ފަލަސްތީނުގެ ހައްގު ހޯދުމަށް އެ ގައުމުން ކުރާ މަސައްކަތުގައި ރާއްޖެއިން އެ ގައުމަށް ދޭ އެއްބާރުލުން ފާހަގަކޮށް، ފަލަސްތީނުން ރާއްޖެއަށް ޝުކުރު އަދާކޮށްފިއެވެ.
ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަލީދު އަބޫ އަލީލާ ވަނީ އިއްޔެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ވަލީދު އަބޫ އަލީލާ ވަނީ ރާއްޖެއާއި ފަލަސްތީނާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމާއި ރާއްޖޭން އަބަދުވެސް ފަލަސްތީނާ އެކު އޮންނަ އޮތުން ފާހަގަކުރައްވައިފައެވެ. އަދި ރާއްޖެއިން ފަލަސްތީނާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގު ހޯދައިދެއްވުމަށް ކުރާ މަސައްކަތައް ޝުކުރު އަދާކުރައްވައިފައެވެ.
ރާއްޖެއަކީ އަަބަދުވެސް ފަލަސްތީން ދެކެ ލޯބިވާ ރައްޔިތެއް އުޅޭ ގައުމެއް ކަމަށް ފަލަސްތީނުގެ ސަފީރު ފާހަގަކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޑރ. ޒާހިރު ވަނީ ފަލަސްތީނަކީ ވަރަށް ގާތް ގައުމެއްގެ ގޮތުގައި ރާއްޖޭން އަބަދުވެސް ދެކޭ ކަމާއި އަބަދުވެސް އެގޮތުގައި ރާއްޖެ ދެމި އޮންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްތީންގެ މައްސަލަައިގައި ރާއްޖޭން އަބަދުވެސް ތާއީދުކުރާނީ އެ ގައުމަށް ކަމަށް ވިދާޅުވިއެވެ.
ޑރ. ޒާހިރު ވަނީ ރާއްޖެއާއި ފަލަސްތީނާ ދެމެދު މުހިންމު ދާއިރާތަކުން އެހީތެރިކަން ލިބިގެންދާނެކަން ފާހަގަކުރައްވައިފައެވެ. އަދި ރާއްޖެއަށް ދީނީ އިލްމުވެރިންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި އެކަމުގެ އެހީތެރިކަމަށް ސަފީރު ކައިރިން އެދިވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު