ށ. ޅައިމަގުން ޢަލީ ޔާމީން (ވަން އޮންލައިން)
މި ސަރުކާރުން ވީ ވައުދާ އެއްގޮތަށް ކަންކަން ކުރަމުންދިޔަކަން ރައްޔިތުން މިހާރު ޓެސްޓުކޮށްފައިވާ ކަމަށާއި މި ސަރުކާރު ރައްޔިތުން ބަލައިގެންފައިވާ ކަމަށް އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް މި ރަށަށް މިއަދު ވަޑައިގެން މި ރަށުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، މި ރަށަކީ އިސްލާހީ މަސައްކަތްތައް ފެށިއިރުއްސުރެ އެމްޑީޕީއަށް ތާއީދު އޮތް ރަށެއް ކަމަށެވެ.
ރައީސް ވިދާޅުވީ، އެހެން ކެންޑިޑޭޓުން ވެސް އެރަށަށް ވަޑައިގެން ވައުދުތައް ވެވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް މި ސަރުކާރު މިހާރު ރައްޔިތުން ޓެސްޓުކޮށްފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި 13 އަހަރު ދުވަހުވެސް ނުގެނެވި ހުރި އަސާސީ ހިދުމަތްތައް މި ސަރުކާރުން ގެނެސްދެމުން އަންނަ ކަމަށެވެ.
"ތިޔަބޭފުޅުންނަށް މިހާރު މި ސަރުކާރު ޓެސްޓު ކުރެވިފައި އޮންނާނީ، ވީ ވައުދާ އެއްގޮތަށް ކަންކުރަމުންދިޔަކަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ދައުރު ނިމޭއިރުގައި ދެން އަންނަ ވެރިކަމެއްގައި ކެންޑިޑޭޓަކު މި ރަށަށް ވަޑައިގެން އަސާސީ ހިދުމަތްތަކާ ގުޅޭ ގޮތުން ވެވަޑައިގަންނަވާނެ މާ ބޮޑު ވައުދެއް ނޯންނާނެ ކަމަށެވެ.
"ހަދަންޏާ ހަދަން ޖެހޭނީ ދޮގު. ކޮށްދީފައި އޮތް ކަމެއް އެހެން ގޮތަކަށް ކޮށްދޭނަމޭ ދެން ބުނަން ޖެހޭނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބޮޑުތިލަދުންމަތި ބޮޑުކޮށް ނަގާއިރު މި ރަށުގެ ފުރިހަމަ ތާއީދު އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަނަށް ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު