ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކުގެ ތެރެއިން އުވާލުމަށް ނިންމި ޖަމިއްޔާތަކުގެ ލިސްޓު ޔޫތު މިނިސްޓްރީން މިރޭ ބާތިލުކޮށްފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ 1،989 ޖަމިއްޔާއެއް އުވާލަން ނިންމައިފައިވާ ކަމަށެވެ. އެ ޖަމިއްޔާތައް އުވާލަން ނިންމީ ހިންގާ ކޮމިޓީ ރަޖިސްޓަރީ ކޮށްފައި ނުވުމުންނާއި، ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކުގެ ތެރެއިން މިއަހަރުގެ ނިޔަލަށް ޖެހިޖެހިގެން ދެ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅާފައި ނެތުމުން ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
އުވާލަން ނިންމި ޖަމިއްޔާތަކުން ވަނީ ޔޫތު މިނިސްޓްރީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޔޫތު މިނިސްޓްރީން އުވާލަން ނިންމި ޖަމިއްޔާތަކުގެ ތެރޭގައި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ މައުމޫން ފައުންޑޭޝަނާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަދި ސަލަފް ޖަމިއްޔާ ވެސް ހިމެނެއެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަމިއްޔާތަކަށް އުވާލަން ނިންމައިފައިވާކަން އެނގުނީ ނޫސްތަކުން އެ ހަބަރު ފެނުމުން ކަމަށާއި ޝަކުވާތަކާ ގުޅިގެން އުވާލަން ނިންމި ޖަމިއްޔާތުގެ ލިސްޓު ރަނގަޅުކުރަން އަންގަވާފައިވާނެ ކަމަށެވެ.
"އޭގެ ތެރޭގައި ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބުތައް ހިމެނޭ. އަދި ހަރަކާތްތެރިކޮށް ފެންނަ ބައެއް ޖަމިއްޔާތައްވެސް އެބަ ހިމެނޭ. މިކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ވަނީ އަޅުގަނޑަށް ލިބިފައި. މިކަންކަން ބަލައި ރަނގަޅުކުރުމަށް ވާނީ ރިކުއެސްޓުކޮށްފައި،" މަހުލޫފު ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ބުނީ އިދާރީ މައްސަލައަކާ ގުޅިގެން އުވާލަން ނިންމި ޖަމިއްޔާތަކުގެ ލިސްޓު ބާތިލުކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން އެންމެ ފުރަތަމަ ޖަމިއްޔާތައް އުވާލަން ނިންމިކަން އަންގަން ކުރި އިއުލާނުގައި ބުނީ ޖަމިއްޔާތައް އުވާލަން ނިންމިޔަސް އެ ލިޔެކިޔުންތައް ފުރިހަމަކޮށް، އުވާލުން ހުއްޓުވުމަށް އެދުމުގެ ފުރުސަތު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޔޫތު މިނިސްޓްރީން ވަނީ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު