ޓްވިޓާއިން ލައިވް ޖެއްސޭ ގޮތް ހަދައިފިއެވެ.

އެލަން މަސްކުގެ ޓްވިޓާ ރީ ބްރޭންޑްކޮށް އެކްސްގެ ނަމުން ނަންދީފައިވާ އިރު، އޭނާ ވަނީ އެ ޕްލެޓްފޯމް މެދުވެރިކޮށް އާ ކަންތައް ތަކެއް ތައާރަފު ކުރާނެކަން އިއުލާން ކޮށްފައެވެ.

ޓްވިޓާއިން ލައިވް ކުރެވޭ ފީޗާ ތާރަފްކުރަމުން މަސްކު ވަނީ ލައިވްއެއް ޖައްސައިފައެވެ. އެލައިވްގައި އޭނާ ވަނީ ޓްވިޓާގެ ބައެއް މުވައްޒަފުން ވެސް ދައްކާލައިފައެވެ.

ޓްވިޓާ މެދުވެރިކޮށް ލައިވް ކުރާނަމަ ކޮމްޕޯސާ ޓެބް މެދުވެރިކޮށް ކެމެރާއަށް ފިއްތާލުމުން ސްކްރީނުގެ ތިރިން ލައިވް އޮޕްޝަން ނެގޭނެއެވެ. އަދި ޑިސްކްރިޕްޝަން ލިޔެ ލައިވް ކުރެވޭނެ ކަމަށް ޓްވިޓާއިން ވަނީ މައުލޫމާތު ދީފައެވެ.

މީގެ އިތުރުން ޓްވިޓާއިން ވަނީ ދާދިފަހުން ޓްވީޓުގައި ހުންނަ ވީޑިއޯ ޑައުންލޯޑު ކުރެވޭ ފީޗާވެސް ތާރަފްކޮށްފައެވެ. ވީޑިއޯ އަޕްލޯޑް ކުރާއިރު އެވީޑިއޯ އެހެން މީހުންނަށް ޑައުންލޯޑް ކުރެވޭ ގޮތަށް އަޕްލޯޑް ކުރެވޭނެ ކަމަށް ޓްވިޓާއިން ބުނެފައިވެއެވެ.

އެލަން މަސްކު ވަނީ މެޓާއިން ތްރެޑްސް އެޕް ލޯންޗު ކުރުމާއެކު ޓްވިޓާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޓްވިޓާގެ ލޯގޯވެސް ވަނީ ބަދަލުކޮށްފައެވެ.