އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ "އުރީދޫ މަސްރޭސް 2023" 34 ޓީމާއެކު މާލެ ސިޓީގައި އިއްޔެ ފަށައިފިއެވެ.
މާލެސިޓީއާ އެކު އަތޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަމާޒުކޮށްގެން ކުރިއަށްގެންދާ އުރީދޫ މަސްރޭހުގައި މިއަހަރު ޖުމުލަ 83 ޓީމަކުން ރަޖިސްޓްރީކޮށްފައިވެއެވެ. މިއަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށެވެ.
އުރީދޫ މަސްރޭސް ފެށުމަށް އިއްޔެ މަސްވެރިންގެ ޕާކު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ އުރީދޫ މަސްރޭހުގައި ގިނަ އަދަދެއްގެ ގްރޫޕްތަކުން ބައިވެރިވެފައި ވަނީ ދިވެހިންގެ ތެރޭގައި މަސްވެރި ކަމަށް އޮތް ލޯތްބާއި ފޯރި އިތުރުވެފައި ވާތީ ކަމަށެވެ. އަދި މިއީ ދިވެހިންގެ ލެޔާއި ދިވެހިންނަކީ އެކަތިގަނޑެއްކަން ދައްކުވައިދޭ ކަމެއް ކަމަށާއި މިއީ ދިވެހި ތާރީހައި ސަގާފަތާ ގުޅިފައިވާ ކަމަށް ވަތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އުރީދޫން މަސް ރޭސް ފަށާފައިވަނީ އިއްޔެ މެންދުރު 2:30 ގައި މަސްވެރިންގެ ޕާކު ސަރަހައްދުންނެވެ. މަހަށް ފުރުމަށްފަހު، މަސް ކިރުމަށް ހުރިހާ ޓީމުތަކުން އުސްފަސްގަނޑަށް ރޭ 9:00 ގެ ކުރިން ވަނީ ގޮސްފައެވެ.
އެގޮތުން 34 ޓީމް ބައިވެރިވި މާލެ ސަރަހައްދުގެ ޗެމްޕިއަން ޓީމަކަށް ހޮވުނީ ޓީމް ސޮނީ ފިޝިންއެވެ. އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް ހޮވުނީ ޓީމް ކުރަންޗީސްގެ ނައުޝާދެވެ. އެންމެ މޮޅު އަންހެން ކެޔޯޅަށް ހޮވުނީ ދިޓިއުން ފިޝިންގެ ފާތުމަތު ފެޒްލީން (ފެޒޫ)އެވެ.
އަދި އެންމެ ބަރު މަސް ބާނާފައިވަނީ ޓީމް ސޮނީ ފިޝިންގެ ވަލީދެވެ. އޭނާ ބާނާފައިވަނީ މާނިޔާ މަހެކެވެ. އެމަހުގެ ބަރުދަނުގައި 17.54 ކިލޯ ހުއްޓެވެ.
މަސްކިރުމުގެ މަސައްކަތް އުސްފަސްގަނޑުގައި ކުރިއަށްދިޔަ އިރު، ހަބޭސް ބޮޑުބެރުގެ ހިތްގައިމު ހަރަކާތްތައް އުސްފަސްގަނޑު ސަރަހައްދުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭސް 2023 ވަނީ މާލެ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ފުޅާކޮށްފައެވެ.
މާލެ ސިޓީ: އޮގަސްޓް 4
ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11
އައްޑޫ ސިޓީ: އޮގަސްޓް 18
ފުވައްމުލައް ސިޓީ: އޮގަސްޓް 25
އެއްވަނަ ޓީމު: 25،000 ރުފިޔާ
ދެވަނަ ޓީމު: 10،000 ރުފިޔާ
ތިންވަނަ ޓީމު: 5،000 ރުފިޔާ
އެންމެ މޮޅު ފިރިހެން ކެޔޮޅު: 1،000 ރުފިޔާ
އެންމެ މޮޅު އަންހެން ކެޔޯޅު: 1،000 ރުފިޔާ
އުރީދޫ މޯލްޑިވްސް އިން ވަނީ މަސްރޭސް 2023 އަށް ރަޖިސްޓްރީ ކުރި ހުރިހާ ޓީމަކަށް ޝުކުރު އަދާކޮށްފައެވެ. އަދި އަހަރުން އަހަރަށް އުރީދޫ މަސްރޭހުގައި ބައިވެރިވާ ޓީމުތައް އިތުރުވުމަކީ އެ ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ލޯބިކުރާ ފަރާތްތަކުގެ ތެރޭގައި އުފެދުނު އުފާވެރިކަމާއި ޝައުގުވެރިކަން ދައްކުވައިދޭ ކަމެއް ކަމަށް އުރީދޫން ބުންޏެވެ.
ޖުމުލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން ކޮންމެ ސިޓީއަކުން ވެސް ގަދަ ތިނެއް ހޯދާ ޓީމުތަކާއި އެންމެ މޮޅު ފިރިހެން ކެޔޮޅާއި އެންމެ މޮޅު އަންހެން ކެޔޮޅަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު