އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

ރައީސް ވ. އަތޮޅަށް ފުރާވަޑައިގެންނެވީ މ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު، އެ އަތޮޅު ދިއްގަރުންނެވެ.

ރައީސް ވ. އަތޮޅުން ފުރަތަމަ ވަޑައިގަންނަވާނީ މި އަތޮޅުގެ އެންމެ ކުޑަ އާބާދީއެއް އޮންނަ ރަކީދޫއަށެވެ. ރަކީދޫގެ ރަޖިސްޓްރީ އާބާދީއަކީ 369 މީހުންނެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 63 އެވެ.

މި ރަށަށް ވަޑައިގެން، މި ރަށުގެ ގޮނޑުދޮށް ހިމާޔަތްކޮށް ނިންމުން ރައީސް އިފްތިތާހުކޮށްދެއްވާނެއެވެ. މި ރަށު ބަނދަރު ހުޅުވައިދެއްވާނެއެވެ. އޭގެ ފަހުގައި ބަނދަރު ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ،

މި ރަށަށް ފަހު ރައީސް ދެން ވަޑައިގަންނަވާނީ ކެޔޮދޫއަށެވެ. އެއަށް ފަހު ފެލިދުއާއި ތިނަދުއަށް ވަޑައިގަންނަވާނެއެވެ. އެންމެ ފަހު މަންޒިލަކަށް ވަޑައިގަންނަވާނީ ފުލިދުއަށެވެ. އެ ހުރިހާ ރަށެއްގައިވެސް ބަނދަރު ޖަލްސާތައް ބާއްވާނެއެވެ.