ށ. ކޮމަންޑޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި މަތިކޮމަންޑޫ ކަނެކްޓިވިޓީގެ މަޝްރޫއުގެ ދަށުން މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީން އިއްޔެ ބުނީ އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ. އެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން މަތި ކޮމަންޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 45 ޕަސަންޓް ނިމިފައިވާ އިރު، ކޮމަންޑޫގެ ރިވެޓްމެންޓް ރެކްޓިފިކޭޝަން މަސައްކަތުގެ 52 ޕަސަންޓް ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި މުޅި މަޝްރޫއުގެ އަމަލީ މަސައްކަތުގެ ތެރެއިން 50 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
މަތިކޮމަންޑޫގެ އެ މަޝްރޫއު ނިމޭ އިރު، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ބުރިޖަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވައިލުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން 3,182 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމާއި، 353 މީޓަރުގެ ގްރޮއިންސް ހަރުކުރުމުގެ އިތުރުން 30 މީޓަރުގެ ބޭރުތޮށީގެ ރެކްޓިފިކޭޝަން މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ. އެ މަޝަރޫއަކީ 235.75 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ މަޝްރޫއާ ގުޅޭގޮތުން ކޮމަންޑޫ ކައުންސިލުގެ ރައީސް މުހައްމަދު ސިނާނު "ވަން" އަށް ވިދާޅުވީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމުން އުދައެރުމުގެ މައްސަލައިގެ އުނދަގުލުން ރައްޔިތުންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ.
ކޮމަންޑޫގެ އާބަދީގައި 2900 ރައްތިޔުން ދިރިއުޅެއެވެ. އަދި އެރަށު ސްކޫލުގައި ގްރޭޑް 12 ހަމައަށް ކިޔަވަދޭއިރު ދަރިވަރުންގެ އަދަދު 600 ވުރެއިން ގިނަ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
އެމްޓީސީސީން ވަނީ މިއަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހު ދެ ކޮމަންޑޫ ގުޅުވައިލުމަށް ހަދަންޖެހޭ ސާވޭތައް ހަދައި ނިންމައިފައެވެ. އެމްޓީސީސީން އެ ދުވަހު ބުނެފައިވަނީ ސާވޭގެ ދަށުން ބުރިޖުގެ ފުންމިން ބެލުމަށްޓަކައި ބާހޯލު ތޮރުފައިގެން ބެޑްރޮކް ހުރި މިންގަނޑު ބަލައިފައިވާނެ ކަމަށެވެ. އަދި ސާވޭގެ ހޯދުންތަކަށް ބިނާކޮށް ބްރިޖުގެ ފައުންޑޭޝަން އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މިދިޔަ މަހުގެ އަށްވަނަ ދުވަހު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "ވަން" އަށް ވިދާޅުވެފައިވަނީ، ކޮމަންޑޫ ގުޅުވައިލުމުގެ މަސައްކަތް ހަ މަސްދުވަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު