ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ތިންވަނަ އަށް ޗައިނާ އަރައިފިއެވެ.

ކޮވިޑާއެކު ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަން ފެށީ މި އަހަރުގެ ޖެނުއަރީގައެވެ. ޗައިނާ އަކީ ކޮވިޑުގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު މާކެޓެވެ.

ކޮވިޑަށްފަހު މި އަހަރުގެ ޖެނުއަރީގައި ޗައިނާގެ ބޯޑަރުތައް އަލުން ހުޅުވާލުމާ އެކު އެގަމުގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ އަދަދު އަންނަނީ ބާރަށް އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ޖޫން މަސް ނިމުނު އިރު ރާއްޖޭގެ އެރައިވަލް ލިސްޓުގެ ހަވަނައިގެ އޮތް ޗައިނާ މިހާރު އޮތީ ލިސްޓުގެ ތިންވައިގައެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 91,555 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ މާކެޓު ޝެއާގެ 8.6 ޕަސެންޓެވެ.

ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވަމުން އަންނަ އިރު، ޗައިނާގެ ތިން އެއާލައިނެއް ކަމަށްވާ ބެއިޖިން ކެޕިޓަލް އާއި ޗައިނާ އީސްޓަން އަދި ސިޗުއާން އެއާލައިންސް އިން ރާއްޖެއަށް މިހާރު އަންނަނީ ދަތުރު ކުރަމުންނެވެ. އޭގެ ތެރެއިން ޗައިނާގެ ސިޗުއާން އެއާލައިންސް ދަތަރު ރާއްޖެއަށް ފެށީ އިއްޔެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެގައުމުން 126،000 ޓޫރިސްޓުން އައިސްފައިވެއެވެ. އަދި ދެވަނައަށް އޮތް އިންޑިއާއިން ރާއްޖެއަށް 122،000 ޓޫރިސްޓުން އައިސްފައިވެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ އެއް މިލިއަން ޓޫރިސްޓުން އައިސްފައެވެ.