ޝަރުތު ހަމަވާ ހުރިހާ މީހުންނަށް ގޯތި ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައިވެނި ނުކޮށް ތިބިކަމުގައި ވިޔަސް ފުރަތަމަ ފަހަރަށް ޒުވާނުންނަށް ގޯތިދޭން ނިންމާފައިވާ ކަމަށެވެ.
"އައްޑޫ ސިޓީއިން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތިދޭން ކައުންސިލްއިން ވަނީ ނިންމާފައި" ނިޒާރު ވިދާޅުވިއެވެ.
އެ ކައުންސިލްގެ މިއަދު ޖަލްސާގައި ވަނީ އައްޑޫގެ އެކި އަވަށްތަކުން ދޫކުރާ 1،000 ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުންގެ ވަގުތީ ލިސްޓު މާދަމާ އާންމުކުރަން ވެސް ނިންމައިފައެވެ.
ގޯއްޗަށް އެދި 4،160 ފޯމު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ޝަރުތު ހަމަވަނީ 3،972 މީހެއްގެ ކަމަށް ނިޒާރު ވިދާޅުވިއެވެ. ޝަރުތު ހަމަނުވާ 188 މީހުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އޭނާ ވިދާޅުވިއެވެ.
އައްޑޫން ގޯތި ދޫކުރަން ނިންމައި ކުރިމަތިލާން ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުއެވެ. ފުރަތަމަ އިއުލާނުކުރީ 1،000 ގޯތި ދޫކުރާށެވެ. އެއީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 100 ގޯއްޗެވެ.
ގޯތި ދޫކުރުމަށް އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު