އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ގެވެށި އަނިޔާއާއި ޖިންސީ އަނިޔާގެ މައްސަލަތަކުގައި މާލީ ތަނަވަސްކަން ނެތް އަންހެނުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ، ޒުލޭހާ އެންޑް އެސޯސިއޭޓްސް އެލްއެލްޕީއާއި ބްރިޖިން ދަ ކޮމިއުނިޓީސް މޯލްޑިވްސްއާ ދެމެދުގައެވެ.
އެސްއެމްއީ ހަބްގައި އިއްޔެ ބޭއްވި ހަފުލާއެއްގައި ޒުލޭހާ އެންޑް އެސޯސިއޭޓްސް އެލްއެލްޕީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޕާޓްނަރު އަލްއުސްތާޒާ ޒުލޭހާ އިބްރާހީމެވެ. ބްރިޖިން ދަ ކޮމިއުނިޓީސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކިއުޓިވް ޑިރެކްޓަރު އިބްރާހީމް މުހައްމަދެވެ.
ބްރިޖިން ދަ ކޮމިއުނިޓީސް މޯލްޑިވްސް އިން ބުނި ގޮތުގައި، އެ އެއްބަސްވުމުގެ މަގުސަދަކީ ގެވެށި އަނިޔާއާއި ޖިންސީ އަނިޔާ އަދި ފުރައްސާރަކުރުމުގެ މައްސަލަތަކާއި ކުޑަކުދިންގެ ހަޟާނަތުގެ މައްސަލަތަކާއި އެ ބާވަތުގެ އެހެނިހެން މައްސަލަތައް މުޖުތަމައުގައި އިތުރުވަމުންދާއިރު، މާލީ ތަނަސްކަން ނެތުމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގައާއި އަދުލު އިންސާފު ހޯދުމުގައި ހުރަސްތައް ހުރުމުން އެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން އެ ބާވަތުގެ މައްސަލަތަކުގައި ތަހުގީގު އަދި ކޯޓު މަރުހަލާގައި ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު