ހއ. އުލިގަމުގައި ހަތިޔާރު ގުދަނެއް ހެދުމަށް މަލްޓާގެ މާޝަލް ކޮންސަލްޓެންޓް ގްރޫޕް، ސޭފްޓީ އެޓް ސީ ލޮޖިސްޓިކްސް ލިމިޓެޑް (އެސްއޭއެސްއެލް) އާ އެކީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ކަމަށް ބުނާ އެއް އެއްބަސްވުން ސަރުކާރުގައި ނެތް ކަމަށާއި ނަމަވެސް އެ އެއްބަސްވުން އެ ކުންފުނީގައި އެބައޮތް ކަމަށް ރައިީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެސްއޭއެސްއެލުން ރާއްޖޭ އުލިގަމުގައި 200 މީހުންނާއެކު ޕްރައިވެޓް ހަތިޔާރު ގުދަނެއް ގާއިމުކޮށް އިންޑިއާ ކަނޑުގައި ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަމުގެ ހިދުމަތް ދޭން އުޅޭކަމުގެ އަޑުތައް ފެތުރުނެވެ. އަދި އެކަމުގެ އެއްބަސްވުމުގައި 2015 ވަނަ އަހަރު ސޮއިކޮށްފައިވާ ކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހު އުލިގަމަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، އެ ރަށުން ސިޓީ ހޮޓަލެއް ހެދުމަށް ދޫކޮށްފައިވާ ބިން މިހާރު ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށާއި އެކަމުގެ ނަފާ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން އެ ސަރަހައްދުން ދެ ބިމަކުން މިހާރުވެސް ކުލި ލިބެމުން އަންނަ ކަމަަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބޭރު ބަޔަކާ ގުޅިގެން އުލިގަމުގައި ހަތިޔާރު ގުދަނެއް ހެދުމުގެ އެއްބަސްވުމަކީ އަޑި ނޭނގޭ އެއްބަސްވުމެއް ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ބެލިއިރުގައި އެ ބުނާ އެގްރީމެންޓެއް ފެންނާކަށް ނެތް. ސަރުކާރުގެ ތަނެއްގައެއް ނެތް، އެހެންނަމަވެސް އެ ކުންފުނީގައި އެބައޮތް އެގްރީމަންޓް. އެންމެ ފަހުން ޕޮލިހަށް ގޮސް ބެލިއިރު އޭގައި ސޮއިކުރީ އަސްލު މީހާ ކަމަށް އެެބަ ޔަގީން ކުރެވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެ ކުންފުނިން މިހާރު ބަދަލަށް އެދޭ ކަމަށާއި އެ ކުންފުނިން އޮތީ ސަރުކާރުން ބަދަލު ހޯދުމަށް ކޯޓަށް ދާ ހިސާބުގައި ކަމަށެވެ.

އުލިގަމަކީ ރާއްޖެއަށް އެންމެ ފަސޭހައިން އެތެރެވެވޭނެ އެއް ރޫޓެވެ. އަދި އެއީ ގިނަ އަދަދެއްގެ ޔޮޓުވެސް ބަނދަރު ކުރާ ސަރަހައްދެކެވެ.