އިހަވަންދިއްޕޮޅު ތަރައްގީގެ މަޝްރޫއާއެކު ފެށިގެން މިދަނީ ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ބަދަލެއް އައުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިހަވަންދިއްޕޮޅުގައި މި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ޕޯޓް ސިޓީގައި ބައެއްގެ ކަމަށްވާ ބަންކަރިން ފެސިލިޓީ ގާއިމުކުރަން މެދުއިރުމަތީގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން އާއެކު އެސްޓީއޯއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އިހަވަންދިއްޕޮޅު ތަރައްގީގެ މަޝްރޫއު ފެށިގެން ދިއުމާއެކު ޒަމާންތަކެއް ވަންދެން މުޅި އުތުރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި ސަރުކާރުގެ ވިސްނުމަކީ އުތުރަކީ އިގުތިސާދީ ހަބެއްގެ ގޮތަށް ގާއިމުކުރުން ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި މިއީ ވަރަށް މުހިންމު ދަނޑިވަޅެއް، ވަގުތެއް. މި މަސައްކަތާއެކު ފެށިގެން މިދަނީ ދިވެހިރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ބަދަލެއް އައުމަށް. އަޅުގަނޑުމެންގެ އިގުތިސާދު ޓޫރިޒަމަށް ބަރޯސާވުމުގެ އިތުރުން އިތުރު ކަންތައްތަކެއް އެބަ އަންނަން ޖެހޭ އިގުތިސާދަށް. މިއަދު މި ފެށުނު މަސައްކަތަކީ އަޅުގަނޑުމެންގެ އިގުތިސާދު ސިންދަފާތު ކުރުމަށް އެޅުނު ވަރަށް ބޮޑު ކުރިއެރުމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އިހަވަންދިއްޕޮޅުގައި މެނިފެކްޗަރިންއާއި އަދި އެއާ ގުޅުންހުރި އެތައް މަސައްކަތްތަކެއް މުޅިން އަލަށް ތައާރަފުކުރެވިގެންދާނެ ކަމަށާއި އެ މަސައްކަތް ދައުލަތުގެ ކުންފުނިތަކުގެ އެހީތެރިކަމާއެކު ފެށި ކަމުގައިވީ ނަމަވެސް، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އާއި ބޭރުގެ ޕްރައިވެޓް ސެކްޓާގެ ވިޔަފާރިތައް އެ މަސައްކަތުގައި ބައިވެރިވުން ކަމަށެވެ. އަދި އޭގެ ތެރެއިން ހޯދައިދޭ ފުރުސަތުތަކުގެ ބޭނުން ދިވެހި ވިޔަފާރިވެރިންވެސް ފުރިހަމައަށް ބޭނުންކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި އޮންނަ ސްޓްރީޓީޖިކް ލޮކޭޝަނަކީ ގާތްގަނޑަކަށް 250 ބޯޓު ދުވާލެއްގެ މައްޗަށް، އަށްވަނަ ޑިގްރީ ހުރަސްކޮށް ދަތުރުކުރާ ޗެނަލެއް. އެތައް ޓްރިލިއަން ޑޮލަރެއްގެ މުދާ ކޮންމެ އަހަރެއް ތެރޭ އެ ޗެނަލް މެދުވެރިކޮށް އެބަދޭ. ހަގީގަތުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ލަސްވެއްޖެ މީގެ ފައިދާ މި ގައުމަށް ނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި. މިހާރު އަޅުގަނޑުމެންނަށް މިވަނީ ބޮޑެތި ކޮމްޕެޓިޝަންތަކެއް އައިސްފައި. ކޮލަމްބޯގައި ވަރުގަދަ ދެ ޕޯޓެއް ހެދިގެން ގޮސްފި، އިންޑިއާގައި ޕޯޓެއް އެބަ ހެދޭ. އެހެންނަމަވެސް އަދިވެސް އަޅުގަނޑުމެން ބަލައި ބެލުމުގައި ދިވެހިރާއްޖެއަށް އެ މަސައްކަތް ފަށައިފި ނަމަ، ލިބޭނެ ވަރަށް ބައިވަރު މަންފާތައް އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.
އެސްޓީއޯ އާއި އާބަކޮންއާ ދެމެދު ސޮއިކުރި އެއްބަސްވުމަކީ ބަންކަރިން އަދި ގައުމީ ތެލުގެ ރިޒާވް ތަރައްގީކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހަދައި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށްޓަކައި ސޮއިކުރި އެއްބަސްވުމެކެވެ. އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައި އޮންނަ އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ޕޯޓް ސިޓީގެ އެންމެ މުހިއްމު އެއް ބަޔަކީވެސް ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހެދުމާއި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމެވެ.
އެސްޓީއޯއިން ބުނީ، ދުނިޔޭގެ ބަންކަރިން އިންޑަސްޓްރީއަކީ 150 ބިލިއަން ޑޮލަރުގެ ވިޔަފާރިއަކަށްވާ އިރު، އިހަވަންދިއްޕޮޅުގައި ބަންކަންރިންގެ ހިދުމަތް ފަށައި އޭގެ ނަފާ މުޅި ގައުމަށާއި އެ ކުންފުންޏަށް ހޯދުމަކީ އެ ޕްރޮޖެކްޓުގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށެވެ. އަދި އެ ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި، ގުޅުންހުރި ވިޔަފާރިތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
އޭގެ ތެރޭގައި ޝިޕިން އެޖެންސީ، ކްރޫ ޗޭންޖް، ޝިޕް ޗޭންޑްލިންގް، ޝިޕް ރިޕެއާ އަދި ސްޕެއާ ޕާޓްސް ފޯރުކޮށްދިނުން ހިމެނެއެވެ.
އެސްޓީއޯއިން ބުނީ، ބަންކަރިން ހިދުމަތް ފެށުމަށްޓަކައި ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާލުމަށްޓަކައި ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައި ޑްރާފްޓް ރެގިއުލޭޝަންސްތައް ތައްޔާރުކުރަމުންދާ އިރު، އެ ޕްރޮޖެކްޓް ހިންގުމުގައި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކޮށް، ހޯދަންޖެހޭ އާލާތްތައް، އެމްއެންޑީއެފްގެ ލަފާގެ މަތިން ހޯދަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު