މ. ކޮޅުފުށިން ޢަލީ ޔާމީން (ވަން އޮންލައިން)

މި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކުރައްވައި، މި ރަށުގެ ފެނުގެ ހިދުމަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފިއެވެ.

އެ މަޝްރޫއުތައް ރައީސް ފައްޓަވައިދެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ރަށަށް މިއަދު ވަޑައިގެން މި ރަށު ބަނދަރު ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 5،575 ކިއުބިކް މީޓަރުގެ މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، 4،108 ކިއުބިކް މީޓަރުގެ ސެންޓްރަލް ވޭސްޓް ސަރަހައްދު ފުންކުރުމާއި 518 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 202 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މިއީ 22.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި ރަށުގެ ފެނުގެ ނިޒާމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ޕްލޭނިން މިނިސްޓްރީން އެ ގައުމުގެ އެސްއެމްސީ އިންފްރާސްޓެކްޗާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އެ މަޝްރޫއަކީ 3 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.