ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް އެމްއާރުއެމްގެ ރައީސް، ފާރިސް މައުމޫން ނިންމަވައިފިއެވެ.

އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަން އިއުލާން ކުރެއްވީ އޭނާގެ ޓުވިޓާ އެކައުންޓް މެދުވެރިކޮށް މިއަދު ދެއްވި ވީޑީއޯ މެސެޖެެއްގައެވެ.

"ލޮބުވެތި ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތީން ދިވެހިރާއްޖޭގެ ކަންކަން އިސްލާހުކުރުމުގެ މާތް މަގުސަދުގައި މާތްﷲ ގެ ވާގިފުޅާއެކު މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަން ނިންމި ވާހަކަ ތި ބޭފުޅުންގެ މައުލޫމާތަށްޓަކައި ހިއްސާކުރަން،" ފާރިސްގެ މެސެޖުގައިވެއެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރެއްވި ފާރިސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމަށް ބޭނުންވާ 1،500 ސޮއި ހަަމަކުރައްވައިފައެވެ. ނަމަވެސް އޭނާގެ ކެންޑިޑެސީ ފޯމު އަދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެއް ނުވެއެވެ.

ފާރިސް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމެވި ސަބަބެއް ކަމަށް ބެލެވެނީ، ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވުމުން އޭނާ ރައީސްކަން ކުރައްވާ އެމްއާރުއެމް އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމި މައްސަލަ މި ވަގުތު ކޯޓުގައި އޮތުމުންނެވެ.