެއެވެ.
އާޝިޔާނާމަހަލްއަށް ގަދަފަދަ ތޫފާނެއް އައިފަދައެވެ. ހޮނުގުގުރީގެ އަޑު އެއުސް ފާރުތަކަށް ހޮނު އެޅީކަހަލައެވެ. ޒަހުރަބާންގެ ބަރުވަރުގަދަ އަޑު ގޭގެ އެކި ދިމަދިމާލުން ގުގުމާލިއެވެ. އިމަރޖެންސީ އަޅުވާފައި އައިސް ގޭ ދޮރުމައްޗަށް ހުއްޓާލި ކާރަކުން ފުންމާލީ އަންހެން ޑޮކްޓަރަކާއި ނަރުހެކެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޭގެ މައިގޯތިތެއިން އެތެރެއަށް ދިޔަވަގުތު އެމީހުންގެ އިންތިޒާރުގައި ހުރީ ޝިއްޔަތުގެ ފިރިމީހާ، އުލާގެ ބައްޕައެވެ.
އާޝިޔާނާމަހަލްގައި މިހާ ވަރުގަދަ ކަންތައްގަނޑެއް ހިނގައިގެން އުޅޭއިރު ކާޝިފުގެ އެއްވެސް ކަހަލަ ހިލަމެއް ފެންނާކަށް ނެތެވެ. ގޭގެ އެއްވެސް ދިމާއަކުން ކާޝިފު ފެންނާކަށް ނެތެވެ. މިވަރުގެ ބޮޑު ކަމެއް ވެ ނިމިގެން ދާއިރު، ކާޝިފުގެ އެއްވެސް ހަބަރެއް ނެތުމުން ދެން ވާނެ ގޮތް ހިތަށް ގެންނާކަށް ފަސޭހައެއް ނޫނެވެ.
*** *** ***
"މިއީ ހަމަ އެންމެ ރަނގަޅު ގޮތްކަން ޔަގީންތަ؟ އިތުރަކަށް ވިސްނުން ބަދަލެއް ނުކުރާނަންތަ؟" ބޮޑުކޮޓަރީގެ މޭޒުދޮށުގައި އިން ފަރުހީން، އޭނާގެ ގާތުގައި އިން ކާޝިފަށް ބަލައިލިއެވެ.
"ހީނާ ހީކުރީ މަމީ ކުޑަކުއްޖެއް ކަމަށްތަ؟" ކާޝިފް ދެބުމަގޮށް ޖަހަމުން އަހައިލިއެވެ.
"ކޮބާ...؟ ތައްޔާރު.... އެމީހުން އައިސްފި....." ބޮޑުކޮޓަރީގެ ދޮރުން ބޯ ދިއްކޮށްލަމުން ގޮވާލީ ނަރުގިސްއެވެ.
"އާނ... މާގިނައިރުވެސް ވެއްޖެއެއްނު....." ކާޝިފު ހިނިތުންވެލިއެވެ.
އެވަގުތު ބޮޑުކޮޓަރިއަށް ވަދެގެން އައި ނަރުގިސްގެ ފަސްފަހަތުން ހައެއްކަ ފިރިހެނުން ވަދެއްޖެއެވެ. އެމީހުންގެ އިސްތިގްބާލަށާއި އިހުތިރާމްގެ ސަލާމް ގޮވުމުގެ ކުރިން މޭޒުދޮށުގައި ތިބި ކާޝިފާއި ފަރުހީންވެސް ކޮޅަށްތެދުވިއެވެ. އަދި، އެންމެން ތަރުތީބުން ގޮނޑިތަކުގައި އިށީނދެއްޖެއެވެ.
ރަސްމިއްޔާތު ބިސްމީގެ ބަރަކާތުން ފެށްޓިއްޖެއެވެ.
މަޑުނޫކުލައިގެ ފަށުވި ފޮތީގެ ލޭސްއެޅި ހެދުމެއްގައި އިން ފަރުހީންގެ ބޮލުގައި އޮޅާފައި އޮތް ދޯޕައްޓާއިން ނިވާވެފައިވާ އޭނާގެ ރީތިމޫނަށް ވެރިވަމުންދާ ކުލަ އެކަކަށްވެސް ނުފެންނާނެތީ ފަރުހީން އިނީ ހިތްހަމަޖެހިފައެވެ. މިއީ އޭނާއަށް އާ ރަސްމެއް ނޫނެވެ.
އެކަމަކު މިރޭ ހާދަހާ ތަފާތެވެ. ހިތްވެސް ތެޅެނީ އާދަޔާ ހިލާފަށެވެ. ދާދި ގާތުގައި އެއިން އޭނާއަށްވުރެ ކިތަންމެ އުމުރުން ހަނގުވިޔަސް، އެޅަޒުވާނާއަކީ މިރޭގެ މިހިނދުން ފެށިގެން އޭނާއަށް އަމުރުހިންގާނެ އޭނާގެ ވެރިމީހާކަމުގެ އިހުސާސް ކުރެވޭ ކޮންމެ ފަހަރަކު އޭނާގެ ހިތަށް ހީވަނީ ފެން އެއްޗެއް އޮއްސާލާހެނެވެ. އާއެކެވެ. މިރޭ ފަރުހީން، އަނެއްކާވެސް އަނތްބަކަށް ވަނީއެވެ. މީގެ ކުރިން އޭނާގެ ނުހަނު ޅައުމުގައި މިފަދަ ދުވަހެއް އައިކަމުގައިވިޔަސް ހަގީގަތުގައި އޭނާ އަލަތު އަންބަކަށް ވަނީ އަދި ކިރިޔާކަހަލައެވެ. މިހާ ކުއްލިއަކަށް މިވަރުގެ ބޮޑު ކަމެއް ނިންމީ ކީއްވެގެންހޭ ކާޝިފާ އޭނާ ކިތަންމެ ފަހަރަކު ސުވާލު ކުރިއެވެ. ނަރުގިސްވެސް މިކަމާ އެތައް ގޮތަކަށް ވާހަކަ ދެއްކުމުންވެސް ކާޝިފުގެ ޖަވާބަކަށް ވީ ހަމައެންމެ ޖަވާބެކެވެ.
"މިއީ އަހަރެންގެ ދިރިއުޅުން، މިކަން މިއަދު އަހަރެން ނުކޮށްފިއްޔާ މާދަމާ އަހަރެން ފުރުވާލާނެ، އަދި ހަމަ އަނެއްކޮޅުން އަހަރެންގެ ކައިވެނިވެސް ކުރުވާނެ، މިއީ އެންމެ ރަނގަޅު ގޮތް، ގޭމީހުންނަށް އެނގޭ އިރު އަހަރެން އެމީހުންގެ ނިންމުމުގެ އަސަރު ވެސް ނުފޯރާ ހިސާބަށް ގޮސް ނިމިދާނެ. ރުހުނަސް ނުރުހުނަސް އެމީހުނަށް އޭރަށް މަޖުބޫރު ވާނެ ހީނާ އަކީ އެމީހުންގެ އާއިލާގެ ބައެއްކަން ގަބޫލު ކުރަން...."
ކާޝިފަކީ ބޯހަރު ގޮތްދޫނުކުރާ މިޒާޖުގެ ޒުވާނެއްކަން އެނގޭއިރު ދެކޮޅު ހަދައިގެން ވަކި ނަރުގިސް ކުރާނީ ކީއްހެއްޔެވެ. މިވަގުތު އޭނާއަށް މުހިންމު ހަމައެކަނި ކަމަކީ ފަރުހީންގެ އުފަލެވެ. ފަރުހީންގެ ޅަފުރާއާއި ޒުވާން އުމުރުގައި ނުލިބުނު ލޯތްބާއި އޯގާތެރިކަން ލިބެން އުޅޭ އިރު އެކަމާ ދެކޮޅަށް އެންމެ ބަހެއްވެސް ބުނާކަށް އޭނާ ބޭނުމެއް ނުވާނެ ނޫންހެއްޔެވެ.
މީގެ ހަފުތާއެއްހާ ދުވަސްކުރިން މިގެއަށް އައިސްފައި އެނބުރި ދިއުމުގެ ކުރިން ކާޝިފް، ނަރުގިސްއާއި ފަރުހީން ގާތުގައި ހުރިހާ ކަމެއް ނިންމުމަށްފަހު އޭނާ މިއަދު އަންނާނެ ކަމުގެ ޔަގީންކަން ދިނެވެ.
އެދުވަހު މިގެއިން ކާޝިފު ދިޔައީ ކައިވެނީގެ ފޯމު ފުރުވައިގެން އެއާއެކު ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއްވެސް ހިފައިގެންނެވެ. އަދި ދެދުވަސްކުރިން ކާޝިފު އައީ ހުރިހާ އެއްޗެއް ފަހަތަށް ދޫކޮށްލާފައި ހަމައެކަނި ފަރުހީންގެ މީހަކަށްވެގެން އަންނާނެކަމުގެ ޔަގީންކަން ދޭން އަންނާނެ ކަމަށް ބުނުމާއެކު ފަރުހީނަށް ދޭން ހަދިޔާއެއްވެސް ހިފައިގެންނެވެ.
"ކައިވެނީގެ ހެދުން، ބުނީމެއްނު ނޫކުލައިގެ ހެދުމެކޭ ލާން ބޭނުމީ،" ކާޝިފަށް ލާރި ލިބުނީ ކޮންތާކުންތޯ އެހުމުގެ ސުވާލު ނުވެސް އުފެދެއެވެ. މުއްސަނދި އާއިލާއެއްގެ ދަރިއެކެވެ. އަމިއްލަ އެކައުންޓުގައި ކުޑައިރުއްސުރެ ލާރިޖަމާކޮށްފައި ހުއްޓެވެ. އަށާރަ އަހަރުވީ ދުވަހުން ފެށިގެން އެފައިސާއަކީ ކާޝިފު އަމިއްލަ ބޭނުންތަކަށް ހޭދަކުރަން ލިބޭ ގޮތަށް ހަމަޖެހިފައި ހުރި ފައިސާއެވެ. އެހެންކަމުން މިއީ ކާޝިފަށް މާބޮޑުކަމެއްނޫނެވެ. ކައިވެންޏަށް ފަހު ކާޝިފު އޭނާގެ އަނބިމީހާއާއެކު މިގޭގައި އާ ހަޔާތުގެ ދުވަސްތައް ގުނާނެއެވެ. އަނބިމާހާއާއި ދެކުދިންނާއި ބޮޑުދައިތައަކާއެކު އުޅޭނެ އުފާވެރި ދިރިއުޅުމުގެ ވާހަކަ ކާޝިފް ނުހަނު އުފަލުން ވަނީ ކިޔައިދީފައެވެ. އަދިދެން އެންމެފަހުން މިރޭ އެހުވަފެންތައް ސީދާވަނީއެވެ.
"އަނބި ގަބޫލު ކޮށްފިން....،" އެއަޑާއެކު ފަރުހީނަށް ލޯމަރާލެވުނެވެ. ހިންދިރުވާލެވުނެވެ. މުޅިމީހާ ތުރުތުރު އަޅައިގެން ދިޔައެވެ. ބޮލުން ފެށިގެން ފަޔަށް އެތެރެހަށީގައި ފިނިފިނި ރާޅެއް ދުވެލި ކަހަލައެވެ.
އޭނާ އަންބަކަށް ވީއެވެ. ލޯބިވާ އިންސާނަކާއެކު ދިރިއުޅުމެއް ފެށުމަށް ބިސްމި ކިޔައި ފިޔަވަޅު ނެގީއެވެ. އަލުން ހަޔާތަކަށް އަލިވިލުވާނެ ފަތިހެއް ހަޔާތަށް އައީއެވެ.
މަޑުމަޑުން އޭނާގެ ފިނިވެފައިވާ ގަނޑުފެންފޮދެއްފަދަ އަތްތިލައިގައި ކާޝިފްގެ ބާރުގަދަ އަތުން ހިފައިލިއެވެ. ޔަގީންކަމާއި އިތުބާރުގެ ވައުދެއް ވީފަދައެވެ. އެއިނގިލިތަކުގެ ދޭތެރެއަށް އޭނާގެ އިނގިލިތައް މަހާލިއެވެ. މުޅިން އާ އުންމީދުތަކެއް އޭނާގެ ދެލޮލުގައި ވިދަނީއެވެ.
ކައިވެނި ކުރެވިއްޖެއެވެ. ކުޑަވަރެއްގެ ސަޔަކަށްފަހު ކައިވެނިކޮށްދޭން އައިމީހުން ގޮސް ނިމިއްޖެއެވެ. ދެކުދިން ގޮވައިގެން ނަރުގިސް ކޮޓަރިއަށް ދިއުމުގެ ކުރިން އެކުދިން ރޭގަނޑުގެ ސަލާމް މަންމައާއި އާބައްޕައާ ކުރިއެވެ. އަދިދެން އުފާވެރި ބާއްޖަވެރި ރޭގަނޑަކަށް ސަލާމްކޮށްލަމުން ދެކުދިން ހިނގައްޖެއެވެ. ބޮޑުކޮޓަރީގައި ކާޝިފާއި ފަރުހީން އެކަނިވީއެވެ.
ކާޝިފު ސޯފާއިން ތެދުވެގެން ގޮސް އިސްއުފުލާ ބަލާލަން ވެސް ނުކެރި ރަކިވެފައި އިން ފަރުހީންގެ ގާތަށް ހުއްޓިލިއެވެ. އުމުރުން އޭނާއަށްވުރެ މިއަންހެންމީހާ ދޮށްޓޭ ބުނަނީ މޮޔައިންތަކެއްކަން ޔަގީނެވެ. މިއީ ހަމަ އަށާރަ ނަވާރައިގެ ރަކި އަންހެންކުއްޖެކެވެ. ތާޒާ ފަރި ނުފޮޅޭ މަލެއްފަދަ އަންހެންކުއްޖެކެވެ.
"ބޭގަމް ސާހިބާ، ދާން ހިނގާ، ގަޑިޖެހުނީ...." ފަރުހީންގެ ކޮނޑުގައި ހިފާ ސޯފާއިން ތެދުކުރަމުން ވައިއަޑަކުން ކާޝިފް ބުނެލިއެވެ. އަދި ރަކިވެގެން ގޮސް ހަލާކުވޭވޭ ހުރި ފަރުހީންގެ ރީތި ލޫޅާފަތި ހަށިގަނޑު ހަމަކުއްލިއަކަށް އޭނާގެ އަތްދަނޑިމައްޗަށް ނަގައިފިއެވެ. "ވާހް ހަމަ އަހިފަތެއްހާ ލުއި..." ކާޝިފް އެހެން ބުނެލީ ފަރުހީންގެ ކަންފަތްދޮށުގައެވެ. އަދި ލަދުންގޮސް ފަރުހީނަށް ކާޝިފްގެ މޭގެ ތެރޭގައި މޫނު ފޮރުވާލެވުނީ އިހުތިޔާރަކާނުލައެވެ. ފަރުހީން އޭނާގެ އަތްދަނޑިމަތީގައި ގެންގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ. އަލަތުކައިވެންޏަށް ތައްޔާރުކޮށްފައި ހުރި އެނދު އެދެމީހުންނަށް ހަނާ އަޅާ ކަހަލައެވެ.
"ވަރަށް އިންތިޒާރު ކުރުވައިފީމު، މިވަގުތުކޮޅަށް އަހަރެން އިންތިޒާރު ކުރާތާ ކޮންދުވަހެއް..." މަޑުމަޑުން ފަރުހީން އެނދުގެ މަޑުތަންމަތީގައި ބާއްވަމުން ކާޝިފް ކުއްލިއަކަށް ގެނައި ހަރަކާތަކާއެކު ފަރުހީންގެ ހުޅި މޮހާލިއެވެ. ވިހުރުވިގެންދިޔަ ފަށުވި ކޮޅެއްފަދަ އިސްތަށިގަނޑުން ދުވިވަހުންވަސް އޭނާ މަސްތުކުރުވިފަދައެވެ.
"މިހާ ރީތި ފުރިހަމަކަމެއް އަސްލުވެސް ދުވަހަކުވެސް ނުދެކެން...." ކާޝިފުގެ އަތުގެ ތެރޭގައި ބިދެމުން ބޮނޑިވަމުން ދިޔަ ފަރުހީންގެ ތާޒާކަމާއި ފުރިހަމަކަމަށް ތައުރީފު ނުކޮށެއް އޭނާއަށް ކެތެއްނުވިއެވެ.
"ހީނާ ހީކުރީ ކާޝިފަކީ ކުޑަކުއްޖެއްކަމަށްދޯ؟ ހަނދާންވޭތަ ބުނީމެއްނު، ތީ ކުޑަކުއްޖެކޭ، އަދި ނޭނގޭނެއޭ އަނބިން ގެންގުޅޭކަށް..." ސިއްރުސިއްރުން ކާޝިފު ފަރުހީންގެ ކަންފަތްދޮށުގައި ބުނެލިއެވެ. އެ ހޫނުނޭވާތަކުން ފިހެމުން ދިޔަ ހަށިގަނޑުގެ އެކިދިމަދިމާލުން ނޭނގޭ ރާޅެއް ދުވެލިހެން ފަރުހީނަށް ހީވިއެވެ. އެތައް އަހަރެއްވަންދެން އޭނާގެ އަމާނާތްތެރި ކަމާއެކު ރައްކާތެރިކޮށްގެން ގެންގުޅުނު ހަށިގަނޑު އެދޭފަދަ ފިރުމުންތަކެއް މިރޭ އެދަނީ ލިބެމުންނެވެ. އަލަތުކައިވެންޏެއް އޭނާ ކުރިން ނުކުރާ ކަހަލައެވެ. ފިރިއެއް ހުރެމެ ކައިވެންޏެއް މަތީގައި އެތައް އަހަރެއްވީއިރު ދުވަހަކުވެސް އޭނާއަށް އިހުސާސްނުކުރެވޭ އަސަރުތަކެއް މިރޭ އޭނާއަށް އެބަ ކުރެއެވެ. ކާޝިފުގެ ކޮންމެ ފިރުމުމަކާއެކު އޭނާގެ ހިތާއި ހަށިގަނޑު ފިދާވަނީއެވެ. ކާޝިފުގެ މީރުވަސް ދުވާ ނޭވާތަކުގެ ވަހުން އޭނާގެ ސިކުނޑިމަސްތުވެ އަމަލުވަނީއެވެ.
މިއީ ލޯބިކަމެއް ނުވަތަ ނަފުސުގެ އެދުމެއް ކަމެއް ނޭނގެއެވެ. ޔަގީންވާ ކަމަކީ ކައިވެނީގެ ބޭރުން އެއްވެސް ގުޅުމަކަށް ކާޝިފަށް ފަރުހީން ފުރުސަތު ނުދޭކަމެވެ. އޭނާގެ އިއްފަތާއި އަބުރާއި އިއްޒަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި މިރޭ ކާޝިފަށް އެދިނީ ހިބައިންނެވެ. މިހާރުދެން އެއްވެސް ބިރެއް ނެތެވެ. ފަރުދާކުރުމެއް ނެތެވެ.
ކާޝިފުގެ އުމުރުގެ ހަގުކަމެއްގެ އެއްވެސް ނޭދެވޭ އަސަރެއް ފަރުހީނަކަށް އިހުސާސްނުކުރެވެއެވެ. ތެދަށް ބުނަންޏާ ކާޝިފަކީ ތަޖުރިބާ ހުރި ގަދަފަދަ ޒުވާނެކެވެ. މިއީ ކާޝިފުގެ އަލަތު ކައިވެންޏޭ ބުނުމުން ގަބޫލު ކުރަން ފަރުހީނަށް އުނދަގޫވި ކިތަންމެ ހިނދުކޮޅެއްދިޔައެވެ. ކާޝިފު ކުޅަދާނައެވެ. އެކުޅަދާނަކަމަކީ ތަޖުރިބާއިން އައި ކަމެއް ތޯ ނޫނީ އެއީ ހަމަ ފަރުހީނުގެ ލޯބި ހާސިލު ކުރުމަށް ފަރުހީނަށް ބުނެވިފައި އޮތް ދެރަ ބަހެއް ދޮގުކޮށްލަން ކާޝިފު ވެފައިވާ ތައްޔާރެއް ކަމެއް ބުނާކަށް ނޭނގެއެވެ. އެނގޭ ހާވެސް ކަމަކީ ކާޝިފަށްޓަކައި ހިތާއި ނަފުސުން ފިދާވެވި ފަނާވެދާވަރަށް ކާޝިފު އޭނާ ދީވާނާކޮށްލައިފިކަމެވެ.
*** **** ***
(ނުނިމޭ)