މި އަހަރުގެ ފުރަތަމަ ހަމަހަށް ބަލާއިރު، ދަރީންގެ ހަރަދުގެ ގޮތުގައި 40 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެން ޖެހުނު ނަމަވެސް ލިބުނީ އޭގެ ދެބައިކުޅަ އެއްބައި ކަމަށް ފެމިލީ ކޯޓުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. އެ ކޯޓުން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ދަރިންގެ ހަރަދުގެ ގޮތުގައި އެ ކޯޓުން 21 މިލިއަން ރުފިޔާ ވަނީ ހަވާލުކޮށްފައެވެ.
ފެމިލީ ކޯޓުން އިއްޔެ އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ދަރީންގެ ހަރަދުގެ ގޮތުގައި ދޭންޖެހޭކަން ސާބިތުވެފައިވާ އަދަދަކީ 41،091،820.87 ރުފިޔާއެވެ. ދަރިންގެ ހަރަދުގެ ގޮތުގައި ފެމިލީ ކޯޓަށް 20،531،977.55 ރުފިޔާ ބަލައިގެންފައިވާއިރު ދަރީންގެ ހަރަދުގެ ގޮތުގައި ފެމިލީ ކޯޓުން މިއަހަރުގެ މިދިޔަ މަހުގެ ނިޔަލަށް ރައްދުކޮށްފައިވަނީ 21،165،776.96 ރުފިޔާއެވެ.
އިއްދައާއި ވިހެމުގެ ހަރަދުގެ ގޮތުގައި 5،313،984.95 ރުފިޔާ ސާބިތުވިއިރު، ބަލައިގަތް ފައިސާގެ އަދަދަކީ 1،487،609،53 ރުފިޔާއެވެ. އަދި އިއްދަ އާއި ވިހެއުމުގެ ހަރަދުގެ ގޮތުގައި ފެމިލީ ކޯޓުން ރައްދުކޮށްފައިވަނީ 1،081،383.87 ރުފިޔާއެވެ.
ތަފާސްހިސާބުގައިވާ ގޮތުން 1،52،0000 ރުފިޔާ، ފެމިލީ ކޯޓުން ވަނީ އަނބިމީހާގެ ހަރަދުގެ ގޮތުގައި ސާބިތުވާކަމަށް ކަނޑައަޅައިފައެވެ. 34،000 ރުފިޔާ އެ ހަރަދުގެ ގޮތުގައި ފެމިލީ ކޯޓަށް ބަލައިގަތްއިރު، އަނބިމާހާގެ ހަރަދުގެ ގޮތުގައި ރައްދުކޮށްދީފައިވަނީ 31،000 ރުފިޔާއެވެ.
ފެމިލީ ކޯޓުން ވަނީ މިދިޔަ މަހުގެ ނިޔަލަށް ދަރިންގެ ބޯހިޔާވަހިކަމާއި ދަރިންގެ އެހެނިހެން ހަރަދުގެ ގޮތުގައި 772،115،27 ރުފިޔާ ސާބިތުވާކަމަށް ކަނޑައަޅައިފައެވެ. އޭގެ ތެރެއިން އެ ކޯޓަށް ބަލައިގަތް ފައިސާގެ އަދަދަކީ 130،498.35 ރުފިޔާއެވެ. ރައްދުކޮށްދިން ފައިސާގެ އަދަދަކީ 88،726.44 ރުފިޔާއެވެ.
ފެމިލީ ކޯޓުން ބުނީ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 185 ކުދިންގެ ދަރިންގެ ހަރަދުގެ މައްސަލަ ސާބިތުވި ކަމަށާއި، އަދި އިއްދަ/ވިހެއުމުގެ 180 މައްސަލަ ސާބިތުވި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު