އެސްޓީއޯއަށް މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި 303 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެއެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ 3.7 ބިލިއަން ރުފިޔާއަށް ވެއްޓިފައެވެ.
އޭގެ ސަބަބެއް ކަމަށް އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ކުންފުނިން ވިއްކަމުންދިޔަ ތެލުގެ އަގު ދަށްކުރުމުންނެވެ.
ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު ޖުމުލަ ފައިދާވެސް ވަނީ ދަށްވެފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި 809 މިލިއަން ރުފިޔާ ލިބުނުއިރު ދެވަނަ ކުއާޓަރުގައި ލިބުނީ 804 މިލިއަން ރުފިޔާއެވެ. އެއީ އެއް ޕަސެންޓުގެ ދަށްވުމެކެވެ.
ހިންގުމުގެ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނީ 428 މިލިއަން ރުފިޔާއެވެ. އެއީ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު 15 ޕަސަންޓުގެ ދަށްވުމެކެވެ.
މާލީ ރިޕޯޓް ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ދެވަނަ ކުއާޓާގައި ލިބުނު ފައިދާއަކީ 373 މިލިއަން ރުފިޔާއެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި 303 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ އޭގެ ކުރީ ކުއާޓާއާ އަޅައިބަލާއިރު 18 ޕަސެންޓުގެ ދަށްވުމެކެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ދެވަނަ ކުއާޓަރުގެ ފައިދާ އޭގެ ކުރީގެ ކުއާޓަރާ އަޅައިބަލާއިރު ދަށްވި ނަމަވެސް މި އަހަރުގެ ޖޫން މަަހުގެ ނިޔަލަށް ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ވަނީ 671 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅައިބަލާއިރު 366 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު