ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ސަރުކާރުން ދިން ހުއްދައިގެ މުއްދަތު އޮގަސްޓު 28 އާ ހަމައަށް އިތުރުކޮށްދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމައިފިއެވެ.

ކަރެކްޝަނަލް ސާވިސަސް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މުއްދަތު އިތުރުކޮށްދޭން އަދީބު އެދިފައިވާތީ، 28 އޮގަސްޓު 2023 އާ ހަމައަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބު ގޭ ބަންދުގައި ހުންނަވަނިކޮށް ސިއްހީ ހާލުކޮޅު ދެރަވެގެން، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދެއްވުމަށްފަހު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން 10 ދުވަހުގެ ހުއްދައެއް ދިނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

އަދީބު ރާއްޖޭން ބޭރަށް ފޮނުވީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުމުން ދިނުމުން، ކަރެކްޝަންގެ މެޑިކަލް ބޯޑުން އެގޮތަށް ލަފާ ދިނުމުންނެވެ. އޭނާ ފަރުވާ ހޯދަމުން ދަނީ ނާރުގެ ބައްޔަކަށް ކަމަށް އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ، އެމްޓީޑީން ބުނެފައިވެއެވެ.