ޓްރެފިކް ގަވާއިދާ ހިލާފުވެގެން ކަމަށް ބުނެ، ހުޅުމާލެ ފޭސް ދޭކުން ރޭ ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔައިރު ފުލުހުން އޭނާއަށް އަނިޔާކުރި ކަމަަށް ކުޑަހުވަދޫ ދާއުރާގެ މަޖިލިސް މެންބަރު އަހުމަދު އާމިރު ތުހުމަތު ކުރައްވައިފިއެވެ.

ރޭގެ ހާދިސާއާ ގުޅިގެން އާމިރު މިއަދު "ވަން" އަށް ވިދާޅުވީ، ފުލުހުން އޭނާ ހުއްޓުވީ ރައްޓެއްސަކާއެކު ދުއްވާފައި ދަނިކޮށް ކަމަށާއި ފުލުހުން އޭނާ ހުއްޓުވުމުން ފުލުހުން ތަންފީޒު ކުރަންޖެހޭނީ މަގުމަތީ ގާނޫނު އެކަނި ނޫން ކަމާއި އެހެން ގާނޫނުތައްވެސް ތަންފީޒު ކުރަންޖެހޭނެ ކަމަށް ވިދާޅުވި ކަމަށެވެ.

"ރޭ އެކެއް ޖަހާކަންހާއިރު ފޭސް ދޭއްގައި ރައްޓެއްސަކާއެކު ދުއްވާފައިދަނިކޮށް، ފުލުހުންގެ ދެ މީހުން ކުއްލިއަކަށް ކުރިމައްޗަށް އަރައި ހުއްޓުވާފައި ބުނީ މަޑުކުރާށޭ، ކީއްވެހޭ މަޑުނުކުރީ، ދެން އަޅުގަނޑު ބުނީ ތި ބޭފުޅުން ހަމައެކަނި ތަންފީޒު ކުރަންޖެހެނީ މަގުމަތީ ގާނޫނު އެކަނިހޭ ދެން ހުރި ގާނޫނުތައް ކީއްވެހޭ ތަންފީޒު ނުކުރަނީ، އެހެން ބުނުމުން ދިން ހަމަލާ ވީޑިއޯއިން ތި ފެންނަނީ،" އާމިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނިކޮށް ނަގާފައިވާ ވީޑީއޯއަށް އިޝާރާތްކުރައްވައި އާމިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސައިކަލް ހުއްޓުވުމަށްފަހު އޭނާއާ ފުލުހުން މުހާތަބުކުރީ ވަރަށް ހުތުރު ބަހުން ކަމަށެވެ. ނަމަވެސް އޭނާ ބޭއަދަބީ އެއްވެސް ލަފުޒެއް ބޭނުން ނުކުރާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ހަމައެކަނި ބުނީ އާންމު އިޖުތިމާއި މިންގަނޑުތަކާ ހިލާފު އަމަލު ހުއްޓުވުމުގެ ގާނޫނެއް އޮންނާނެއޭ، ކީއްވެހޭ ތަންފީޒު ނުކުރަނީ، އެއާއެކު އެސްބީއައި ކުރިމަތީގައި ބޭރު މީހުން ޑޮލަރު ވިއްކުމާއި މަގުމަތީގައި ޑުރަގު ޑީލުކުރުމާއި ބޮއެގެން ބިއްޖެހިފަ ތިބުމާއި ބޭރު މީހުންގެ މައްސަލައާއި އާއްމުންނަށް ބިރުވެރިވާ ގޮތަށް ސައިކަލް ދުއްވާ މައްސަލައާއި މި ކަހަލަ ބައިވަރު މައްސަލަތައް އެބަހުއްޓޭ، މީހަކު ވައްކަން ކޮށްގެން ދަނިކޮށް ރިޕޯޓް ކުރީމަވެސް އަޅައެއް ނުލައޭ، އެހެންވީމަ އެކަން ތަންފީޒުނުކޮށް މިކަން މި ލެވެލްއަށް ތަންފީޒު ކުރަނީ ކީއްވެތޯ؟ ބުނީމަ އިތުރަށް އަޅުގަނޑަށް އަނިޔާކުރަން ފެށީ، ބުނިން އަނިޔާ ނުކުރާށޭ،" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ، އޭނާ ގެންދިޔައީ ޓްރެފިކް ގަވާއިދާ ހިލާފުވެގެންކަން އެނގުނީވެސް ފުލުސް އޮފީހަށް ގެންދިއުމުން ކަމަށާއި ފުލުސް އޮފީހަށް ގެންދިއުމަށްފަހު ލައިސަންސް ހިފެހެއްޓުމަށްފަހު، ސައިކަލް ޓޯކުރި ކަމަށެވެ.

"އަޅުގަނޑު ތަކުރާރުކޮށް ބުނިން، އެއް ކުށަކަށް ދެ އަދަބޭ ތި ދެނީ، ލައިސަންސް ހިފަހައްޓާފަ، ސައިކަލް ޓޯކޮށްފަ، އެހެން ނެހޭދޭނެ ނޫންހޭ، ލައިސަންސް ހިފަހައްޓައިފަ، ސައިކަލް ދޫކޮށްލަ ދޭށޭ ތިއީ މީހެއްގެ ސައިކަލެކޭ، ފުލުހުން ބުނީ ތިބޭފުޅުން ހަދާފަ އޮތް ގާނޫނުގައި އޮންނަ ގޮތޭ އެއީ،" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ، އޭނާ ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ތެރެއިން އޭނާގެ ދެ އަތް ފަހަތަށް އަނބުރާލުމުގެ ސަބަބުން ދެ އަތުގެ ކޮނޑު ހުޅަށް ވަރަށް ބޮޑަށް ތަދުވެފައިވާ ކަމަށެވެ. އެހެންވެ ޑޮކްޓަރަށް ދައްކަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ރޭގެ ވަގުތެއްގައި އާމިރު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވާއިރު، ފުލުހުން ބުނި ގޮތުގައި އާމިރު ރޭ ހައްޔަރުކުރީ ފުލުހުންގެ ވެހިކަލް ޗެކިން ޕޮއިންޓަކަށް މަޑުކުރަން އެންގުމުން، މަޑުނުކޮށް އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުންނެވެ. އަދި އޭނާ ދުއްވި ސައިކަލު ޓޯ ކުރީ ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން ކަމަށްވެސް ބުނެފައިވެއެވެ.