ރާއްޖޭގައި އެކައުންޓިން ދާއިރާ ކުރިއެރުވުމުގެ ބޭނުމުގައި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް އިންޑިއާ (އައިސީއޭއައި) އާއި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ސީއޭ މޯލްޑިވްސްއިން ބުނީ އެ އެމްއޯޔޫގެ މަގުސަދަކީ އެކައުންޓިން ދާއިރާގެ އިލްމު ކުރިއަރުވައި އެކައުންޓިން ޕޮރޮފެޝަން ތަރައްގީކުރުމުގެ އިތުރުން އެ ދެ އިންސްޓިޓިއުޓްގެ މެންބަރުންގެ ކުރިއެރުމަށް މަސައްކަތް ކުރުން ކަމަށެވެ. އެ އެމްއޯޔޫގައި ސޮއިކުރީ 2023 ވަނަ އަހަރުގެ ސަފާ އައިއެފްއާރްއެސް އެންޑް އައިއެސްއޭ ދުވަހުކަމަށް ސީއޭ މޯލްޑިވްސްއިން ބުންޏެވެ.

"ސައުތު އޭޝިއަން ފެޑެރޭޝަން އޮފް އެކަނުންޓެންޓްސް (ސާފާ)ގެ މެންބަރުންކަމުގައިވާ މި ދެ އިންސްޓިޓިއުޓަކީ އެކައުންޓިންގް ދާއިރާ އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ދެ އިންސްޓިޓިއުޓް" ސީއޭ މޯލްޑިވްސްއިން ބުންޏެވެ.

އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އައިސީއޭއައިގެ ރައީސް އަނިކެތު ސުނިލް ޓަލާޓީ ވިދާޅުވީ ސީއޭ މޯލްޑިވްސް އާއި އެކު އެމްއޯޔޫގައި ސޮއި ކުރުމުގެ މަގުސަދަކީ ކޮލަބްރޭޓިވް ޕްރޮގްރާމްތައް ބޭއްވުމުގައި ސީއޭ މޯލްޑިވްސްއަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓިވް އަދި އެހެނިހެން ރިސޯސަސް ފޯރުކޮށްދިނުމުގެ އިތުރުން އައިފެކް މެމްބަޝިޕް ހޯދުމުގައި ބޭނުންވާ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ސީއޭ މޯލްޑިވްސްގެ ރައީސް އަދި އޮޑިޓާ ޖެނެރަލް (އޭޖީ) ހުސައިން ނިޔާޒީ ވިދާޅުވީ އެމްއޯޔޫގެ ސަބަބުން ދެ އިންސްޓިޓިއުޓަށް ގިނަގުނަ ފައިދާތަކެއް ލިބިގެން ދާނެ ކަމަށެވެ. އެގޮތުން އައިސީއޭއައިގެ މެންބަރުންގެ އެކައުންޓިން ޕްރޮފެޝަން ފުޅާކުރުމަށް ފުރުސަތު ހުޅުވިގެންދާނެކަމަށް އޭނާ ބުންޏެވެ. އަދި ސީއޭ މޯލްޑިވްސްއަށް އެކައުންޓިން ދާއިރާގެ ކޯސްތައް ހިންގުމަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ލިބިގެން ދިއުމުގެ އިތުރުން އިންސްޓިޓިއުޓްގެ މެންބަރުންގެ ފަންނީ ތަރައްގީއަށް މަސައްކަތްކޮށް ރާއްޖޭގެ އެކައުންޓިން ފްރޮފެޝަން އާ ހަރުފަތްތަކަށް ގެންދިއުމުގެ ދޮރުހުޅުވިގެންދާނެ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.