މ. މުލަކުން ޢަލީ ޔާމީން (ވަން އޮންލައިން)
އަމިއްލަ ގެކޮޅު ދޫކުރައްވައި އެހެން މީހެއްގެ ގޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވާތީ ހިތާމަކުރައްވާ ކަމަށާއި އެއީ "ގަޓު" ހުރި ރައީސެއް ނޫން ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މި ރަށަށް މިރޭ ވަޑައިގެން މި ރަށުގައި ބޭއްވި ޖަލްސާގައި މައުރޫފް ވިދާޅުވީ، 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ ރައްޔިތުންނަށް ކެތްނުވާވަރުވުމުން ކަމަށެވެ.
"އަމިއްލަ ގެ ދޫކޮށްލާފައި، އެހެން މީހެއްގެ ގެއަށް ނިކަމެތިކަމާއެކީގައި ވަދެ، ނިކަމެތިކޮށް އުޅެމުންދާތީ މިއަދު އަޅުގަނޑު ހިތާމަކުރަން ރައީސް ނަޝީދާ ދޭތެރޭގައި. ރައީސް ނަޝީދު ފަހުރުވެރިކަމާއެކީގައި ބުނަމުންދިޔައީ ދުވަހަކުވެސް ތިމަން މަނިކުފާނު އެމްޑީޕީ ދޫނުކުރާނެ ކަމަށް. އެކަމަކު އަމިއްލަފުޅަށް އިސްތިއުފާދެއްވި ގޮތަށް އެމްޑީޕީން ވެސް ވަކިވެގެން އެދިޔައީ. މިއީ ސިޔާސީ ބޭފުޅުންގެ ވިސްނުމެއް ނޫން، މިއީ ސިޔާސީ ގަޓު ހުރި ރައީސުންގެ ގޮތެއް ނޫން. އަޅުގަނޑުމެންގެ ރައީސް އެމްޑީޕީ ދޫކޮށެއް ދުވަހަކުވެސް ނުދާނެ، ޔަގީން،" އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ރައީސް ސޯލިހު މުޅި އުމުރަށް ވެސް ހުންނަވާނީ އެމްޑީޕީއާ އެކުގައިކަން ޔަގީންކުރައްވާ ކަމަށާއި އެމްޑީޕީއާ ވާދަކޮށްލެވޭނެ ވަރުގެ ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެމްޑީއޭ އާއި އަދާލަތު އަދި އެމްޑީޕީއާ އެކުވީމާ ދެން އިތުރު ކޯލިޝަނެއް ހަދައިގެން ބަލިކުރަން އާދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގައި 17 އަހަރު އުޅުއްވުމަށް ފަހު ރައީސް ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު