ވ. އަތޮޅަށް ބޭނުންވާ ޕިކްނިކް އައިލެންޑް ހަމަޖައްސާނީ އެ އަތޮޅު ހުރިހާ ރަށެއްގެ ރައްޔިތުންނާ މަޝްވަރާކުރެއްވުމަށްފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނުވައެއް ސެޕްޓެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، ވ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފެލިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މިއަދު ވިދާޅުވީ، ވ. އަތޮޅުގެ ރައްޔިތުން، ހާއްސަކޮށް ގެސްްޓް ހައުސްގެ މަސައްކަތްކުރާ ފަރާތްތަކުން ޕިކްނިކް އައިލެންޑެއްގެ ވާހަކަ އަބަދުވެސް ދައްކާ ކަމަށެވެ.

އެކަމުގައި އޮތް ހިޔާލުތަފާތުވުން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބައެއް ބޭފުޅުން ބޭނުންވަނީ ވަކިރަށެއް އެކަމަށް ތަރައްގީކުރުމަށް ކަމަށާއި، އަނެއްބައި ރަށްރަށުގެ ރައްޔިތުން ބޭނުންވަނީ ކޮންމެ ރަށެއް އެކަމަށް އޮތް ނަމަވެސް، އެކަމަށް ރަށެއް އޮތުމަށް ކަމަށެވެ.

"ސަރުކާރުން މިއޮތީ އެ ހުރިހާ ކަމެއްގައި ރައްޔިތުންނާ ވާހަކަދައްކައިގެން ރައްޔިތުން އެ ބޭނުންވާގޮތަކަށް އެކަން ހައްލުކޮށްދީ، މި އަތޮޅަށް އެ ބޭނުންވާ ޕިކްނިކް އައިލެންޑް ހޯދައިދިނުމުގެ މަސައްކަތްކުރަން. އަޅުގަނޑު މިރަށުގެ ރައްޔިތުންގެ ވިސްނުންވެސް ހޯދާނަން، ކެޔޮދޫ ރައްޔިތުންގެ ވިސްނުންވެސް ހޯދާނަން، ރަކީދޫ ރައްޔިތުންގެވެސް ހޯދާނަން، ތިނަދޫ ރައްޔިތުންގެވެސް ހޯދާނަން، ފުލިދޫ ރައްޔިތުންގެ ވެސް ހޯދާނަން. އެއަށްފަހު ރައްޔިތުން ބޭނުންވާ ގޮތަކަށް އަޅުގަނޑު އެކަން ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި އުމްރާނީ މަޝްރޫއުތަައް ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދަނީ ތަފާތުކުރުމެއް ނެތި ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުގެ ތެރެއިން އެ ކަންތައްތައް ކުރަނީ، ރައްޔިތުން ބޭނުންވާގޮތަށް ކަަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ފިކުރު ތަފާތުވި ނަމަވެސް އެކަންތައް އެއް ފަރާތްކޮށްފައި މި ވެރިކަމުގައި ފެލިދުއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް އެގޮތަށް އިޝާރާތްކުރެއްވީ ފެލިދޫ ދާއިރާގެ މަޖިލިސް ގޮނޑި އިދިކޮޅު ޕީޕީއެމަށް ދީފައިވާކަން ފާހަގަކުރެއްވުމަށެވެ.

މި ދައުރުގައި ފެލުދުއަށް ކޮށްދެއްވާފައިވާ ކަންތައްތަކުގެ ތެރޭގައި ބޮޑު ބަނދަރެއް އަޅައިދިނުމާއި، ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި، ކުޑަކުދިންގެ ޕާކުގެ މަސައްކަތާއި އިންޖީނުގޭގެ މަސައްކަތް ރައީސް ފާހަގަކުރެއްވިއެވެ. އަދި ފެނާއި ނަރުދަމާގެ މަސައްކަތް އެ ރަށުގައި މިހާރުވެސް ކުރިއަށްދާ ކަމަށާއި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރަން ޖެހިފައިވާ މަސައްކަތާއި، ކުވެއިތު ފަންޑުގެ ދަށުން އެ ރަށުގައި ޒަމާނީ ވަސީލަތްތަކާއެކު ހަދާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ކޮންޓްރެކްޓްކޮށް ބަޔަކާ ހަވާޅުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.