އައްޑޫއިން ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓް މިއަދު އާންމުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މި ލިސްޓު އާއްމުކޮށް ކައުންސިލް ވެބްސައިޓުގައި އަދި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ގޯއްޗަށް އެދި 4،160 ފޯމު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ޝަރުތު ހަމަވަނީ 3،972 މީހެއްގެ ކަމަށެވެ. އަދި އެ އެންމެންނަށްވެސް ގޯތި ދޭނެ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 12:00 އަށް އޮންނާނެ ކަމަށެވެ.

އެ ކައުންސިލުން ބުނީ ދާއިމީ ލިސްޓް އިއުލާންކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް އެ ކައުންސިލްގެ އަވަށު އޮފީސްތަކުން ކުރަމުން ގެންދާނެ ކަމަށެވެ.

އައްޑޫން ގޯތި ދޫކުރަން ނިންމައި ކުރިމަތިލާން ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުއެވެ. ފުރަތަމަ އިއުލާނުކުރީ 1،000 ގޯތި ދޫކުރާށެވެ. އެއީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 100 ގޯއްޗެވެ.

ގޯތި ދޫކުރުމަށް އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.