އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިސް މައުމޫންގެ ރަނިންމޭޓަކަށް ޑރ. އަބްދުއްސައްތާރު ޔޫސުފް ހަމަޖައްސަވައިފިއެވެ.

ޑރ. އަބްދުލްސައްތާރު ޔޫސުފަކީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބެވެ. އަދި އޭނާއަކީ އެކި ދާއިރާތަކުން ފޮތްތައް ލިޔުއްވައި، ދިވެހި ބަހަށްވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ފާރިސްގެ ރަނިންމޭޓަކަށް ޑރ. އަބްދުއްސައްތާރު ޔޫސުފް ހަމަޖެއްސެވިކަން އިއުލާންކުރައްވާފައިވަނީ ފާރިސް، ޓުވިޓާ މެދުވެރިކޮށް މިރޭ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރެއްވި ފާރިސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމަށް ބޭނުންވާ 1،500 ސޮއި ހަަމަކުރައްވައިފައެވެ. ނަމަވެސް އޭނާގެ ކެންޑިޑެސީ ފޯމު އަދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފައެއް ނުވެއެވެ.

ފާރިސް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވި ސަބަބެއް ކަމަށް ބެލެވެނީ، ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވުމުން އޭނާ ރައީސްކަން ކުރައްވާ އެމްއާރުއެމް އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމި މައްސަލަ މި ވަގުތު ކޯޓުގައި އޮތުމުންނެވެ.