ބައިނަލްއަގުވާމީ ބަނދަރުތަކުން އައްޑޫ ސިޓީއަށް މުދާ އެތެރެކުރުމަށް މަގުފަހިކޮށްދިނުމަށް ގައުމީ ޝިޕިން ކުންފުނި, މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގެންނަ ބޯޓު, އެމްއެސްއެސް އޯޕަލް ގަތުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އެ ބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރީ މީރުމާ އިވެންޓް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއީ 2020 ވަނަ އަހަރު އެމްއެސްއެސް އުފެއްދި ފަހުން އެ ކުންފުނިން ގެންނަ ފަސްވަނަ ބޯޓެވެ.

އެސްޓީއޯއިން ބުނީ, މި ބޯޓު ދަތުރުކުރާނީ މާލެ, ހިތަދޫ, ކޫއްޑޫ, މާލެއަށް ކަމަށާއި މި ބޯޓާއެކު ބައިނަލްއަގުވާމީ ބާޒާރުން އައްޑޫއަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑޫއަށް ގެންގޮސް އަދި މާލެއިން ގެންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދެވޭނެ ކަމަށެވެ.

ވިހި ރީފާ ކޮންޓެއިނަރު ނުވަތަ ފިނި ކޮންޓެއިނަރާ އެކު 105 ކޮންޓެއިނަރު އުފުލޭ މި ބޯޓު ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާއިރު, މިއީ ކްރޭން ހަރުކޮށްފައި ހުންނަ ބޯޓެކެވެ. އެހެންވެ އައްޑޫ ސިޓީގެ ބަނދަރުގައި މި ވަގުތު ކްރޭން ނެތިގެން ދިމާވާ އެއްވެސް ދަތިކަމެއް މި އޮޕަރޭޝަންގައި ދިމާވެގެން ނުދާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ, މި އޮޕަރޭޝަންގެ ސަބަބުން މުދާ އުފުލުމުގައި ހުރި ދަތިތައް ހައްލުވެ، ގަވާއިދުން އުފުލަދޭނެ އިތުބާރުކުރެވޭ ފަރާތެއް އުފެދި، ބާޒާރުގައި މި ހިދުމަތުގެ އަގު އުފުލިގެން ދިއުން ހިފެހެއްޓިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން މޫސުން ގޯސް ދުވަސްވަރު، ދެކުނުގެ ރަށްތަކަށް ކާޑުގެ ބާވާތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ފިލައި ކާޑުގެ ލިބުމުގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށްވެސް ބުންޏެވެ.

އެސްޓީއޯއިން ބުނީ, އައްޑޫގެ ސަރަހައްދީ ބަނދަރު ބައިންލައަގުވާމީ ބަނދަރުތަކާ ގުޅުވާލެވުމުން މާލެ ފިޔަވައި އިތުރު ސަރަހައްދެއްގައި ބައިނަލްއަގުވާމީ ބަނދަރެއް ތަރައްގީވެ ވަޒީފާގެ ފުރުސަތުތައްވެސް ފަހިވެގެންދާނެ ކަމަށެވެ.