ރ. ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

އެ މަޝްރޫއުގެ ދަށުން 473 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 320 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ލޯ ކްރެސްޓެޑް ބޭރުތޮށި ލުމާއި، 20,500 ކިއުބިކް މީޓަރުގެ ގޮނޑުދޮށަށް ވެލިއެޅުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއަކީ 32.33 މިލިއަން ރުފިޔާއަށް 210 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. ހުޅުދުއްފާރު ގޮނޑުގޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށްފަހުއެވެ.

އާބާދީގައި 1,609 މީހުން ދިރިއުޅޭ ހުޅުދުއްފާރަކީވެސް ރާއްޖޭގެ ގިނަ ރަށްރަށް ފަދައިން ރަށް ގިރުމުގެ ބިރުވެރިކަން ދިމާވެފައިވާ ރަށަކެވެ. އެހެންކަމުން އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް ރަށްގިރުމުގެ ސަބަބުން ރަށުގެ ރީތި މަލަމަތި ހަލާކުވެ، ރަށަށް ގިނަ ގެއްލުންތަކެއް ލިބެމުންދާ މައްސަލައެވެ. އެގޮތުން އެ ރަށުގެ ހުޅަނގު ފަރާތަށް ބަލައިލުމުން

ރަށްގިރުމުގެ ހިތާމަވެރި މަންޒަރު ފެންނަ އިރު، ހުޅަނގު އައްސޭރިފަށުން ބޮޑު ސަރަހައްދެއް މިހާރުވެސް ވަނީ ގިރައިގެން ގޮސް، ރަށުގެ އެތައް ރުއްގަހެއްވެސް ވެއްޓި ހަލާކުވެގެން ގޮސްފައެވެ.

އޭގެ އިތުރުން އެރަށުގެ އަތިރިމަތީގައި ހުންނަ ގެތަކަށް އުދައެރުމުގެ ހާދިސާތަކާވެސް ކުރިމަތިލާން ޖެހެއެވެ. މިއަދު ސޮއިކުރެވުނު ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމުން އެރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަތަކަށް ހައްލު ލިބި، ހިމާޔަތް ކުރެވިފައިވާ ރީތި ގޮނޑުދޮށެއް ރަށު ރައްޔިތުންނަށް މުސްތަގުބަލުގައި ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.