ށ. ބިލެތްފަހިން ޢަލީ ޔާމީން (ވަން އޮންލައިން)

ޓީވީ ޗެނަލްތަކަށް އަރާ ކޮންމެ ވާހަކައެއްވެސް ދެއްކިޔަސް ބަސްމަގު ރަނގަޅު ކުރުމަށް އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު މެންދުރުފަހު މި ރަށަށް ވަޑައިގެން މި ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން އެއްވެސް ސިޔާސި މީހަކު އަދި އެއްވެސް ނޫސްވެރިޔަކުވެސް ޖަލަކަށް ނުލާނެ ކަމަށެވެ. އަދި ޓީވީ ޗެނަލްތަކުން ސަރުކާރަށް ފާޑުކިޔައި ބޭނުން ވާހަކައެއް ދައްކަންވީ ކަމަށްވެސް ވިދާޅުވިއެވެ.

"އެކަމަކު ކޮންމެވެސް ވަރަކަށް ބަހުރުވައަށް އެބަ ވިސްނަންޖެހޭ. ގޭތެރޭގައި ސިޓިންރޫމުގައި އެ ތިބޭ އާއިލާތަކާއެކުގައި ޓީވީ ބަލަން ތިބޭއިރުގައި އަޑުއަހަން ކަމުނުދާ ވާހަކަ އެބަ ދައްކާ. ވާހަކަ ދައްކަންވީ. ފާޑުކިޔަންވީ، އެހެން ނަމަވެސް އޭގެ ރީތި ގޮތް ބޭނުންކުރުމަކީ މުޖުތަމައަށް އެންމެ ރަނގަޅު ގޮތް," ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ކެމްޕެއިން ކުރުމަށް އެހެން ޕާޓީތަކުން ފޮތިވެސް ދަމަންވީ ކަމަށެވެ.

ރައީސް އެހެން ވިދާޅުވި އިރު، އެ މަނިކުފާނު ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރު ބައެއް ރަށްރަށުގައި ސަރުކާރަށް ފާޑުކިޔައި އަދި އިޖުތިމާއީ މިންގަނޑާ ހިލާފު ބައެއް ބަސްތައް ބޭނުންކޮށް، ލިޔެފައިވާ ބެނާތައް ދަމާފައި ހުރެއެވެ.