މ. ކޮޅުފުއްޓަކީ އެ ރަށް ކުޑަވީމާ ކުރީގެ ވެރީންގެ އުއްމީދެއް އެރަށް ނެތް ރަށެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މ.ކޮޅުފުއްޓަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކޮޅުފުށީގެ އާބާދީ ކުޑަވިޔަސް ރައްޔިތުން އެ ބޭނުންވާ އަސާސީ ހިދުމަތްތަކާއި ތަރައްގީ ކޮޅުފުއްޓަށް ގެނެސްދޭން ޖެހޭ ކަމަށެވެ.

"ވޭތުވެދިޔަ ދައުރުގައި 2013 އިން 2018 ގެ ތޭރައި ރާއްޖެ ތަރައްގީ ކުރުމުގައި ގެންގުޅުއްވި ތަސައްވުރު އެ ވިދާޅުވެދެއްވީ، މިރަށާ ދޭތެރެއަކު އެއްވެސް ތަސައްވުރެއް ނެތް، ތިމަންނަމެންގެ އަމާޒަކީ ވަކި ވަރަކަށް އާބާދީ ދިރިއުޅޭ ރަށްރަށަށް ތަރައްގީ ގެނައުން ކަމަށް ވިދާޅުވީ،" ރައީސް ޔާމީންގެ ސަރުކާރުން ކޮޅުފުއްޓާ މެދު ކަންތައްކުރި ގޮތް ފާހަގަ ކުރައްވައި ރައީސް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ސޯލިހު ވިދާޅުވީ، "އަޅުގަނޑުގެ ނަޒަރުގައި ކޮންމެ ރައްޔިތަކީ އެ ރައްޔިތަކަށް ހައްގުވާ އަސާސީ ހިދުމަތްތައް ލިބެންޖެހޭނެ ބައެއް، އެމީހަކު ދިރިއުޅޭ ތަނެއް އެއީ ބަލަން ޖެހޭ ކަމެއްނޫން، އެމްޑީޕީގެ، އަޅުގަނޑުމެންގެ ގުޅިފައި މިއޮތް ކޯލީޝަންގެ އަމާޒަކީ، ތަސައްވަރަކީ އެއީ، މި ވޭތިވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއައީ އެ އަމާޒަށް، ދަތިތަކާއި އުނދަގޫތައް ކުރިމަތިވި، ނަމަވެސް އެ ގޮންޖެހުންތަކާ އެކުވެސް މިހެން ހުރި ރަށްރަށަށްވެސް ބޭނުންވާ އަސާސީ ހިދުމަތްތައް އަޅުގަނޑުމެން މި ގެންދިޔައީ ފޯރުކޮށްދެމުން،" ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތައް ރަށްރަށުގައި ކުރިއަށް ގެންދިއުމުގެ ފަހަތުގައިވާ އެންމެ މުހިއްމު އެއް ބޭނުމަކީ ރާއްޖޭގައި ހަމަޖެހުން ގާއިމުކޮށް، އަމާންކަން ދެމެހެެއްޓުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫތައްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އެގޮތުން "މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 141 ރަށްށެގައި ފެނާއި ނަރުދަމާގެ ނިޒާމު ހިނގަމުން ނިމެނުން އެބަދޭ، 158 ރަށުގެ އިންޖީނުގޭގެ ޖަނަރޭޓަރު ބަދަލުކޮށް ނިމިއްޖެ، ބިން ހިއްކުމުގެ 21 މަޝްރޫއެއް މިދައުރުގައި އެބަދޭ، އޭގެ ތެރެއިން އަށް މަޝްރޫއެއް ނިމި 13 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް އެބަދޭ، 410 ގެދޮރުވެރިންނަށް 232 މިިލިޔަން ރުފިޔާ އެޕްރޫކޮށް ނިމި 104 މިލިޔަން ރުފިޔާ ދޫކުރެވިއްޖެ، އަމާޒަކީ ރައްޔިތުން އަމާންކަމާއެކު ތަރައްގީގެ މުޖުތަމައެއްގައި ދިރިއުޅުން،" ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮޅުފުއްޓަށް ބޭނުންވާ ކަންތައްތަކުގެ ތެރެއިން، އެރަށު ސްކޫލަށް ބޭނުންވާ 8 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ނިމި، ފެނުގެ ނިޒާމް ގާއިމްކޮށް ރަށް ހިމާޔަތް ކުރުމުގެ ފުރަތަމަ ފޭހުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތް ދައުރުގައި ރައްޔިތުން ބޭނުންވާ އިތުރު ތޮށި ޖަހައި މުޅިރަށް ހިމާޔަތްކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ކޮޅުފުށި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޓަކައި 100 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ކުރިއަށް މިއޮތް ދައުރުގައި، އެއަށް 50 ޔުނިޓް އިތުރުކޮށް، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮޅުފުށީގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ނިމިފައިވާ ކަމަށާއި، ދެން އޮތީ މަގުތައް ހެދުން ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ، ކުރިއަށްއޮތް ދައުރުގައި އެރަށުގެ މަގުތައް ހަދައި ނިމޭނެކަމަށެވެ. މީގެކުރިން ކޮޅުފުއްޓަކީ މަސްވެރި ރަށަކަށްވީނަމަވެސް ސުނާމީ ކާރިސާއަށްފަހު، ދިރިއުޅުމަށް އައި ބަދަލާއެކު މަސްވެރިކަން ހީނަރުވެފައި ވާތީ، ރަށާ ކައިރިން އެ ރަށު ރއްޔިތުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުގެމަތިން ކޮޅުފުށީ ރައްޔިތުން އެދޭގޮތަށް، އެ ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެރަށް ކައިރިން ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއެއް ހިންގަވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.